އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، އަޑިއަށް ދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދިޔަ ބޯޓުން ގެއްލުނު މީހާ ފެނުނީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކޯސްޓް ގާޑުގެ "ހަކުރާ" ލޯންޗަށް މިއަދުގެ ހަވީރު 5:25 ހާއިރު ކަމަށެވެ.

އެ ބިދޭސީ މީހާ މިހާރު މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި އެމީހާ ފެނުނުއިރު ހޭވެރިކަމެއް ނެތެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިދިޔަ ބުދަ ދުވަހު އިންޑިއާގެ ވިޔަފާރި ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުންނެވެ.

އެ ބޯޓު އަޑިއަށް ގޮސް، އެ ބޯޓުން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް، ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ.