ޚަބަރު

ހުޅުމާލޭގައި ޑޭކެއާ ސެންޓަރަކާއި ޕާކިން ބިލްޑިންއެއް ގާއިމުކުރަނީ

މުހައްމަދު އިޝާން

ހުޅުމާލޭގައި ޑޭކެއާ ސެންޓަރެއް ގާއިމުކުރުމަށާއި ޕާކިން ބިލްޑިން އެއްގެ މަސައްކަތް ހައުސިން ޑިވެލޮޕްމެޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެޗްޑީސީން ޑޭކެއާއެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ) އަށެވެ. އަދި ހުޅުމާލޭގައި ޕާކިން ބިލްޑިން އެއް އެޅުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައިވަނީ ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑޭކެއާ ސެންޓަރުގެ އެއްބަސްވުމުގައި އެކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އޭބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގާސިމްވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރޭގައި ވަޒީފާ އަދާކުރާ ދެމަފިރިން ގިނަ ކަމަށާއި ޑޭކެއާ ސެންޓަރެއް އެޅުމަށް ނިންމާފައިވަނީ އެފަދަ މީހުންގެ ދަރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށެވެ.

އެ ޑޭކެއާ ސެންޓަރަކީ 3،000 އަކަފޫޓުގެ ޖާގައިގެ ހަ ބުރީގެ ސެންޓަރެކެވެ. އެ ޑޭކެއާއިން އެންމެ ޒަމާނީ ޑޭކެއާގެ ހިދުމަތް ލިބެން ހުންނާނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ކްލިނުތަކެއް އެ ސެންޓަރުގައި ގާއިމުކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ޑޭކެއާ ސެންޓަރުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގައި ޕާކިން ބިލްޑިން އެއް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އާތިފެވެ. ދަމާސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހެވެ.

ޖުމުލަ 24،700 އަކަފޫޓުގެ ޖާގައެއްގައި ހަ ބުރިއަށް ހަދާ މި އިމާރާތުގައި ބޭސްމެންޓް ޕާކިންވެސް ހިމެނޭނެއެވެ. މި ބިލްޑިންގުން ވެލޭ ޕާކިންގެ ހިދުމަތާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ހާއްސަ ޕާކިންގެ ހިދުމަތް ހުންނާނެއެވެ.

މީގެ އިތުރުން އެ އިމާރާތުގެ ޓެރެސްގައި އަވިން ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް ހަރުކުރާނެއެވެ. އަދި ބިލްޑިންގައި ފުޑްކޯޓެއްވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ބިލްޑިންގެ ދެ ފްލޯއެއް ކޮމާޝަން ބޭނުންތަކަށް ހާއްސަ ކުރާއިރު، މިތަނުގައި ފިހާރަތަކާއި ފާހަނާތައް ހުންނާނެއެވެ.

މި މަޝްރޫއު ނިންމަން އެއްބަސްވެފައިވަނީ ދެ އަހަރު ތެރޭގައެވެ.