ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއިން ރާއްޖޭގައި ކުރިއަށްގެންދާ ފްލޯޓިން ސިޓީގެ ފުރަތަމަ ބްލޮކް ނިންމައި ފޮޓޯ އާންމުކޮށްފިއެވެ.
ފްލޯޓިން ސިޓީގެ ފުރަތަމަ ބްލޮކުގެ ގެތަށްހުރީ ނޫ، ފެހި، ފިޔާތޮށި އަދި ރީދޫ ކުލައިންނެވެ. އެތަނުން ގެއެއް ދެބުރިއަށް އަޅާފައިވާ އިރު، ހުރިހާ ގެއެއްވެސް ހުރީ މޫދު ކައިރީގައެވެ.
"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށް ގެންދާ އެ މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފައެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. ބައިސަން ކުންފުންޏާ ހަވާލުކޮށްފައިވަނީ 5000 ފްލޯޓިން ހައުސިން ޔުނިޓް އެޅުމަށެވެ.
އެކުންފުނިން މިއަދު ބުނީ މޫސުން ތަންދިނުމާ އެކު އަންނަ ހަފުތާގައި އެ ބްލޮކު ދައްކާލުމަށް އާންމުންނާއި ނޫސްވެރިން ގެންދާނެ ކަމަށެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީއަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހަދާ އީޖާދީ ބޯހިޔާވެހިކަމުގެ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ބުނެއެވެ. މި ހައުސިން ޔުނިޓުތައް ފަރުމާ ކުރެވިފައިވަނީ ސަލާމަތްތެރިކަމާއި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަކަށް ކަމަށް އެ މަޝްރޫއު ހަވާލުކުރި ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން މި މަޝްރޫއުގެ ތެރެއިން ޔޮޓު މެރީނާއަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެއެވެ.
ފްލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 14 ވަަނަ ދުވަހުއެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ 10 އަހަރަށް ބަހާލައިގެންނެވެ.
ނަމަވެސް ފަހުން ފްލޯޓިން ސިޓީ ޕްރޮޖެކްޓްގެ އެގްރީމެންޓަށް ބަދަލުތަކެއް ގެނެސް, އަނެއްކާ ވެސް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހު ސޮއިކޮށްފިއެވެ.
އެގޮތުން ކުރިން ހައުސިން މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ފްލޯޓިން އައިލެންޑް ޕްރޮޖެކްޓް، އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތަށް ބަދަލުގެނައީ ރިސޯޓެއްގެ ބައެއްގައި މީހުން އުޅޭ ތަންތަން އެޅުމަށް މަގުފަހިކޮށް ދިނުމަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގައެވެ. އެ މަޝްރޫއުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު