ޓެކާސް ރިސޯޓު ފުޓްސަލް ކަޕް، ކ. އަތޮޅުގެ ދެކުނުން މިމަހުގެ 25 ވަނަ ދުވަހު ފެށީ 12 ޓީމާއެކުގައެވެ. ކުޅިވަރުގެ ރޫހެއް އޮންނަ، ކުޅިވަރުގެ ތަރިންގެ ޗުއްޓީތަކަށްވެސް ހާއްސަ ކްރޮސްރޯޑްސްގައި މުބާރާތް ފެށީ ފޯރިގަދަ ވާނެކަމުގެ ޔަގީން ކަމާވެސް އެކުގައެވެ. އެކަން ކަށަވަރުވެސް ވެއްޖެއެވެ. ފުރަތަމަ މެޗުން ފެށިގެން މިއަދާ ހަމައަށް ގްރޫޕް ސްޓޭޖު ދިޔައީ ވަރަށް ފޯރީގައެވެ.
ޓީމުތައް މިއަދު ނުކުތީ ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުތަކަށެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗު މިއަދު ކުޅެފައިވާ އިރު، މިއަދު ކްރޮސްރޯޑްސްގެ އެމާ ފުޓްސަލް ދަނޑަށް ލިބުނު ހާއްސަ ޝަރަފަކީ ފުޓްސަލްގެ "ގޯޓް" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ބްރެޒިލްގެ ރިޓަޔާޑް ފުޓްސަލް ލެޖެންޑް އެލެސާންޑްރޯ ރޯސާ ވިއެރާ (ފަލްކާއޯ) ގެ ޝަރަފެވެ. ކްރޮސްރޯޑްސްގެ ހާޑްރޮކް ރިސޯޓުގެ ހިތްގައިމު ވިލާތަކުގައި ޗުއްޓީ ހޭދަކޮށްލުމަށް ފަލްކާއޯ އައިސްފައިވަނީ ކްރޮސްރޯޑްސް އަދި ހާޑްރޮކްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާންގެ ހާއްސަ ދައުވަތަކަށެވެ.
ޓޮލްގާއަކީވެސް ކުޅިވަރަށް ހާއްސަ ލޯތްބެއްދޭ ފަރާތަކަށްވީ އިރު، ފަލްކާއޯ ޓެކާސް ރިސޯޓު މުބާރާތަށް ގެނެސްފައިވަނީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން ޓެކާސް މުބާރާތަށް ހާއްސަ ޝަރަފެއް ހޯދައިދިނުމަށެވެ.
މިއަދު ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ހާޑް ރޮކް ހޮޓެލްއާއި އޮޒެން ރެސާވް ބޮލިފުށި ވާދަކުރި އިރު، އެ މެޗު ހާޑް ރޮކުން ކާމިޔާބުކުރީ 8-1 އިންނެވެ. މެޗުގެ ކުރިން މުޅި ދަނޑު ފޯރިގަދަ ވެގެން ދިޔައީ ފުޓްސަލް ލެޖެންޑް ފަލްކާއޯ ދަނޑަށް ވަނުމާއެކުގައެވެ. ދެ ޓީމުގެ ކުޅުންތެރިންނާ ފަލްކާއޯ ސަލާމްކޮށް، ގައުމީ ޖާޒީގެ ހާއްސަ ޝަރަފެއްގައި ދަނޑުމަތީގައި ހުރެ އޭނާއަށް ދިން ފުރުސަތަށް ޝުކުރު އަދާކުރިއެވެ.
"ދިވެހި ރާއްޖެއިން މި ލިބުނު ފުރުސަތަކީ ހާއްސަ ފުރުސަތެއް. މި ފުރުސަތަށް ހާޑް ރޮކް އަދި ކްރޮސްރޯޑްސްއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. އަހަރެންނަށް މިހާތަނަށް ކުރެވުނު ތަޖުރިބާގައި ދިމާވި ހުރިހާ އެންމެންނަކީވެސް ވަރަށް ހިތްހެޔޮ ބައެއް. އަދި ވަކިން ހާއްސަކޮށް ފުޓްސަލްއަށް ލޯބި ހުންނަކަން އެނގޭ. އެހެންވީމަ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ބްރެޒިލް ބަހުރުވައިން ފަލްކާއޯ ބުންޏެވެ.
ފަލްކާއޯއަށް ހާޑްރޮކް ރިސޯޓުން ހާއްސަ ހަދިޔާއެއް އެރުވުމުގެ އިތުރުން އެފްއޭއެމްއިން ވަނީ ގައުމީ ޖާޒީއެއްވެސް އަރުވައިފައެވެ. އޭގެ އިތުރުން ވިސިޓް މޯލްޑިވްސްގެ ނަމުގައި އެމްއެމްޕީއާރުސީން ވެސް ފަލްކާއޯއަށް ވަނީ ހާއްސަ ހަދިޔާއެއް އަރުވައިފައެވެ. އެފްއޭއެމްގެ ޖާޒީ އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް، ފަލްކާއޯއަށް އަރުވާފައިވާ އިރު، ފަލްކާއޯ ވަނީ ދިވެހި ގައުމީ ޓީމުގެ ޖާޒީގައި ސޮއިކޮށް، ޖާޒީ ލައިގެން ހާއްސަ ފޮޓޯއަކަށް ހުއްޓިފައެވެ.
ފުޓްސަލްގެ ޗަރުކޭހަށް އާދަޔާހިލާފަށް މޮޅު ފަލްކާއޯއަކީ މުޅި ދުނިޔޭގެވެސް އެންމެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާއެވެ. ފުޓްސަލް ކެރިއަރުގައި ޕްރޮފެޝަނަލް 700 އަށްވުރެ ގިނަ މެޗު ކުޅެދީ، 1005 ގޯލު ޖަހާފައިވާ ފަލްކާއޯއަކީ ފުޓްސަލްގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ބްރެޒިލްގެ ގައުމީ ޓީމާއެކު 2008 އަދި 2012 ވަނަ އަހަރު ފީފާ ފުޓްސަލް ވޯލްޑް ކަޕް ކާމިޔާބުކުރި ފަލްކާއޯ އަކީ ފުޓްސަލްގެ ވޯލްޑް ކަޕް ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 258 މެޗުގައި 401 ގޯލު ޖަހައިދީފައެވެ.
ފީފާ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ފަލްކާއޯ ވަނީ ހަތަރު ފަހަރު ހޯދައިފައެވެ. އެއީ 2004، 2006 އަދި 2011 ގެ އިތުރުން 2012 ވަނަ އަހަރުއެވެ. ފީފާ ފުޓްސަލް ވޯލްޑް ކަޕްގެ ރަން ބޯޅަ ފަލްކާއޯ 2004 ވަނަ އަހަރާއި 2008 ވަނަ އަހަރު ހޯދި އިރު، 2004 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފަލްކާއޯ ވަނީ ރަން ބޫޓުވެސް ކާމިޔާބު ކޮށްފައެވެ.
ފަލްކާއޯގެ އާދަޔާހިލާފު ލެޖެންޑްރީ ފުޓްސަލް ކެރިއަރުގެ އަގުވަޒަންކުރުމުގެ ގޮތުން ފީފާއިން ވަނީ 2016 ވަނަ އަހަރު އޭނާއަށް އައުޓްސްޓޭންޑިން ކެރިއަރު އެވޯޑު އަރުވައިފައެވެ.
ޓެކާސް ރިސޯޓް މުބާރާތުގެ ފުރަތަމަ ޒޯންގައި މިއަދު ކުޅުނު ފުރަތަމަ ކުއާޓާ ފައިނަލް ތަފާތު ބޮޑު ނަމަވެސް، ދެވަނަ މެޗު ފެނުނީ ވަރަށްވެސް ފޯރިގަދަ ކޮށެވެ. ހޯސްޓް ކްރޮސްރޯޑްސްއާއި ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ވާދަކުރި އެ މެޗު 1-0 އިން އިތާފުށި ކާމިޔާބުކުރި އިރު، ދެން ސެމީއަށް ދާނެ ޓީމުތައް އެނގޭނީ މާދަމާގެ ކުއާޓާ މެޗުތަކުންނެވެ. މާދަމާ ފުރަތަމަ ކުއާޓާ ފައިނަލުގައި އަނަންތަރަ ނުކުންނާނީ ތާޖް އެކްސޮޓިކާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އެމްބޫދޫ ވިލެޖު ނުކުންނާނީ އޮޒެން ލައިފް މާދޫއާ ދެކޮޅަށެވެ. އެ ދެ މެޗުވެސް ފޯރިގަދަ ވާނެއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް