ހެއްކާ ބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެކުލަވާލި، އެ ބިލު އޭޖީން ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އޭޖީން ބުނީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހާތައް ގެނައުމަށް ކަމަށެވެ.
ހެއްކާ ބެހޭ ގާނޫނުގެ މަސްދަރު ހާމަކުރާ މާއްދާއަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަކޮށްދިނުމަށާއި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަން ޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހިމެނެއެވެ.
މަސްދަރު ހާމަކުރަން ޖެހޭގޮތަށް ހެއްކާބެހޭ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް އެ ބިލް ތަސްދީގުކުރައްވާފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތުން، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެއެވެ.