މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގާ އޮޕަރޭޝަންތަކަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަަލަށް ގަތް 90.8 މިލިއަން ރުފިޔާގެ ޑީސަލްގެ ތެރެއިން ހިޔާނާތުގެ ގޮތުގައި 28.3 މިލިއަން ރުފިޔާގެ ޑީސަލަށް ގެއްލިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑީޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މުއާމަލާތްތައް އޮޑިޓްކުރުމަށްފަހު އޮޑީޓް އޮފީހުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ، މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލުން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް އެ މުއްދަތުގެ ތެރޭގައި ޖުމުލަ 8،855،601 ލީޓަރު (90،808،560 ރުފިޔާގެ) ޑީސަލް ގަނެފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން 2،824،288 ލީޓަރުގެ ޑީސަލް ނުވަތަ އެ މުއްދަތުގައި އެމްޕީއެލުން ގަނެފައިވާ ޑީސަލްގެ 31.9 ޕަސެންޓަށްވާ ޑީސަލް، އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކަށް އެޅުމަށާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންނުކޮށް ގެއްލިފައިވާ ކަމަށާއި އެ ޑީސަލްގެ އަގަށް 28،316،141 މިލިއަން ރުފިޔާ އަރާ ކަމަަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.