އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދުކުރި ޓުވީޓެއްގައި ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޒަމާނީ ވަސީލަތްތަކާ އެކު ކަމަށެވެ.

އެ އެއާޕޯޓުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް ވެސް ގާއިމު ކުރާނެއެވެ. އަދި ކޯލްޑް ސްޓޯރޭޖަކާ އެކު ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރާއިރު، އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރުމުގެ އިތުރުން ވެހިކަލް ޕާކިން ޒޯނެއްވެސް ތަރައްގީ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބެންކުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ކޮންޓެކްޓަރުން ޕްރީ ކޮލިފައިކުރުމުގެ މަސައްކަތް އިންޑިއަން އެގްޒިމް ބޭންކުން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.