ދުނިޔެ

އަދުގެ ދުނިޔެ: ނިއުކުލިއަރ ހަނގުރާމައެއްގެ ތުންފަތްމައްޗަށް އިރުމަތީ ޔޫރަޕް!

އިމާދު ލަތީފު

ޔުކްރޭނުގެ އިރުމައްޗާއި ދެކުނުގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލުމުގެ ގާނޫނު ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވަނީ މި ހަފުތާގައި ތަސްދީގު ކުރައްވައިފައެވެ. ރައީސް ޕުޓިންގެ މި ފިޔަވަޅާއެކު ޔުކްރޭނުގެ ހަތް މަސްވީ ހަނގުރާމައިގައި މުޅިން އައު ވަރަށް ނުރައްކާތެރި ބާބެއް ފެށުނީއެވެ. މިއީ ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމުގެ ބާބަކަށްވުމުގެ ބިރު ނުހަނު ބޮޑެވެ. ދުނިޔޭގެ އެއްވެސް ހިސާބެއްގައި ކުރެވުނު ހަނގުރާމައެއްގައި އެއްވެސް ބަޔަކު ނިއުކުލިއަރ ހަތިޔާރެއްގެ ބޭނުން ނުކުރާތާ 77 އަހަރު ވެއްޖެއެވެ. އެފަދަ އެއްޗެއް އެންމެފަހުން ބޭނުންކުރީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނާ ދެކޮޅަށް އެމެރިކާއިންނެވެ. ރަޝިޔާ މިހާރު އެދަނީ ނިއުކުލިއަރ ހަތިޔާރެއް ބޭނުންކުރުމާ ކައިރިއަށް ޖެހެމުން ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޔުކްރޭނުގައި ރަޝިޔާއަށް ހުރަސްއަޅައި ދުއްޕާންކުރުމުގެ ކަންކަން ހުޅަނގުގެ ގައުމުތަކުން ކުރިއަށް ގެންދާކަމަށް ވެއްޖެނަމަ ނިއުކުލިއަރ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު މީގެކުރިންވެސް ރައީސް ޕުޓިން ވަނީ ދެއްވައިފައެވެ. ހުޅަނގުން އެދަނީ މެދުކެނޑުމެއްނެތި ޔުކްރޭނަށް ހަތިޔާރު އޮއްސަމުންނެވެ. އަސްކަރީގޮތުން ރަޝިޔާއަށް އެދަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ޔުކްރޭނުގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލުމުގެ ނަތީޖާ އެހާ ބިރުވެރި ކަމަކަށްވާ ސަބަބަކީ ސީދާ ރަޝިޔާގެ ސަރަހައްދަކަށް ހުޅަނގުން ހަމަލަދިނީ ކަމަށް ބަލައި ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމަށް ރައީސް ޕުޓިންއަށް ހުއްޖަތެއް ލިބުމެވެ. ރަޝިޔާގެ ސަރަހައްދީ ކަރާމާތަށް ނުރައްކާވެއްޖެކަމަށް ކަނޑައެޅުމުގެ ފުރުސަތު ތަނަވަސްވުމެވެ.

މިދިޔަ ހުކުރު ދުވަހުވެސް ރައީސް ޕުޓިން ވަނީ ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމާމެދު ނުސީދާ އިޝާރާތެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާއިން މީގެ 77 އަހަރު ކުރިން ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައަކަށް ނިމުން ގެނެސްފައިވާ ކަމަށާއި ނިއުކުލިއަރ ހަތިޔާރު ބޭނުންކުރާނޭގޮތް ދުނިޔެއަށް ދަސްކޮށްދިނީ އެމެރިކާއިން ކަމުގައެވެ. ޕުޓިންގެ މި އިޝާރާތުން ނުރައްކަލުގެ ރަނގަބީލު ޖެހޭ ސަބަބަކީ އެމެރިކާގެ މިފަދަ ކަންކަމަށް މިސާލު ޖައްސަވައި ހަމަ އެކަންކަން ތަކުރާރު ކުރެއްވުމުގެ ތާރީޚެއް ޕުޓިންއަށް ލިބިފައިވާތީއެވެ. އެމެރިކާ ސިފައިން އިރާގަށް އެރިއެރުމަކީ އެމެރިކާއިން ފެށި ސިލްސިލާއެއް ކަމަށް ޕުޓިން ސިފަކުރައްވާފައިވެއެވެ. ރަޝިޔާއިން ޔުކްރޭނަށް އެރުން މައްސަލަޔަކަށްވަނީ ކީއްވެގެންތޯވެސް ސުވާލު ކުރައްވާފައިވެއެވެ.

