ފުޓްބޯޅަ

އިންޑޮނޭޝިއާގެ ފުޓުބޯޅަ ސްޓޭޑިއަމެއްގައި ބޮޑު ހަމަނުޖެހުމެއް، 174 މީހުން މަރުވެއްޖެ

މުޙައްމަދު ޝަމްޢޫން

އިންޑޮނޭޝިއާގެ ސްޓޭޑިއަމްގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގައި، އެތައް ބަޔަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގައި މި ހާދިސާ ހިނގާފައި ވަނީ އިއްޔެ އީސްޓް ޖާވާގެ މަލަންގްގައި ކުޅުނު މެޗެއްގައެވެ. އެގައުމުގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު މެޗުގައި ވާދަކުރީ އަރޭމާ އެފްސީއާއި ޕަރެސާބާޔާ އެވެ. އަރޭމާ އެފްސީ ދަނޑު، ކަންޖުރުހާން ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ހޯމް ޓީމު ބަލިވުމާއެކު މަސްލަހަތު ގޯސްވެ ދެ ޓީމުގެ ސަޕޯޓަރުން މެދުގައި ހަމަނުޖެހުންތައް ހިނގަން ފެށިއެވެ. މެޗުން ހޯމް ޓީމު ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

އެހިސާބުން ބައެއް ސަޕޯޓަރުން ދަނޑަށް އަރައިގަނެފައިވާ އިރު، ފުލުހުން ވަނީ އެކަން ހުއްޓުވަން ކަރުނަ ގޭހާއި ބާރުގެ ބޭނުން ކޮށްފައެވެ. ފުލުހުން ބާރުގެ ބޭނުންކުރުމާއެކު އެއްފަހަރާ ގިނަ ބަޔަކު ސްޓޭޑިއަމުން ނުކުންނަން މަސައްކަތް ކުރުމުގެ ތެރޭގައި އެތައް ބަޔަކު ވަނީ ފިތިގެންވެސް މަރުވެފައެވެ. ދަނޑަށް އެރި ސަޕޯޓަރުން ފުލުހުންގެ ވެހިކަލްތަކަށްވެސް ހަމަލާދީ، ފުލުހުންނާ ވަރަށް ބޮޑަށް ކުރިމަތިލި މަންޒަރުވެސް ފެނިފައިވެއެވެ.

ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 174 އަށް އަރާފައިވާކަން މިހާރުވެސް ވަނީ ޔަގީން ވެފައެވެ. އޭގެ އިތުރުން 180 މީހަކަށް އަނިޔާވެ މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 20 ވަރަކަށް މީހުންނަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ފީފާއިން ވަނީ އިންޑޮނޭޝިއާގައި ހިނގައިދިޔަ ކަންކަން ތަހުގީގުކުރުމުގެ މަސައްކަތް ފަށާފައެވެ. ފީފާއިން ވަނީ ސަޕޯޓަރުން ކޮންޓްރޯލް ކުރުމަށް ސްޓޭޑިއަމްތަކުގައި ކަރުނަ ގޭހާއި އެހެނިގެން ނުރައްކާތެރި އާލާތްތައް ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައެވެ. އިންޑޮނޭޝިއާގެ ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައި ވަނީ ސަޕޯޓަރުންގެ ފަރާތުން މާ ކުރިންވެސް ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ކާރުތައްވެސް ހަލާކުވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ދެ ފުލުހަކުވެސް ހިމެނޭ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި 3،000 އެއްހާ މީހުން ދަނޑަށް އަރައިގަނެފައިވެއެވެ. އެ މީހުން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރުމުން އެތައް ބަޔަކު ފިތި ނޭވާ ނުލެވިގެން ބިންމައްޗަށް ވެއްޓި ތެޅުނު މަންޒަރުވެސް ވީޑިއޯތަކުން ފެނިފައިވެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މެޗުގައި އެފަދަ ކަންކަމަށް މަގުފަހިވީ ވިއްކަން ޖެހޭ އަދަދަށްވުރެ ގިނައިން ޓިކެޓް ވިއްކުމުން ކަމަށެވެ. އަރެމާ އެފްސީއާއި ޕާސެބާޔާ ސުރުބަޔާއަކީ އިންޑޮނޭޝިއާ ފުޓުބޯޅައިގެ ޒަމާންވީ ވާދަވެރި ދެޓީމަށްވީ އިރު، އެމެޗު ބެލުމަށް ވަނީ 42،000 ޓިކެޓް ވިއްކާފައެވެ. ޗީފް ސެކިއުރިޓީ މިނިސްޓަރު މަހްފޫޑް އެމްޑީ ވިދާޅުވެފައިވާ ގޮތުގައި ދަނޑުގެ ކެޕޭސިޓީއަކީ 38،000 މީހުންނެވެ.

އިންޑޮނޭޝިއާގެ އެފްއޭއިން މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެފައިވާ އިރު، މައްސަލައިގެ ތަހުގީގު ނިމެންދެން ލީގު ފުޓުބޯޅަ ވަނީ މެދުކަނޑާލައިފައެވެ. އެގައުމުގެ ރައީސްވެސް ވަނީ އިއްޔެގެ ހާދިސާއަކީ ތާރީހުގައިވެސް އެންމެ ނުރައްކާތެރި ފުޓުބޯޅަ ހާދިސާ ކަމަށް ވިދާޅުވެފައެވެ.

ސްޓޭޑިއަމްތަކުގައި މީގެ ކުރިން ހިނގި ހާދިސާތަކަށް ބަލާއިރުވެސް އިއްޔެގެ ހާދިސާއަކީ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. 1964 ވަނަ އަހަރު ޕެރޫއާއި އާޖެންޓީނާ ވާދަކުރި އޮލިމްޕިކްސް ކޮލިފިކޭޝަން މެޗެއްގައި ހަމަނުޖެހުން ހިނގައި 320 މީހުން މަރުވިއިރު، 1985 ވަނަ އަހަރު ބެލްޖިއަމްގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލެއްގައި ފިތިގެން 39 މީހުން މަރުވެފައިވެއެވެ. އަދި އިނގިރޭސިވިލާތުގައި ހިނގި ހިލްސްބޮރޯ ހާދިސާގައި ލިވަޕޫލްގެ 97 ސަޕޯޓަރަކު މަރުވެފައިވެއެވެ.