ޚަބަރު

އެމްއޭސީއެލްގެ ފުލެޓުތައް މުވައްޒަފުންނާ ހަވާލުކޮށްފި

ރިފާ ހަލީލު

ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތަރައްގީކޮށްފައިވާ "އެއިރޯ ރެޒިޑެންސީ" ފުލެޓުތައް ނިންމައި، މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.

ފުލެޓު ލިބުނު މުވައްޒަފުންނާ ތަޅުދަނޑި ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު އެ ފުލެޓްތައް އިމާރާތްކޮށްފައިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ހިދުމަތުގައި ހުއްޓައި މަރުވި މުވައްޒަފެއްގެ އާއިލާ އާއި ރިޓަޔާ ކުރި މުވައްޒަފަކަށާއި މިހާރުގެ މުވައްޒަފަކަށް ވަނީ ރަމްޒީކޮށް ތަޅުދަނޑި ހަވާލުކޮށްފައެވެ.

މިއީ ސަރުކާރުން އެމްއޭސީއެލް އާ ހަވާލުކުރި 24،000 އަކަފޫޓުގެ ބިމުގައި އެޅި ދެ ޓަވަރެވެ. ދެ ޓަވަރު ހިމެނޭ މި ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައްވެސް ވަނީ ނިންމައިފައެވެ.

އެމްއޭސީއެލުން ބުނީ މި އެޕާޓުމެންޓުތަކުގެ ކުލި 20 އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ. ނަމަވެސް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ ކިހާ ވަރެއް ކަމެއް އެމްއޭސީއެލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން އިމާރާތްކުރި އެ ޓަވަރުތަކުގައި ހުންނަނީ ދެ ކޮޓަރި ހުންނަ 240 އެޕާޓުމަންޓާއި އެއް ކޮޓަރީގެ 72 އެޕާޓުމަންޓެވެ. 14 ބުރީގެ އެ ދެ ޓަވަރުގައި 384 އެޕާޓްމަންޓް ހުންނާނެއެވެ.