މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައިގައި ހޯދަން އިއުލާން ކުރި މީހާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނު ހައްޔަރު ކުރީ ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޒުހާނު އިސްމާއީލް (31އ) އެވެ.
އަޒުހާން ފުރަތަމަ ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކުށުގެ ވެށީންކަމަށް ނުވާތީ ފުރަތަމަ މުއްދަތު މަޖިލީހުގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ.
އަޒުހާން ކޯޓުން ދޫކޮށްލި ފަހުން، އަނެއްކާވެސް ފުލުހުން ވަނީ އޭނާ ހޯދަން މިދިޔަ އާދިއްތަ ދުވަހު އިއުލާނުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި އަޒުހާން ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ވިދާޅުވި ގޮތުގައި އަޒުހާން އެއިރު ހައްޔަރުކުރީ، އޭނާ ނިސްބަތްވާ މާފަންނުގައި ހަރަކާތްތެރިވާ ޖަމާއަތް ހަދައި، ރާވައިގެން ކުށްކުރާ ގުރޫޕުގެ މީހަކު ވައްކަންކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން މާފަންނު ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިނުމުންނެވެ.
މި ފަހުން ގޭންގަކުން ވަނީ ފުލުހުންތަކަކަށް ހަމަލާވެސް ދީފައެވެ. އެ މައްސަލާގެ ތުހުމަތަށްވެސް ހެންވޭރުގައި ހަރަކާތްތެރިވާ ގޭންގަކަށް ނިސްބަތްވާ ބަޔަކު ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު