ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހިޔާލު ހޯދުމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން އާއްމުންގެ ހިޔާލަށް ހުޅުވާލައިިފިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި މުރާޖާ ކުރުމުގެ މަސައްކަތްތައް އޭޖީ އޮފީހުން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ ފަހުން އޭޖީން ވަނީ ސުޕްރީމް ކޯޓާއެކު މަޝްވަރާކޮށްފައެވެ. އަދި ގާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ވަނީ އޭޖީން ނިންމައިފައެވެ.
އޭޖީ އޮފީހުން ބުނީ ޖޭއެސްސީ އިސްލާހުކުރުމުގެ ބިލު އެކުލަވާލުމުގައި ޝަރުއީ ދާއިރާ އާއި ކަމާބެހޭ އެނޫންވެސް ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
އެހެންކަމުން އެ ކަމާގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށްޓަކައި، އެ ފުރުސަތު އާންމުކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ހިޔާލު ހުށަހަޅަންޖެހެނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ [އޮންލައިން ފޯމެއް](https://tinyurl.com/mwj3mkm7) ހުށަހަޅައިގެންނެވެ. ނުވަތަ މެއިލް ކޮށްގެންނެވެ. ހިޔާލު ހުށަހެޅުމުގެ ސުންގަޑި އަކީ 20 އޮކްޓޫބަރު 2022 އެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ސަރުކާރުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅަން ނިންމާފައިވަނީ ކޮން ގޮތަކަށް ކަމެއް ހާމައެއް ނުކުރެއެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވަނީ 10 މެމްބަރުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު