ނ. ވެލިދޫގައި ޒުވާނުންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސެއިން "ވަން" އަށް މިރޭ ވިދާޅުވީ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު ކަމަށެވެ. އެ މާރާމާރީ ހިނގާފައިވަނީ އެކުގައި އުޅޭ ބައެއްގެ މެދުގައި ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
"ދެ ގްރޫޕެއްގެ މެދުގައެއް ނޫން. އެއީ ދޮގެއް. އެއްކޮށް އުޅޭ ބައެއްގެ މެދުގައި ޖެހުނު މައްސަލައެއްގައި ހިނގި މާރާމާރީއެއް އެއީ،" އާތިފް ވިދާޅުވިއެވެ.
ވެލިދޫ ހެލްތު ސެންޓަރުގެ ޒިންމާދާރުވެރިޔާ ޔާމީން އަބްދުލް އަޒީޒް "ވަން" އަށް މިރޭ ވިދާޅުވީ މާރާމާރީގައި ޒަހަމްވި އެކަކު ރޭ ދަންވަރު 1:30 ހާއިރު، އެ މަރުކަޒަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ ބޮލަށް އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އެތަން ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އަދި އޭނާގެ ބުރަކަށްޓަށް ވަޅިން ހަމަލާދީފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ބުރަކަށްޓަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމެއް ކަމެއް ވިދާޅެއް ނުވެއެވެ.
ޔާމީން ވިދާޅުވީ އޭނާގެ ބުރަކަށްޓަށް ލިބިފައިވާ ޒަހަމްގެ ސަބަބުން އެއް ފަޔަށް ބާރުލައި، ހިނގައި ނުހެދޭ ކަމަށެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ މިއަދު މެންދުރުފަހު 2:30 ހާއިރު، އިތުރު ފަރުވާއަށް މާލެއަށް ފުރުވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު