ރިޕޯޓް

ތިން ރަށެއްގެ ޕްރިންސިޕަލްކަން ކޮށް އެންމެންގެ ލޯބި ހޯދި ސަޖީ ސަރ

އަލީ ޔާމިން

އިންޑިއާގެ ކެރަލާއަށް އުފަން ސަޖީ ތައިކީލް 39އ، މީގެ 15 އަހަރު ކުރިން 2007 ވަނަ އަހަރު ރާއްޖެ އައީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. އިންޑިއާގެ ކޮލެޖަކުން މާސްޓާސް އޮފް ސައިންސް އިން މެތެމެޓިކްސް ހާސިލުކޮށްފައިވާ ސަޖީ، ފުރަތަމަ މަސައްކަތް ކުރީ ކޮޅުމަޑުލުގައި ދެކުނު ބިތުގައި އޮތް ކަނޑޫދޫ ސްކޫލުގައި ހިސާބު ޓީޗަރެއްގެ ގޮތުގައެވެ.

ހިސާބު ޓީޗަރެއްގެ ގޮތުގައި ކަނޑޫދޫ ސްކޫލުގައި ސަޖީ ކިޔަވައިދިން އިރު، އޭނާގެ ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި ގެންގުޅޭ އެކުވެރިކަމާއި ދަރިވަރުންނާއި ބެލެނިވެރިންނާމެދު ބަހެއްޓި ގާތްކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރީންގެ މެދުގައި ސަޖީއަށް ހާއްސަ ލޯތްބެއް އުފެދުނެވެ. ގިނަ ދަރިވަރިންގެ ފޭވަރިޓް ޓީޗަރަކަށް "ސަޖީ" ވިއެވެ. ކިޔަވައިދިނުމުގެ ގަޑިތައް ނިމުމަށްފަހުވެސް ދަރިވަރަކު ކަމެއް ސާފުކުރަން ބޭނުންނަމަ ހުރިހާ ގަޑިއެއްގައިވެސް ސަޖީގެ ވަގުތުތައް ދަރިވަރުންނަށް ހުސްކުރެއެވެ. އަމިއްލަ އިސް ނެގުމަށް ބައެއް ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކޮށްދީ ފިލާވަޅުތައް ހަދަން ބާރު އަޅައިދީފައިވެއެވެ. ސަޖީ ގެންގުޅުނު ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި ހިންގުންތެރިިކަމުގެ ވިސްނުން އެންމެންނަށްވެސް ކަމުދިޔައެވެ.

ހިސާބު ޓީޗަރެއްގެ ގޮތުގައި ހަތް ވަރަކަށް އަހަރު ހޭދަކުރުމަށް ފަހު، ކަނޑޫދޫ ސްކޫލުގެ ހިންގުމާ ސަޖީ ހަވާލުވިއެވެ. ބެލެނިވެރިންގެ ރެކޮމެންޑޭޝަނަށް ސަޖީ އެމަގާމާ ހަވާލުވުން ވެގެންދިޔައީ، ކަނޑޫދޫ ސްކޫލުގެ ކާމިޔާބީއަށް އިތުރުވި ބޮޅަކަށެވެ. އެ ތަފާތު ސަޖީގެ މާލިމީކަމުގެ ފުރަތަމަ އަހަރުވެސް ދެއްކިއެވެ. އެކްސްޓްރާ ކްލާސްތައް އިތުރަށް ނަގައިދީ، ދަރިވަރުންގެ ކަންކަން ގާތުން ބަލައި ރަނގަޅު ނަތީޖާއެއް ނެރުމަށް ވެރިއެއްގެ ހައިސިއްޔަތުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރިއެވެ. ފުރަތަމަ އަހަރުވެސް ޕްރޮގްރެސް އެވޯޑް ކަނޑޫދޫ ސްކޫލަށް ލިބުނެވެ.

"އޯލެވެލް އަހަރު، ހާއްސަކޮށް އޯލެވެލްއާ ކައިރި މަސްތަކުގެ ކޮންމެ ރެޔަކު ސަޖީ ސޯ ގުޅާނެ ފަތިހު، ފޮތް ކިޔަން އަޅުގަނޑުމެންނަށް. ބައެއް ފަހަރު ސްކޫލަށްވެސް ގެންނާނެ. ދެން ބެލެނިވެރިންނާ ގުޅިގެން އަޅުގަނޑުމެންނަށް ނާސްތާވެސް ތައްޔާރުކޮށްދޭނެ. އެ ނޫން ގަޑިތަކުގަވެސް އަޅުގަނޑުމެން ގެނެސް، ފޮތް ކިޔަން މޯޓިވޭޓް ކުރުމަަށް ކާ އެއްޗެހި ދީވެސް ހަދާނެ. އަޅުގަނޑުމެންނަށް ފީލެއް ނުވާނެ ޕްރިންސިޕަލެއް ގޮތުގައެއްވެސް. އެއަށްވުރެ ހަގީގަތުގަވެސް މާ ރަނގަޅު. އަޅުގަނޑަށް ލިބުނު ކޮންމެ ކާމިޔާބީއެއްގެ ހިއްސާދާރެއް ސަޖީ ސޯ އަކީ" ސަޖީގެ މާލިމީކަމުގައި ކަނޑޫދޫގައި އޯލެވެލް އިމްތިހާނު ފުރަތަމަ ހެދި ބެޗުގައި ހިމެނޭ ދަރިވަރަކު "ވަން" އަށް ބުންޏެވެ.

