އެމްޕީއެލްގެ މުވައްޒަފުންތަކަކާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް ގުޅިގެން ހިންގި އަށް މިލިޔަން ރުފިޔާގެ ތެލުގެ ވައްކަމަކީ 2018 ވަނަ އަހަރުން ފެށިގެން ހިނގަމުން އައި ކަމެއް ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެމްޕީއެލް ހެޑްއޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.
އެމްޕީއެލްގެ މުވައްޒަފުންތަކެއް ޝާމިލުވާ ގޮތަށް ހިންގަމުން އައި ތެލުގެ މި ބޮޑު ވައްކަން ފަޅާ އަރާފައިވަނީ ކޮވިޑު ތެރޭގައި، 2020 ވަނަ އަހަރުއެވެ.
އެފްއެސްއެމް އިން އެމްޕީއެލް އަށް ވިއްކާ ތެލުން ވައްކަން ކުރާކަން ފަޅާއެރީ އެމްޕީއެލް އިން ހަދާ ފިއުލް ކޮންސަޕްޝަން ނުވަތަ ތެޔޮ ބޭނުންކުރާ މިންވަރު އަންގައިދޭ ރިޕޯޓަކުންނެވެ. ކޮވިޑުގެ ލޮކްޑައުން ތެރޭގައި އެކުންފުނީގެ ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމަކަށް އައި އިރުވެސް ފިއުލް ކޮންސަޕްޝަން ރިޕޯޓުތައް ދައްކާގޮތުން ތެޔޮ ބޭނުންކުރާ އެއަދަދުތައް ހުރީ މަތީގައެވެ.
އެމްޕީއެލުން ހެދި އިންޓާނަލް އިންވެސްޓިގޭޝަނަކުން އެފްއެސްއެމުން ގަނެގެން ޑެލިވަރީ ކުރާ ތެޔޮ ހަމަޔަށް ޑެލިވަރީ ނުކުރާކަން ފާހަގަވެ، މައްސަލަ އިތުރަށް ބަލަން އޭރު ވަނީ ފަށައިފައެވެ. އަދި މި ހިޔާނާތުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ އެފްއެސްއެމްގެ މުވައްޒަފުންނާއި އެމްޕީއެލްގެ މުވައްޒަފުންވެސް ވަގުތުން ސަސްޕެންޑުކޮށް ވަޒީފާއިން އެކަހެރި ކުރިއެވެ.
ސީއީއޯ ޝާހިދު މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ އިންޓާނަލް އިންވެސްޓިގޭޝަނެއްގެ އިތުރުން މިނިވަން އޮޑިޓަރެއްގެ ރިޕޯޓްތަކުން ލިބުނު މައުލޫމާތުގެ އަލީގައި މި ހިޔާނާތަކީ 2018 އިން ފެށިގެން ހިންގަމުން އައި ކަމެއްކަން އެނގިފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން މި ހިޔާނާތުގައި ޝާމިލުވަނީ އެއް ބައެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ހިޔާނަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑު ކުރަން އެޅި ފިޔަވަޅާ އެކު މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެމްޕީއެލްގައި އެފަދަ ކަމެއް އިތުރަށް ވިޔަ ނުދިނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ހާތަނަށް ކުންފުނީގެ ތެރެއިން ފާހަގަ ކުރެވުނު މުވައްޒަފުންނަކީ އެއް ބައެއް. މިކަން ހިންގައި ދިނީ އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން. އެކޮޅު (އެފްއެސްއެމް) ގައި މިކަން ހިންގީ ވަކި ބައެއްތޯ، އެކަން އެނގޭނީ ފުލުހުންގެ އިންވެސްޓިގޭޝަނުން،" ޝާހިދު ވިދާޅުވިއެވެ.
މި މައްސަލަ އޮޑިޓާ ޖެނެރަލްގެ އޮފީހާއި ފުލުހުން ވެސް ދަނީ ތަހުގީގުކުރަމުންނެވެ. އަދި އޮޑިޓާ ޖެނެރަލްގެ ރިޕޯޓް ވަރަށް އަވަހަށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވިދާޅުވި ގޮތުގައި ތެލުގެ މި ބޮޑު ހިޔާނާތުގައި އެމްޕީއެލްއަށް ލިބުނު ގެއްލުން އަށް މިލިއަން ރުފިޔާ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެ އަދަދުވެސް ބޮޑުތަނުން އިތުރުވާނެ ކަމަށެވެ. އަދި އެ ތިން އަހަރުތެރޭގައި ވަގަށް ނަގާފައިވަނީ ކިހާ ތެލެއް ކަމާއި އެމްޕީއެލް އަށް ގެއްލުންވި ސީދާ އަދަދު ހާމަކުރަން އެގިވަޑައިގަންނަވާނީ އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓު ނިމުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.