މީހުންނަށް އެނގުމަކާނުލައި، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކި ކުރުމާއި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލު ކުރާ މައްސަލަ ނިމުމަކަށް ގެނައުމަށްޓަކައި މިހާރުން މިހާރަށް ގެނެވެން ހުރި ބަދަލުތައް ގެނައުމަށް އިލެކްޝަން ކޮމިޝަނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން މިގޮތަށް ފާސްކުރީ، ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމުގައި ހުރި ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، އެ ކޮމިޓީން ދިރާސާކުރުމަށްފަހު، އެ މައްސަލަ ހައްލު ކުރުމަށް ކޮމިޓީން ހުށަހެޅި ކަންތައްތަކުގެ ގޮތުގައެވެ.
މީގެ އިތުރުން މީހަކަށް ނޭނގި އެހެން ޕާޓީއެއްގެ ދަފުތަރުގައި އެމީހާ ހިމަނާފައި އޮވެއްޖެ ހާލަތެއްގައި އަދި އެއީ އޭނާގެ އެއްވެސް ބައިވެރިވުމެއްނެތި ކޮށްފައިވާ ކަމެއްކަން ސާބިތު ކޮށްދީފިނަމަ، ކުރިން އޭނާގެ ރަޖިސްޓްރީ އޮތް ޕާޓީގައި ބޭއްވޭނެ އުސޫލެއް ކަނޑައެޅުމަށްވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އަމަލު ކުރަމުންދާ އުސޫލު ތަކުގައި ހިމެނޭ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާ ގުޅޭ ކަންކަމުގެ ތެރެއިން، މިހާރުން މިހާރަށް އިސްލާހު ކުރެވެންހުރި ކަންކަން އިސްލާހު ކުރުމަށްޓަގައި ގާނޫނަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް، އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފައާ އެކު އީސީން މަޖިލީހަށް ބިލެއް ހުށަހެޅުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.
ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމުގައި ހުރި ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ، ސިޔާސީ ޕާޓީތަކަށް މީހުން ބަދަލުކުރުމުގައި އެމީހުންގެ ބައިވެރިވުމެއް ނެތި އަމަލުކުރަމުންދާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސިޔާސީ ޕާޓީތަކުގެ ހަރަކާތުގައި ބައިވެރިވުމުގެ ހައްގުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެފަދަ މީހުންގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރުމަށް ބޭނުންވާ މީހުންނަށް އެ ހައްގު ގެއްލިފައިވާ ކަމަށާއި މީހުންގެ ހައްގު ނަގާލައި، ނުހައްގުން މާލީ މަންފާ އާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ ގޮތުން އިތުރު މައްސަލަތައް ކުރިމަތިވަމުން ދިޔުމާއި ސިޔާސީ ޕާޓިގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ކުޑަވަމުންދާތީ، އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު