4 ޖީ އިންޓެނެޓް ލިބޭ ވަރަށް އަގުހެޔޮ، އެންމެ 184 ޑޮލަރަށް ލިބޭ ލެޕްޓޮޕެއް ނެރޭނެ ކަން މުކޭސް އަމްބާނީގެ ޖިއޯ ކުންފުނިން ބުނެފިއެވެ. ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ކުރިއަރާފައިވާ ދެ ކުންފުނި ކަމަށްވާ ކުއަލްކޮމް އާއި މައިކްރޮސޮފްޓާ ގުޅިގެން ޖިއޯބުކްގެ ނަމުގައި ނެރޭ މި ލެޕްޓޮޕަކީ އިންޑިޔާގެ އެންމެ ދަށްފަންތީގެ ފަގީރުންނަށްވެސް ގަނެވޭނެ ލެޕްޓޮޕެކެވެ.

މި މަހުން ފެށިގެން ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތައް ފަދަ އެންޓަޕްރައިސް ކަސްޓަމަރުންނަށްވެސް މި ލެޕްޓޮޕް ލިބޭނެ ކަމަށާއި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ލެޕްޓޮޕްގެ 5ޖީ ސިމް ލެއްވޭ ވައްތަރުގެ ލެޕްޓޮޕްވެސް ނެރުމަށް ވަނީ ނިންމާފައިވާ ކަމަށް ޖިއޯ އިން ބުނެއެވެ.

އެޗްޕީ، ޑެލް އަދި ލެނޯވޯ ބުރޭންޑް ތަކުގެ ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕްގެ 14.8 މިލިއަން ޔުނިޓް ވިއްކިކަމަށް ހިސާބުތަކުން ދައްކާއިރު ޖިއޯބުކްގެ އަގުހެޔޮ ލެޕްޓޮޕް ތަކުން ލެޕްޓޮޕް މާކެޓްގެ %15 ހޯދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މި ލެޕްޓޮޕްގައި ޖިއޯގެ އަމިއްލަ ޖިއޯއޯއެސް އޮޕަރޭޓިން ސިސްޓަމެއް ހިންގާނެ ކަމަށާއި އެޕްތައް ޖިއޯސްޓޯރުން ޑައުންލޯޑް ކުރެވޭ ގޮތަށް ހަދާނެކަންވެސް ވަނީ އިއުލާން ކޮށްފައެވެ.

އިންޑިޔާގެ މޯބައިލް ހިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ޖިއޯ ކުންފުނީގެ އަމާޒަކީ ހަލުއި އިންޓަނެޓް ލިބޭނެ ލެޕްޓޮޕަކާއެކު އިތުރު ފުރުސަތުތައް ހޯދައިދިނުމެވެ. އިންޑިޔާގެ ބޮޑު އާބާދީ އަކަށް އަދިވެސް ފުރިހަމަ ގޮތުގައި އިންޓަނެޓްގެ ހިދުމަތް ލިބިގެން ކުރެވޭ ގިނަ ވިޔަފާރިތަކަށް ވާސިލެއް ނުވެވެއެވެ.

އެހެން ކަމުން ފޯނާއި ޓެބްލެޓްގެ ބަދަލުގައި ޖިއޯ ކުންފުނީގެ މި އަގު ހެޔޮ ލެޕްޓޮޕާއެކު ގިނަ ވިޔަފާރިތަކެއް އުފެދިގެންދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

2020 ވަނަ އަހަރު ކޭކޭއާރު އެންޑް ކޯ އިންކް އާއި ސިލްވަރ ލޭކް ފަދަ ދުނިޔޭގެ އިންވެސްޓަރުންގެ އަތުން ގާތްގަނޑަކަށް 22 ބިލިއަން ޑޮލަރު ހޯދި ޖިއޯ ކުންފުނި ވަނީ ދުނިޔޭ 10 ވަނަޔަށް އެންމެ ވަރުގަދަ މޯބައިލް ހިދުމަތްދޭ ކުންފުނީގެ ޝަރަފް ހޯދާފައެވެ.

އިންޑިޔާގެ މާކެޓުގައި 2016 ވަނަ އަހަރުން ފެށިގެން އަގުހެޔޮކޮށް 4ޖީ ޑޭޓާ ޕްލޭންތަކާއި ހިލޭ ފޯނު ކުރެވޭ ހިދުމަތްތައް ތައާރަފުކުރިއިރު، ފަހުން ނެރުނު 4ޖީ ލިބޭ އަގު ހެޔޮ ސްމާޓްފޯނު ވެސް އެންމެ 81 ޑޮލަރަށް ވިއްކައިގެން ޖިއޯއިން ވަނީ ބޮޑު ފައިދާއެއް ހޯދާފައެވެ. ޖިއޯ ކުންފުނިން ދެކޭ ގޮތުގައި އަގުހެޔޮ ފޯނު ވިއްކައިގެން ހޯދި ކާމިޔާބީއަށްވުރެ، އަގު ހެޔޮ ލެޕްޓޮޕާއެކު 4ޖީ އިންޓަނެޓް ލިބޭ ލެޕްޓޮޕް ވިއްކައިގެން ލިބޭ ފައިދާ ބޮޑުވާނެއެވެ.