ދުނިޔެ

ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން އަންނާރު ނެރެނީ ކޮން ގައުމަކުން؟

އަންނާރަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ވަރަށް މަގުބޫލު މޭވާއެކެވެ. އޭގެ ސިއްހީ ފައިދާތައް ގިނަކަމުންނެވެ. ގަދީމީ ޔޫނާނުގައި އަންނާރު މަޝްހޫރުވެފައި އޮތީ ފުރާނައިގެ މޭވާގެ ނަމުންނެވެ. ދުނިޔޭގައި އަންނާރު އެންމެ ގިނައިން ހެދޭ ކަމަށް މަޝްހޫރުވެފައި އޮންނަނީ އިންޑިޔާއިން ފެށިގެން އީރާނާ ހަމައަށެވެ. އެގޮތަށް މަޝްހޫރުވިޔަސް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އަންނާރު ހެދެއެވެ.

އީރާނަކީ 2019 ވަނަ އަހަރާ ހަމަޔަށްވެސް ދުނިޔޭގެ ބާޒާރަށް އެންމެ ގިނަ އަންނާރު ނެރެމުން އައި ގައުމެވެ. އެހެންނަމަވެސް މިހާރު އެގައުމު ވަނީ ދުނިޔޭގެ ލިސްޓުގެ ތިންވަނަޔަށް ވެއްޓިފައެވެ. އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަންނާރު އުފައްދަނީ މިހާރު އިންޑިޔާގައެވެ. އެއީ އަހަރަކު 2.44 މިލިޔަން ޓަނެވެ. އިންޑިޔާގެ ސްޓޭޓްތަކުގެ ތެރެއިން އަންނާރުގެ ވިޔަފާރީގައި އެންމެ ކުރީގައި އުޅެނީ މަހާރަޝްތުރާއެވެ.

ދުނިޔޭގެ ބާޒާރަށް ދެވަނައަށް އެންމެ ގިނައިން އަންނާރު ނެރޭ ކަމަށް ތަފާސްހިސާބުތަކުން ފެންނަ ގައުމަކީ ޗައިނާއެވެ. އެއީ އަހަރަކު ގާތްގަޑަކަށް 1.6 މިލިޔަން ޓަނެވެ. ލިސްޓުގެ ތިންވަނައިގައިވާ އީރާނުގެ މިންވަރަކީ އަހަރަކު 1.1 މިލިޔަން ޓަނެވެ. އޭގެ ފަހަތަށް ދެން އަންނަނީ ތުރުކީ، އަފްޣާނިސްތާން، އެމެރިކާ، އިރާގު، ޕާކިސްތާން، ސީރިޔާ އަދި ސްޕޭނެވެ. މިހުރިހާ ގައުމުތަކެއް އެއްކޮށްލީމާ މުޅިދުނިޔޭގެ ޖުމްލަޔަކީ އަހަރަކު ގާތްގަޑަކަށް 6.54 މިލިޔަން ޓަނެވެ.

ދުނިޔޭގައި އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ އަފްޣާނިސްތާނުގެ އަންނާރަށެވެ. އެތަނުގައި ހެދޭ އަންނާރު ފޮނިވެފައި ބޮޑުވެފައި ކޮލިޓީ މޮޅުކަމަށް ބެލެވިފައިވެއެވެ. މި ސަބަބަށްޓަކައި އަފްޣާނިސްތާނަށް އަންނާރުގެ ގައުމޭވެސް ކިޔައެވެ. ހުޅަނގު އޭޝިޔާ އާއި ދެކުނު ޔޫރަޕް އަދި އުތުރު އެފްރިކާގެ އިތުރަށް ދެން އަންނާރު ހެއްދުމުގައި އެންމެ ފާހަގަކުރެވެނީ އެމެރިކާގެ ކެލިފޯނިޔާ އާއި އެރިޒޯނާއެވެ. އެމެރިކާއަކީ އެގައުމުގައި އުފައްދާވަރަށްވުރެ މާގިނައިން އަންނާރު އެތެރެކުރާ ގައުމެކެވެ.