ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް، އަލިފުށީ ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން، ކުރެއްވި މަސައްކަތުން އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ސޮއި ކުރެއްވީ އެންމެ 12 ވަރަކަށް މެންބަރުން ކަަމަށް މަޖިލިސް ރައީސް ރައީސް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާންް ހޯދުމުގައި ފުލުހުން އިހުމާލުވެފައިވާކަމަށްބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި، އެމަނިކުފާނު އިންނެވީ ބައެއް މައްސަލަތަކުގައި ކޮމްޕްރޮމައިޒް ކުރައްވައިގެންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝީޔާމު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މެންބަރު ޝިޔާމްގެ ވާހަކައިގައި، އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި، މަޖިލިސް ރައީސްގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވައި، ވިދާޅުވީ ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން މަޖިލިސް ރައީސް ކޮމްޕްރޮމައިޒް ވެވަޑައިގެންފައި އިންނެވި ކަމަށެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ހުށަހަޅުމަށް 42 މަޖިލިސް މެންބަރުންގެ ސޮއި އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް އަތުގައި އޮވެގެން ވެސް މަޖިލިސް ރައީސް އިންނެވީ ކޮމްޕްރިމައިޒްވެވަޑައިގެންފައި ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ޝިޔާމަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެއްވެސް ކަމެއްކައި ދުވަހަކުވެސް ކޮންޕްރޮމައިސް ވެވަޑައިގެންފައި ނުވާކަމަށް ހުރިހާ މެންބަރުންނަށް ޔަގީންކަން އަރުވާ ކަމަށެވެ.

"އަޅުގަނޑު ހުރިހާ އިއްޒަތްތެރި މެންބަރުންނަށް ޔަގީންކަން އަރުވަން، މި ގޮނޑީގަ މި މަގާމުގަ އަދި އެހެން އެއްވެސް މަގާމެއްގަވެސް އަޅުގަނޑު ދުވަހަކުވެސް ނީންނާނެ ކޮމްޕްރޮމައިޒް ވެފަކާއެއް،"

ނަމަވެސް ޝިޔާމު ވިދާޅުވި ފަދައިން އަލިފުށީ ދާިއރާގެ މެންބަރު އިސްވެ ހުންނަވައިގެން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ. އެ ކަމަށް ސޮއިކުރެއްވީ މަޖިލީހުގެ 12 ވަރަކަށް މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ.

"މި މަޖިލީހުގެ ބާރަ ވަރަކަށް މެންބަރުން އޭގަ ސޮއިވެސް ކުރެއްވި، ދެން އިއްޒަތްތެރި މެންބަރަށް ޔަގީންކޮށް އަރުވަން އެ އަދަދަކީ 12 ވަރަކަށް މެންބަރުން، އަޅުގަނޑަށް ވަރަށްބޮޑު އިތުބާރެއް އޮވޭ މި މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން އަދި މާ ބޮޑު އަގުލަބިއްޔަތު މެންބަރުން އަޅުގަނޑަށް އިތުބާރު ކުރައްވާ ކަމާއި އަދި މި މަޖިލިސް މިގެންދާ ގޮތުގައި އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ ގެންދެވޭނެކަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.