ރައީސް ޕުޓިން ދެއްވަމުން ގެންދަވާ އިންޒާރުތަކާ އެއްގޮތަށް އޭނާ އަމަލުކުރައްވާނެތޯ ނުވަތަ ނޫންތޯ ކުރެވެމުންދާ ބަހުސްގައި ޔުކްރޭނުގެ ރައީސް ޒެލެންސްކީއާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް ފަދަ ބޭފުޅުންގެ ރައުޔުކަމަށް ފެންނަނީ ނިއުކުލިއަރ ހަތިޔާރު ބޭނުން ކުރައްވަން ރައީސް ޕުޓިންއަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. އެ އުޅުއްވަނީ ހުޅަނގުގެ ޒަމާނީ ހަތިޔާރު ޔުކްރޭނަށް ލިބުން ހުއްޓުވާންވެގެންނެވެ. ރަޝިޔާ ސިފައިންގެ ތެރެއަށް އިތުރު މީހުން ގެނެސްގެން ހަނގުރާމައިގެ ރާޅަށް ބަދަލެއް ގެނެވެންދެން އެއުޅުއްވަނީ ވަގުތު ހޯއްދެވުމަށެވެ. މިއީ ހުޅަނގުގެ ފިކުރެވެ. ރައީސް ޕުޓިންގެ އިންޒާރަށް ފަހުގައިވެސް އެމެރިކާއިން އެވަނީ އެއްބިލިޔަން ޑޮލަރުގެ ހަތިޔާރު ފޮނުވާން ނިންމައިފައެވެ.

އެމެރިކާއިން ޔުކްރޭނަށް ފޯރުކޮށްދެމުންދާ ޒަމާނީ ހަތިޔާރުގެ ތެރެއިން ރަޝިޔާއަށް އެންމެ ބޮޑު ތުރާލަކަށް ވެފައިވާ އެއްޗަކީ ހައިމާރސްްއޭ ކިޔުނު މިސައިލް ނިޒާމެކެވެ. ހަނގުރާމައިގެ މައިދާނަށް ބަދަލު އައުމުގެ މައިގަނޑު ސިއްރަކީވެސް މި ހަތިޔާރެވެ. ރަޝިޔާ ސިފައިންނަށް މީގެ ސަބަބުން ނުހަނު ބޮޑެތި އާފާތްތައް ކުރިމަތިވާކަމީ އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ. މި ހަތިޔާރުގެ އެހީގައި ޔުކްރޭނުގެ ލަޝްކަރުތަކުން ކުރިއަށްޖެހިލާ ކޮންމެ ދަނޑިވަޅެއްގައި ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމަށް ގޮވާ ގޮވެލީގެ އަޑު ރަޝިޔާގެ ތެރޭގައި ގަދަވެއެވެ. ރައީސް ޕުޓިންގެ އެހީތެރިންގެ ތެރެއިން ބޭފުޅެއް ކަމުގައިވާ ރަމްޒާން ކަދީރޯވްއަކީ ޔުކްރޭނުގައި ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތު ކުރައްވާ އެއް ލީޑަރެވެ.

ރަޝިޔާއާ އެއްކޮށްލި ހަތަރު ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލެއްވެސް ރަޝިޔާއަކަށް ނެތެވެ. އެ ހަތަރު ސަރަހައްދުގެ ބައެއް އޭރިއާތައް އޮތީ ޔުކްރޭނުގެ ދަށުގަަައެވެ. މިހާރުވެސް ޔުކްރޭނުގެ ސިފައިން އެދަނީ ރަޝިޔާގެ ސިފައިން ކޮންޓްރޯލްކުރާ އޭރިޔާތަކަށް ހަމަލާދެމުންނެވެ. ގާނޫނީގޮތުން ރަޝިޔާގެ ކުރިމަތީގައި އެއީ ރަޝިޔާގެ ސަރަހައްދެވެ. "މަދަރ ރަޝިޔާ" އެވެ. އެހެންވީމާ ދެން އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ. އެއް ފިޔަވަޅަކީ ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްގެން ޔުކްރޭނުގެ ލަޝްކަރު ދޮވެލުމެވެ. އަނެއް ފިޔަވަޅަކީ ވެރިރަށް ކިއެވްއަށް ހަމަލަދީ ރައީސް ޒެލެންސްކީގެ ކިއްލާ ފުނޑުފުނޑުކޮށް ޔުކްރޭނުގެ ޒައާމަތު ނައްތައިލުމެވެ. މި ދެކަމަކީވެސް ރަޝިޔާއަށް ކުރެވިދާނެ ކަންކަމެވެ. މިހާތަނަށް ނުކުރިއެއްކަމަކު ކެރިކުޅަދާނަ ކަންކަމެވެ.