ކަނޑޫދޫ ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ސަޖީ މަސައްކަތް ކުރިއެވެ. އެއަށް ފަހު، ސަޖީ ޓްރާންސްފާ ކުރީ ކޮޅުމަޑުލާ ޖެހިގެން އޮތް ހައްދުންމަތީ ދަނބިދޫ ސްކޫލަށެވެ. ސަޖީ ދަނބިދޫ ސްކޫލާ ހަވާލުވިއިރު، އެ ސްކޫލުގެ ހާލަތު ދަށެވެ. ވަސީލަތްތަކެއް ނެތެވެ. ދަރިވަރުންގެ ނަތީޖާވެސް ހުރީ "އެވްރެޖް" ވަރެއްގައެވެ. ދަނބިދޫ ސްކޫލާ ހަވާލުވެ، އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު، ބެލެނިވެރިންނާއި ރައްޔިތުންނާ ގުޅިގެން ސްކޫލުގެ ވަސީލަތްތައް އިތުރުކުރުމުގެ މަަސައްކަތް ސަޖީ ކުރިއެވެ. އަހަރަކަށްފަހު އަހަރެއް އެ ސްކޫލުގެ ނަތީޖާވެސް ރަނގަޅުވިއެވެ.

"ބޮޑު ބަދަލެއް މި ރަށަށް ލިބިއްޖެ. ދަރިވަރުންގެ ފެންވަރު އެތައް ގުނައެއް އިތުރުވެއްޖެ. ދިވެއްސެއް ނޫނަސް އެއީ ހަމަ ދިވެއްސެއް. ދަރިވަރުންނަށް މިވަރުގެ ޕްރިންސިޕަލެއް ނުލިބޭނެ" ދަނބިދޫ ޕީޓީއޭގެ މެންބަރަކު "ވަން" އަށް ބުންޏެވެ.

ދަނބިދޫގައި ދެތިން އަހަރު މަސައްކަތްކުރުމަށްފަހު 2020 ވަނަ އަހަރު ސަޖީ ދެން ހަވާލުވީ ށ އަތޮޅު ނޫމަރާ ސްކޫލާއެވެ. ސަތޭކައެއްހާ ދަރިވަރުން އުޅޭ އެ ސްކޫލުގައި ވަސީލަތްތައް މަދުނަމަވެސް، ސަޖީގެ މޭސްތިރިކަމާއެކު އެ ސްކޫލުގެ އޯލެވެލްގެ ނަތީޖާވެސް ދިޔައީ ރަނގަޅުވަމުންނެވެ. އެގޮތުން މިދިޔަ އަހަރަކީ އެ ސްކޫލުގެ ތާރީހުގައިވެސް، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެކެވެ. ނޫމަރާ ސްކޫލުގެ ދަރިވަރުންގެ ލޯބިވެސް އަދި އެ ދަރިވަރުންގެ ބެލެނިވެރިންގެ ލޯބިވެސް ސަޖީއަށް ވަނީ ލިބިފައެވެ.

"އެންމެނާ ގުޅޭ މީހެއް އެއީ. އެންމެންނާވެސް ބައްދަލުކުރާނީ ހިނިތުންވުމާއެކު. ބެލެނިވެރިންނާއެކު މަޖާކޮށްވެސް ޖަހާނެ. ކުޅިވަރުތަކުގަވެސް އެކްޓިވްކޮށް އުޅޭނެ. ޕްރިންސިޕަލެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އޭނާގެ ގައިގަ އެބަހުރި" ނޫމަރާގެ އިސް ރަށްވެއްސަކު "ވަން" އަށް ބުންޏެވެ.

ސަޖީ ބުނި ގޮތުގައި، އޭނާ އަދިވެސް ބޭނުންވަނީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހިދުމަތްކުރާށެވެ. ތައުލީމީ ދާއިރާއަށް ހިދުމަތްކުރުމަކީ ސަޖީއަށް ލިބޭ އުފަލެކެވެ. އެ ދާއިރާއާ ދުރަށް ޖެހޭކަށް އޭނާ ނޭދެއެވެ. ރާއްޖެއަކީ އަމިއްލަ ފަސްގަނޑު ނޫނަސް އެކަން އިހްސާސް ނުވާ ކަމަށް ސަޖީ ބުންޏެވެ. ސަޖީ ބުނި ގޮތުގައި އޭނާގެ ތައުލީމީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ދަރިވަރުންގެ ލޯތްބެވެ. ގިނަ ދަރިވަރުންނާ އަދިވެސް ގާތް ގުޅުމެއް އޭނާއާ އޮތުމެވެ. ސަޖީގެ ފުރަތަމަ ދަރިވަރުން އަދިވެސް އޭނާގެ ހާލު ބަލައެވެ. އެ ގުޅުން ވަރުގަދައެވެ. ސަޖީ ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ އޭނާގެ ދެވަނަ ގައުމެކެވެ.