ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ފްރަންޓުން ވިއްކަން ހައުސިން އެޗްޑީސީން އިއުލާނު ކުރި 22 ގޯތި ގަންނަން 18 ބީލަމެއް ހުށަހަޅައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓުގެ ޖުމްލަ 74 ބިމެއް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާނުކުރީ މިދިޔަ އޮގަސްޓު 18 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ބީޗްފްރަންޓް 22 ގޯއްޗަށް ބީލަށް ހުށަހެޅުން މިއަދު ހެނދުނު 9:00 އިން 11:00 އަށް، ހ. މީރުމާ އިވެންތު ހޯލުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، އެ 22 ގޯތި ގަންނަން ބީލަން ހުށަހަޅާފައި ވަނީ އެންމެ 18 ފަރާތަކުންނެވެ. އަދި އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 8،251 ރުފިޔާގެ ރޭޓުންނެވެ. އެ ބީލަން ހުށަހަޅާފައިވަނީ ހަސީނާ އިބްރާހިމްގެ ނަމުގައި އިސްމާއިލް ފައިސަލްއެވެ. ބީޗް ފުރަންޓް ބިމުގެ ބީލަން ފެށި އަގަކީ އަކަފޫޓަކަށް 6،500 ރުފިޔާއެވެ.
މިއީ މި އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލެ ބީޗް ފުރަންޓުން ވިއްކި ބިންތަކަށް ލިބުނު ތަރުހީބާ ބަލާއިރު ބޮޑުތަނުން ދަށް އަދަދެކެވެ. އެފަހަރު ވިއްކި ބީޗްފްރަންޓް 26 ބިމަށް ޖުމްލަ 211 ފަރާތަކުން ބީލަން ހުށަހެޅިއެވެ. އެ ބިންތަކަކީ މިހާތަނަށް ހުޅުމާލެއިން ވިއްކި އެންމެ އަގުބޮޑު ބިންތައްވެސް މެއެވެ. އެ ބިންތައް ކާމިޔާބުކުރި ބީލަންތައް އެވްރެޖްކޮށް އުޅެނީ އަކަފޫޓެއް 6،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގައެވެ.
އެޗްޑީސީގެ މީޑިއާ އޮފިސަރު، އަލީ މަޝާރު މިއަދު "ވަން" އަށް ވިދާޅުވީ ބިޑް ކާމިޔާބު ކުރި ފަރާތްތަކުގެ މެދުގައި ޕްލޮޓް ސެލެކްޓް ކުރުމުގެ ބައްދަލުވުން ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ. އަދި މި ފަހަރު ވިއްކަން އިއުލާނުކުރި ބިންތަކުގެ ތެރެއިން ބީޗް ސައިޑުން ވިއްކާ 52 ގޯއްޗަށް ބީލަން ހުށަހެޅުން މާދަމާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު