ޓެކާސް މޯލްޑިވްސްގެ ޓެކާސް ރިސޯޓް ކަޕްގެ ކ. އަތޮޅު ދެކުނު ބިތުގެ ރިސޯޓުތައް ވާދަކުރި މުބާރާތުގެ ޗެމްޕިއަންކަން އޮޒެން-ލައިފް މާދޫން ހޯދައިފިއެވެ.

މާދޫން ކ. އަތޮޅުގެ ދެކުނު ޗެމްޕިއަންކަން ހޯދީ އަންގާރަ ދުވަހު ކުޅުނު ފޯރިގަދަ ފައިނަލްގައި ހާޑްރޮކް ހޮޓެލް މޯލްޑިވްސް ބަލިކޮށްގެންނެވެ. ކ. އަތޮޅު ދެކުނު ބިތުގެ ރިސޯޓުތައް ވާދަކުރި މުބާރާތް ހޯސްޓްކުރި، ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުޅުނު ފައިނަލްގައި މާދޫން ހާޑްރޮކް ބަލިކުރީ 5-4 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި މާދޫން ގޯލުތައް ޖަހައި ހާފު ނިންމާލީ 3-1 ގެ ނަތީޖާއާއެއްގައެވެ. މާދޫން ފުރަތަމަ ހާފުގައި ދެއްކި ކުޅުމުގައި އެންމެ ބޮޑަށް ހިއްސާވީ މުހައްމަދު ސިރުހާނާއި ޖާދުﷲ އަހުމަދެވެ. އެ ދެކުޅުންތެރިން ފުރަތަމަ ހާފުގައި ތަފާތު ދެއްކި ނަމަވެސް ދެވަނަ ހާފަށް ނުކުމެ، ހާފުގެ ކުރީކޮޅުގައި އައިމަން އިލްޔާސް ޖެހި ގޯލުތަކުން ހާޑްރޮކް ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗު އަނބުރާލުމަށް ހާޑްރޮކުން މަސައްކަތް ކުރަނިކޮށް އަނެއްކާވެސް އޮޒެން-ލައިފް މާދޫން ފުލުފުލުގައި ދެ ގޯލު ޖެހިއެވެ. އެ ދެގޯލާ އެކު އެޓީމުން ތަށި ޔަގީންކުރި ނަމަވެސް ހާޑްރޮކުން ވަނީ ފަހު ވަގުތާ ޖެހެންދެންވެސް ބުރަކޮށް މަސައްކަތް ކޮށްފައެވެ.

ފައިނަލް މެޗަށްފަހު ކ. އަތޮޅު ދެކުނު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބާއްވާފައިވެއެވެ. އެ ރަސްމިއްޔާތުގައި ކްރޮސްރޯޑްސް މޯލްޑިވްސް އަދި ހާޑްރޮކް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އުނާން ޓޮލްގާގެ އިތުރުން އެ ރިސޯޓުގެ ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަންގާރަ ދުވަހު ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް މާދޫގެ ސާދުﷲ އަހުމަދު ހޮވުނު އިރު، އެންމެ މޮޅު ފަސްކުޅުންތެރިންނަކީ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ އިބްރާހީމް ރަފާހާއި ތާޖު އެކްސޮޓިކާ މޯލްޑިވްސްގެ މުހައްމަދު މަޒީން، ހާޑްރޮކް މޯލްޑިވްސްގެ މުހައްމަދު ތަސްމީން (ތައްތި)ގެ އިތުރުން އެޓީމުގެ އައިމަން އިލްޔާސް އަދި އަހުމަދު ނިސާލެވެ.

އިލްޔާސްއަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ. އޭނާ ވަނީ 12 ގޯލު ޖަހައިފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އޮޒެން-ލައިފް މާދޫގެ ސިރުހާނެވެ.

ކ. އަތޮޅު ދެކުނު މުބާރާތުގައި ޖުމުލަ 12 ޓީމަކުން ވާދަކޮށްފައިވެއެވެ. ސައުތް ކާފް އަތޮޅުގެ އިތުރުން ދެން މުބާރާތް ކުރިއަށް ދާނީ އދ. އަތޮޅާއި އއ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅުގެ އިތުރުން ނ. އަތޮޅާއި ނޯތް ކާފު އަތޮޅުގެ ޓީމުތަކުގެ މެދުގައެވެ.

އޭގެ ތެރެއިން ރަޖިސްޓްރޭޝަން ބަންދު ނުވެ އޮތީ އދ. އަތޮޅުގެ ޓީމުތަކަށް އެކަންޏެވެ. އެހެން ހުރިހާ އަތޮޅުތަކެއްގެ ޓީމުތައް މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. މިހާތަނަށް މުބާރާތުގައި ހަތް ޒޯނަކުން 45 ރިސޯޓް ބައިވެރިވެފައިވެއެވެ.

ޓެކާސް ރިސޯޓް ކަޕްގައި ރިސޯޓްތައް ތަމްސީލު ކުރެވޭނީ އެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ފައިނަލްވެސް ކުޅޭނީ ކްރޮސްރޯޑްސްގައެވެ. މުބާރާތުގެ ސައުތު ކާފު އަތޮޅުގެ މެޗުތަކަށް ފަހު ދެން އޮންނާނީ ނޯތު ކާފު އަތޮޅުގެ މެޗުތަކެވެ. އެ މެޗުތައް މިމަހުގެ ތެރޭގައި ފަށާއިރު، މެޗްތައް އޮންނާނީ ފަރި އައިލެންޑްސް ރިސޯޓްގައެވެ.