ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހެކަތަންއެއް ބާއްވަން ނިންމައިފިއެވެ.
ބީއެމްއެލްއިން މިއަދު ބުނީ، އަލަށް ތައާރަފުކުރި އިނޮވޭޝަން ލެބަށް ބައިވެރިން ހޮވުމަށް ހެކަތަންއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 'ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް" ތީމްގެ ދަށުން ކަމަށެވެ. އެ ހެކަތަން ކުރިއަށް ގެންދާނީ 48 ގަޑިިއިރަށް ކަމަށް ބީއެމްއެލުން ބުންޏެވެ.
އެ ހެކަތަންގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް އަމިއްލަ ފަރުދުންނާއި ޓީމްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
ބީއެމްއެލްއިން ބުނީ ހެކަތަންގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 50 ފަރާތަށް ކަމަށެވެ. ހެކަތަން ފެށުމަށް ނިންމާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު މެންދުރުފަހު 2:00 ގައި ހޮޓެލް ޖެންގައެވެ.
ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ އެންމެ ފަހުގެ ޓެކްނޮލިޖީގެ އެހީގައި ބޭންކިން ދާއިރާއަށް ބަދަލު ގެނައުމަށް ފިންޓެކް ކޮމިއުނިޓީ އާއި ޑިވެލޮޕަރުންގެ ފަރާތުން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.
"މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭންކިން ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ދިޔުމަކީވެސް އަޅުގަނޑުމެންގެ އަމާޒު. ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމު ވެގެންދާނެ،" އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ ހެކަތަންގައި ތިން ޓީމު ހޮވައި ޓީމުތަކުން ހުށަހަޅާ ހިޔާލު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.
އެ މުއްދަތުގައި މަސައްކަތް ކުރުމަށް ހާއްސަ އޮފީހަކާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާގެ އިތުރުން ޑިވެލޮޕްކުރާ ސޮލިއުޝަނަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ބީއެމްއެލުން ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފައެވެ.