ފޭސްބުކް ހާވަނިކޮށް ފެނުނު ޕޯސްޓެކެވެ. އެއީ ރާއްޖޭގެ އެންމެ ގިނަ ރިސޯޓް އަދި ޓެކުހުގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައުލަތަށް ދައްކާ ކ. އަތޮޅުގެ ރަށެއްގެ މީހަކު ފާޅުކޮށްފައި އޮތް ޝުއޫރެކެވެ. ސުވިމިން ޕޫލެއްގެ ފޮޓޯއަކާއެކު އޭނާ ލިޔެފައި އޮތީ މިހެންނެވެ. ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު ރަށުގައި ހުރި ގެސްޓްހައުސްއަކުން ނޫނީ ރަށެއްގައި އާންމު ކުޑަކުދިންނަށްޓަކައި ކަމެއް ކޮށްދިން ބަޔަކު ނުދެކެމެވެ. ބާނީންނަށްވުރެ މާރަނގަޅުތާއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތައް ހުރި ބ. އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ތުޅާދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލްވެސް ވިދާޅުވީ ހަމަ އެފަދަ ވާހަކައެކެވެ. ރަށުގެ ތަނެއްގައި ހަތަރު ފާރު ރާނާލަން ކައިރީގައި އޮތް ރިސޯޓަށް އެހީއަކަށް އެދިގެން ކުރިން ނުލިބުނު ވާހަކައެވެ. ކުޑަރިކިލު ޒުވާނުންކޮޅެއް އެރަށު ދަނޑުގައި ލައިޓް ޖެހުމަށާއި ސްޓޭޖް ހަދަން ބޭނުންވެގެން ޖެހިގެން އޮތް އަތޮޅުގެ އެންމެ އަގުބޮޑު ރިސޯޓުގައި އެދިގެންވެސް ހަބަރެއް ނުވިއެވެ.

ރާއްޖޭގައި ތިންވަނައަށް އެންމެ ގިނަ ރިސޯޓް އޮތް އދ. އަތޮޅުގެ ކައުންސިލުގެ ރައީސް ރަޝާދު އަލީވެސް އެކަމާ ދެބަހެއް ނުވެއެވެ. އަތޮޅު ކުދިންނަށް ވަޒީފާ ލިބުނަސް, އިތުރު ފައިދާއެއް ވެފައި ނެތް ކަމަށް އޭނާ ގަބޫލުކުރެއެވެ. ވާންޖެހޭ ވަރަށް މަންފާ ވެފައި ނެތްކަންވެސް ފާހަގަކުރިއެވެ.

އެންމެންގެ ޝަކުވާއަކީވެސް މިއީއެވެ. ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަށް ރާއްޖެވެ, ދުނިޔޭގެ އެންމެ ލަގްޒަރީ ބްރޭންޑްތަކުން ރާއްޖޭގައި ރިސޯޓް ހިންގަމުން އެބަދެއެވެ. ނަމަވެސް ބައެއް ރަށްތަކުގެ ހާލަތު އަދިވެސް އޮތީ 50 ވަރަށް ދަށުގައެވެ. ގިނަ ރަށްރަށުގައި ސާފު ބޯފެނެއް ނެތެވެ. ނަރުދަމާއެއް ނެތުމުން ފެންވަރަމުން ދަނީ ނަޖިސް ފެނުންނެވެ. ލަފާ ފުރާނެ ރަނގަޅު ބަނދަރެއް ހެދިފައެއް ނެތެވެ. ބައްޔެއް ވެއްޖެއްޔާ ފަރުވާ ދެވޭނެ ވަސީލަތެއް އަމުދުން ނެތެވެ.

މިއީ ރާއްޖެ އަންނަ މަހުޖަނުންނާއި އެންމެ ރެއަކަށް އެތައް ލައްކަ ޑޮލަރެއް ހޭދަކޮށް ޗުއްޓީ ހޭދަކުރަމުން އަންނަ މަޝްހޫރު މީހުންނަށް ނޭނގި އޮތް އެކަމަކު ދިވެހިން އުޅޭ އަސްލު ނިކަމެތި ހާލެވެ.

ރިސޯޓް ހަދަން ރަށްރަށް ދޫކުރާއިރު އެ ރިސޯޓްތަކުން މުޖުތަމައަށް ކަންކަން ކޮށްދޭން އެއްބަސްވުމުން, އެއަށް ގިނަ ޕޮއިންޓް ދެއެވެ. ނުވަތަ މުވައްޒަފުން ތަމްރީނުކުރަން ވަކިވަރަކަށް ފައިސާ ނަގައެވެ. ރާއްޖޭގައި ޖުމުލަ 166 ރިސޯޓް އޮތް އިރު, ރިސޯޓްތަކުން ރަށްތަކަށް އެހީވާން ޖެހޭ ވަރާ ގާތަށްވެސް އެހީތެރިކަން ފޯރުކޮށެއް ނުދެވެއެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް އުމްރާނީ ތަރައްގީއަށް އެހީތެރިކަން ދިން ނަމަ, ރަށްތައް މިއަދު އޮންނާނީ މިހާރު އޮތް ހާލަތުގައި ނޫންކަން އެންމެން ގަބޫލުކުރެއެވެ.

އެންމެ ކުރީގައި ކަން އޮތް ގޮތެއް ނޭނގެއެވެ. ނަމަވެސް 2010 ވަނަ އަހަރު އެކި ނަންމުގައި ޓެކްސްތައް ނަގަން ފެށުމާއެކު ރިސޯޓްތަކުން މުޖުތަމައަށް ހިދުމަތް ކުރަން ނުޖެހޭނެ ކަމަށް ދެކޭ ކަމަށް ރަށްތަކުން ބުނެއެވެ. އެމީހުން ބުނާ ގޮތުން, ރިސޯޓްތަކުން ދައުލަތަށް ދައްކާ ބިމު ކުއްޔާއި ގްރީން ޓެކްސް އަދި ޓީޖީއެސްޓީއަކީ ރައްޔިތުންނަށް ދޭ އެއްޗެކެވެ. ހާއްސަކޮށް ގްރީން ޓެކުހުގެ ފައިދާ ސީދާ ރަށަށް ކުރާނެއެވެ.

"އަޅުގަނޑުމެން އެހީއަކަށް އެދުނީމަ ރިސޯޓް މެނޭޖްމަންޓަކުން ސީދާ އެއްޗެކޭ ނުބުނޭ. ޖަވާބެއްވެސް ނުދޭނެ. އެކަމަކު ރިސޯޓުގަ އުޅޭ ރައްޓެހި މީހާ އެބަ ބުނޭ ޓެކްސް ދައްކަނީ ހަމަ ރައްޔިތުންނަށް ނޫންހޭ. ސަރުކާރުގަ އެދިގެން ތިކަންކުރާށޭ! އެހެންވީމާ އެހީ ކަނޑާލާތަންވެސް އެބަ އާދޭ," ކައިރީގައި ބޮޑު ރިސޯޓެއް އޮތް ބ. އަތޮޅު ކައުންސިލެއްގެ ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން ކައުންސިލްތަކަށް ދޭ ބަޖެޓުން ހަރަދުތައް ކޮށްފަ މުސާރަ ދީފަ ތަރައްގީއަށް ހަރަދުކުރާނެ ފައިސާއެއް އަސްލު ނުހުރޭ. އަޅުގަނޑުމެން ރިސޯޓުތަކުގައި މި އެދެނީ ބޮޑެތި ފައިސާގެ އެހީއަކަށް ނޫން. ކުދިކުދި ކަންކަމަށް. އެއިން ކޮންމެ ކަމަކީވެސް ރަށަށް ވަރަށް ބޮޑު ކަމެއް," އދ. ކައުންސިލުގެ ރައީސަކު ވިދާޅުވިއެވެ.

މިހެން ބުންޏެއް ކަމަކު, ރާއްޖޭގެ ބައެއް ރިސޯޓްތަކުން ސީއެސްއާރުގެ ގޮތުގައާއި ނުސީދާ ގޮތުން ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް ފައިސާގެ އެހީ ދީފައި އެބަ ހުއްޓެވެ. މިދިޔަ ކޮވިޑުގެ ބަލިމަޑުކަމުގައި މަދު ރިސޯޓަކުން ޖެެހިގެން ހުރި ރަށްތަކަށް މާސްކާއި ޕީޕީއީ ހަދިޔާވެސް ކުރި އެވެ. ސަރުކާރަށް ބައެއް މެޝިނަރީޒްވެސް ދިނެވެ. ނަމަވެސް މި ދައްކަނީ ލިބޭ އާމްދަނީއަށްވުރެ ނިސްބަތުން ވަރަށް ވެސް މަދު އަދަދެއްގެ ވާހަކައެވެ.

"އަޅުގަނޑުމެން ރަށުގަ ބޭއްވި ޤުރުއާން މުބާރާތް ޝަރަފުވެރިކޮށްދޭން އިސްލާމިކް މިނިސްޓްރީގެ ތިން ބޭފުޅެއްގެ ދަތުރު ކައިރީގައި އޮތް ރިސޯޓުން ހަމަޖައްސައިދިން. މިފަހުންވެސް އިސްލާމިކް މިނިސްޓްރީގެ ދެ ބޭފުޅަކަށް މާލެއިން އައިސް ދިއުމުގެ ހަރަދުތައް ކަވަރުކޮށްދިން," ބ. ތުޅާދޫ ކައުންސިލުގެ ރައީސް އާދިލް ވިދާޅުވިއެވެ.

ޓޫރިސްޓް ފެސިލިޓީތަކުން ނަގާ ޓެކްސްތަކުގެ ތެރެއިން ސީދާ ރަށު ތަރައްގީއަށް ހޭދަކުރާ އެކައްޗަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް އޮކްޓޯބަރު 2016 އިން ފެށިގެން ނަގަމުން އަންނަ ގްރީން ޓެކުހެވެ. އެއީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

މިއަހަރަށް ފާސްކުރި ބަޖެޓުގައި ގްރީން ޓެކުހުގެ ގޮތުގައި 823.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވާއިރު, ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ހުސްވި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ގްރީން ޓެކުހުން އެކަނި ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 433 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ހަރަދުކުރުމަށް 884 މިލިއަން ރުފިޔާ އެބަހުއްޓެވެ. މި ފައިސާއިން މައިގަނޑު ގޮތެއްގައި ހިންގަމުންދަނީ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކެވެ.

މިއީ ރަށްރަށަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތަކެއް ނަމަވެސް, އެ ޓެކްސް ނަގަން ފެށިތާ މިހާރު ހަ އަހަރުވީ އިރު, ކުރެވުނު ބޮޑު، ގިނަ ކަންތައްތަކެއް ފެންނާކަށް ނެތެވެ. ފެނާއި ނަރުދަމާއެއް ނެތެވެ. ގިރާ މައްސަލަ ހައްލުނުވެ, ރަށްތައް ގިރި ހުސްވަނީއެވެ.

އެހެންކަމުން ޓެކުހަކުން ރަށްރަކަށް ނުފުދެއެވެ. ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ ބަޖެޓުން ރަށުގެ އުމްރާނީ އެހެން މަޝްރޫއުތައް ކުރިއަށްގެންދަން އޮންނަނީ ދަތިވެފައެވެ. ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމުގެ ބާރު ކައުންސިލްތަކަށް ދިން ނަމަވެސް މާލީ ދަތިތަކެއް އެބަ ހުއްޓެވެ. އެހެންކަމުން ރަށްރަށުން ބޭނުންވަނީ ރިސޯޓްތަކުން ލިބޭ އާމްދަނީގެ ބައެއް ސީދާ ރަށަށް ލިބުމެވެ.

"އަޅުގަނޑުގެ ހިޔާލަކީ ރިސޯޓްތަކުގެ ހަރަދު ކަނޑާފަ އޮންނަ ފައިދާގެ ކޮންމެވެސް ވަރެއް ސީދާ ރަށަށް ލިބޭނެ ގޮތަކަށް ގާނޫނު ހެދުން. ކޮންމެ ރަށަކަށް ރިސޯޓެއް ނުވަތަ ރިސޯޓްތައް ގިނަ އަތޮޅުތަކުގަ މިއެހީ ދިނުމުގަ ރަށަކަށް ދެ ރިސޯޓު ނަމަވެސް ކަނޑައެޅުން. މިސާލަކަށް ބ. އަތޮޅުގަ މީހުން ދިރިއުޅޭ 13 ރަށް އެބަ އޮތް. 16 ރިސޯޓް އެބަ ހިންގާ. އެއީ ކޮންމެ ރަށަކަށް ރިސޯޓެއްގެ މަގުންވެސް އިތުރު އަދަދެއް. މިސާލަކަށް މީގެން ރިސޯޓެއްގެ ފައިދާގެ ތެރެއިން ޕަސެންޓެއް ދިން ނަމަވެސް އެއީ ރަށަކަށް ވަރަށް ބޮޑު އެއްޗެއް," ބ. ތުޅާދޫ ކައުންސިލުގެ ރައީސް އާދިލް ވިދާޅުވިއެވެ.

އދ. އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި, ޓޫރިޒަމް ބިމު ކުލީގެ ބައެއް ކައުންސިލްތަކަށް ދިނުމަކީވެސް ސަރުކާރަށް އޭގެ ބުރަ ކުޑަވާނެ ކަމެކެވެ. އެގޮތުން އޭނާގެ ހިޔާލަކީ އެ އަތޮޅެއްގައި އޮންނަ ރިސޯޓްތަކުން ލިބޭ ބިމު ކުލީގެ ތެރެއިން 50 ޕަސެންޓް އެ އަތޮޅެއްގެ ރަށްތަކަށް, އަދި އަނެއް 50 ޕަސެންޓް ސަރުކާރަށް ލިބޭ ގޮތަށް ހަދަން ގާނޫނު އިސްލާހު ކުރުމެވެ.

އެ ހިސާބުތައް ކަރުދާހަށް ތިރިކުރާއިރު, އެއީ ބޮޑު އަދަދެކެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ރިސޯޓް ކުލިން 1.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވެއެވެ. އެ އަދަދު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ހަމައަށް ބަހާލި ނަމަވެސް އެއީ އަހަރަކަށް 9.4 މިލިއަން ރުފިޔާއެވެ.

ދެން އޮތްގޮތަކީ، ނިޒާމު ބަދަލުކުރުމެވެ. ރިސޯޓްތައް ހިންގާ މަހުޖަނުންނާއި އެ ތަންތަނުގެ ސީއެސްއާރަށް ރަށްތައް ބަރޯސާވުން ހުއްޓާލަންވީއެވެ. މުއްސަނދިން އިތުރަށް މުއްސަނދިވެ ދިއުމަށް ދޫކޮށްލައި އަމިއްލަ ފައިމައްޗަށް ރަށްތައް ތެދުވަންވީއެވެ. އިންވެސްޓަރުން ހޯދައި އަމިއްލަ ނަފާ ހޯދަން ޕްލޭން ކުރަންވީއެވެ. އިހުސާސާއި ބާރު އެބައޮތެވެ. ޓޫރިޒަމް ދާއިރާއަށް 50 އަހަރު ފުރި, އަލިމަސް ޔޫބީލަކަށް ދަތުރު ފަށާއިރު އެ ސިނާއަތުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނަގަން ވިސްނަންވީއެވެ.