ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުގެ ތަކުގެ ސައިބަރ ސިޓީ ތަކުގެ ތެރޭގައި ފުރަމަތަވެސް ގުނެނީ ޖަޕާންގެ ޓޯކިޔޯ ސިޓީއެވެ. ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ގިނަ ސިޓީ ތަކެއް ދުނިޔޭގެ އެކި ގައުމު ތަކުގައި ހުންނަ އިރު އެ ސިޓީ ތަކަށް ސައިބަރ ސިޓީގެ ނަމުން ގިނަ މީހުން ކިޔައެވެ. ކޮންމެ ގައުމެއްގައިވެސް ސައިބަރ ސިޓީއެއް އޮވެއެވެ. ސުވާލަކީ ރާއްޖޭގެ ސައިބަރ ސިޓީ އަކީ މާލެ ހެއްޔެވެ. ނުވަތަ ފުވައްމުލައް ސިޓީ ހެއްޔެވެ. 4 ސިޓީ ހިމެނޭ މި ކުޑަ ދިވެހިރާއްޖޭގެ ސައިބަރ ސިޓީ އަކީ ކޮން ސިޓީއެއްތޯއެވެ.
ދިވެހިންނަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އަބަދުވެސް ފަރިތަ ބައެކެވެ. އެންމެ ފަހުގެ ފޯނުތަކާއި އެންމެ ހަލުއި މޯބައިލް ނެޓްވޯކް 5ޖީ ވެސް ބޭނުން ކުރާ ބައެކެވެ. މި ސަރަހައްދުން އެންމެ ފުރަތަމަ 5ޖީ ބޭނުން ކުރަންފެށި ބަޔަކީވެސް މި ކުޑަ ކުޑަ ދިވެހިރާއްޖެއެވެ. އެހެން ކަމުން ފަހުގެ ޓެކްނޮލޮޖީއަކީ ދިވެހިންނާއި ވަރަށް ރައްޓެހި އެއްޗެކެވެ ދިވެހިން ފަރިތަ އެއްޗެކެވެ. އަގުބޮޑު އަދި ފިނިހަކަ ދުވެލީގައި ކުރިން ލިބެމުން އައި އިންޓެނެޓްގެ ހިދުމަތް ބޮޑު ތަނުން ރަނގަޅުވެ މިހާރު އެ ޝަކުވާގެ އަޑުވަނީ މަޑުވެފައެވެ. ރަށުގައި ތިބެގެން އިންޓަނެޓްގެ އެހީގައި ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނަ މަންޒަރު މިހާރު އެބަ ފެނެއެވެ.
ކުރިން ޔޫޓިއުބް ވީޑިއޯއެއް ނުބެލިގެން ޝަކުވާ ކުރި ޒަމާން މާޒީވެ ސުމާޓް ޓީވީ ތަކުން ނެޓެފުލިކްސް އާއި ޔޫޓިއުބް ޗެނަލްތަކުން ފިލްމްތައް ބަލާ އެތައް ބަޔަކު މި ޖަޒީރާ ރަށްތަކުގައި މިހާރު އެބަތިއްބެވެ. ޓޭޑާކޮޅު ހުސްވެގެން ސުޕީޑް ދައްވާ މައްސަލަ ހައްލުވެފައިވާ ކަމަށް ބުނެވިދާނެއެވެ. ތަފާތު އެކި އެކި ސޯޝަލް މީޑިއާ ޕުލެޓްފޯމް ތަކުގައި މުޅިދުވަސް ނިިމިގެންދާއިރު ރޭކާނުލާ އެތައްބައެއް މިހާރު އެބަތިއްބެވެ. އެހެން ކަމުން އިންޓަނެޓާއި ފަހުގެ އެކި އެކި ޓެކްނޮލޮޖީގެ ބޭނުން ދިވެހިން ކުރަމުން އަންނަ ކަން މި އޮތީ ފެންނާއެވެ. ސުވާލަކީ މި ހުރިހާ ކަމެއްގެ ތެރޭގައި އުޅެމުން އަންނަ އިރުވެސް ދިވެހިރާއްޖޭގެ ސައިބަރ ސިޓީ ނުފެނިގެން މި އުޅެނީ ކީއްވެތޯއެވެ.
ސައިބަރ ސިޓީއޭ ބުނުމުން ހިތަށް ވަންނަނީ ޓެކްނޮލޮޖީ ކުންފުނިތައް ޖަމާވެ ތިބޭ ހިސާބުގެ ވާހަކައެވެ. އިންޓަނެޓްގެ އެންމެ ހަލުއި ދުވެލި ހުންނަ ހިސާބު ވާހަކައެވެ. ނުވަތަ އައިޓީ ސާމާނު އެންމެ ފަސޭހައިން ގަންނަށް ލިބޭ ފިހާރަތަކުގެ ވާހަކައެވެ. ނުވަތަ ސޮޕްޓެވެއަރ އުފައްދާ މީހުންގެ ހިސާބުގަނޑުގެ ވާހަކައެވެ. ދުނިޔޭގެ ބޮޑެތި ގައުމުގެ ތަކުގައި ސައިބަރ ސިޓީ ކިޔަނީ މިބުނި ކަންކަން އެންމެ ފުރިހަމައަށް ހުންނަ ހިސާބަށެވެ. ޖަޕާންގެ ޓޯކިޔޯ އާއި އެމެރިކާގެ ސިލިކަންވެލީ އާއި އެންމެ ކައިރިން އިންޑިޔާގެ ބެންގަލޫރަކީ އެ ގައުމުގެ ސައިބަރ ސިޓީއެވެ.
ޕުރޮގުރާމް ލިޔުމަށް ނުވަތަ ސޮފްޓްވެއަރ އުފައްދާ ޑިވެލޮޕަރުން ރާއްޖޭގައި އެންމެ ގިނަ އެއްރަށަކީ ފުވައްމުލައް ސިޓީއެވެ. ސިޓީއެއްގެ ދަރަޖަ ލިބުނު ހިސާބުން ފުވައްމުލައް ސިޓީއަކީ ދިވެހިރާއްޖޭގެ ސައިބަރ ސިޓީއަށްވެގެން ދާނެކަމަށް އަޑު ފެތުރުނެވެ. އެ ސިޓީގެ ޒުވާނުން ބޭނުންވާ ޓެކްނޮލޮޖީގެ އެކި އެކި ރޮނގުތަކުން ކުރިއަށް ދިއުމަށް ބޭނުންވާނެ ވަސީލަތްތައް ގާއިމުކޮށްދޭނެ ވާހަކަތައް އެކި ސަރުކާރުތަކުން ދެއްކިއެވެ. ހަމަ އެއާއި އެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައިވެސް އައިޓީ ޕާކެއް ތަރައްގީ ކުރެވި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމު ކުރެވޭނެ ވާހަކަތައް އެކި ފަހަރު އެކި ސަރުކާރުތަކުން ދެއްކި އަޑުއެހީމެވެ. އެހެން ނަމަވެސް ގޫގުލްގައި ދިވެހިރާއްޖޭގެ ސައިބަރ ސިޓީ ނުވަތަ އިންޓަނެޓް ސިޓީ ކޮބައިތޯ ޖަހާލިއަސް ޖަވާބެއް ނުލިބެއެވެ.
ސުވާލަކީ 4 ސިޓީ މިހާރު އޮތް ދިވެހިރާއްޖޭގެ ސައިބަރ ސިޓީ އަކީ ކޮބައިހެއްޔެވެ؟