ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި ހިންގި ކަމަށް އެ ކުންފުނީގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް ވިދާޅުވާ 30 މައްސަލައަކީ އޭނާ އުފައްދާފައިވާ މައްސަލަތަކެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ޕީއެސްއެމްގައި ހިންގި 100 މިލިޔަން ރުފިޔާގެ ހިޔާނާތް ފޮރުވުމަށް، އެ ކުންފުނީގެ އިންޓާނަލް ޑިޕާޓްމަންޓް އުވާލިކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ޕީއެސްއެމްގެ އިސްވެރިން އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ކުންފުނީގެ ކުރީގެ ޗީޕް އިންޓާނަލް އޮފިސަރު އަހުމަދު ފަޒީލް އެ ކޮމިޓީގައި މީގެ ކުރިން ވިދާޅުވެފައިވަނީ، 100 މިލިޔަން ރުފިޔާގެ ހިޔާނާތް ހިމެނޭ 30 މައްސަލައެއް އޭނާ އޮޑިޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހިޔާނާތެއް ހިމެނެނީ ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އިބްރާހިމް ހަލީލް އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި މުހައްމަދު އިކްރާމް ތިއްބެވި ދުވަސްވަރު އަޑިޕާކުގައި ހުރި އެންޓެނާތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ހިންގި 44 މިލިޔަން ރުފިޔާގެ "މީޑިއަމް ވޭވް" ޕްރޮޖެކްޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަތައް ބެލުމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ އެއްބާރުލުން ނުލިބި، މައްސަލަ ބެލުމަށް ބޮޑެތި ދަތިތަކެއް ކުރިމަތި ކުރުވި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ 30 މައްސަލައާ ބެހޭގޮތުން މެމްބަރު ސުވާލު ކުރެއްވުމުން އަލީ ހާލިދު ވިދާޅުވީ، ޕީއެސްއެމްގައި ހުރި ބައިވަރު މައްސަލަތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ފަޒީލް ތުހުމަތު ކުރައްވާފައިވާ އިރު، މި ސަރުކާރު ވެރިކަމަށް އައިސް ޕީއެސްއެމްއާ ހަވާލުވި އިރުވެސް އެތަނުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަތައް ބެލުމަށް ފުރަތަމަ ހަފުތާގެ ތެރޭގައި ތިން މެމްބަރުންގެ ކޮމިޓީއެއް އުފައްދައި، މައްސަލަތައް ބެލުމަށްފަހު ފާހަގަ ކުރެވުނު 14 މައްސަލައެއްގެ ތަފުސީލީ ރިޕޯޓު އެ އަހަރުގެ މެއި މަހު އޭސީސީއަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ފަހުން އެ އަހަރުގެ ޖޫން މަހު 20 މައްސަލަ އޭސީސީއަށް ފޮނުއްވި ކަމަށާއި އަދި އޭގެ ފަހުން އެ މައްސަލަތައް ގޮސްފައި އޮތް ހިސާބެއް ބެލުމަށް އޭސީސީއާ ވާހަކަ ދެއްކެވި ކަމަށެވެ. އޭގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލްއާ ބައްދަލު ކުރައްވައި އެވާހަކަތައް ހިއްސާ ކުރެއްވި ކަމަށާއި އެ ރިޕޯޓުތައް މަޖިލީހަށް ފޮނުއްވި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ފަޒީލް ވިދާޅުވާ 30 މައްސަލަ އޭނާއާ ހަމައަށް އައިސްފައިނުވާ ކަމަށްވެސް ހާލިދު ވިދާޅުވިއެވެ.

"އަޅުގަނޑަށް އެންމެ ފަހުންވެސް ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު ފޮނުވި މެމޯއެއްގައިވެސް އެބައޮތް ޖަހައިފަ 30 މައްސަލަ އަހަރެން ތަހުގީގު ކުރީމޭ 14 މައްސަލައެއްގެ ރިޕޯޓު އަހަރެން ތައްޔާރު ކުރީމޭ. ނަމަވެސް ރިޕޯޓުތައް ބެއްލެވީމަ އެނގޭނެ އެއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ހެދި 14 މައްސަލައިގެ ތެރޭގައި ހުރި އެއްޗެހިތަކެއް ނަގައިފަ ކަން. ދެން މިބުނަނީ މި 14 މައްސަލަ އަށް އަހަރެން މަސައްކަތް ކޮށްފީމޭ މިހިރިއްޔޭ ދެން އޭގެ ތެރެއަށް އިތުރަށް ލާ އެއްޗެއްސަކީ މީނައަށް މިއަދަބުދީ މީނައަށް މިއަދަބުދީ ދެން ބޯޑަށް މި ހުށަހެޅީ. އެހެންވީމަ އޭނައަށް އެއް އަހަރު ދުވަސްތެރޭގައި ކުރެވުނު މި މަސައްކަތްތަކަކީ އަޅުގަނޑަށް އާ މަސައްކަތްތަކެއް ނޫން،" އަލީ ހާލިދު ވިދާޅުވިއެވެ.

ޕީއެސްއެމްގައި ހިންގި އެންމެ ބޮޑު ހިޔާނާތް ހިމެނޭ ޕްރޮޖެކްޓުގެ ގޮތުގައި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް ތުހުމަތު ކުރެއްވި، އަޑިޕާކުގައި ހުރި އެންޓެނާތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ހިންގި 44 މިލިޔަން ރުފިޔާގެ "މީޑިއަމް ވޭވް" ޕްރޮޖެކްޓް" ކުރިއަށް ގެންދިޔަގޮޓާބެހޭ މައުލޫމާތުވެސް އަލީ ހާލިދު ކޮމިޓީއަށް ދެއްވިއެވެ.