މުއާސަލާތީ ހިދުމަތަކީ ތަރައްގީގެ އެންމެ މުހިންމު ތަނބެވެ. ޓެކްނޮލޮޖީގެ ގޮތުން އިންތިހާއަށް ކުރިއަރާފައިވާ މި ޒަމާނުގައި މި ހިދުމަތާ ނުލައި އިގްތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަކީ ނާދިރު ކަމެކެވެ. ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކަކަށް އުފެދިފައިވާ ގައުމެއްކަމުން މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމުގައި، އެހެން ގައުމުތަކާ ހިލާފަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ގައުމެކެވެ. ހަމަ އެހެންމެ މިއީ މިކަމަށް ކުރަންޖެހޭ ހޭދަ ވެސް ނުހަނު ބޮޑު ކަމެކެވެ.
ނަމަވެސް މީގެ 32 އަހަރު ކުރިން މުޅިން އަލަށް ރާއްޖޭގައި މުއާސަލާތީ އިންފްރާސްޓަރަކްޗާ ބިނާކޮށް، އެކަމަށް ބޭނުންވާ އިންވެސްޓްމަންޓުތައް ކުރަން ފެށި އެވެ. 1 އޮކްޓޯބަރު 1988 ދިވެހިންގެ މުއާސަލާތީ ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ން ރަސްމީކޮށް މި ހިދުމަތް ދޭން ފެށިއެވެ. ހިދުމަތުގައި 34 އަހަރު މިއަދަށް ހަމަވިއިރު ދިރާގުން އަންނަނީ ކުރިމަތިވާ ހުރިހާ ގޮންޖެހުމެއް ހުރަސްކޮށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތް ފޯރުކޮށްދެމުންނެވެ.
ގައުމީ ހިދުމަތިގައި ދިރާގުން ފާއިތުވި 34 އަހަރުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. މުއާސަލާތީ ހިދުމަތުގައި ދިރާގަކީ ރާއްޖޭގެ މައި ތަނބެވެ. އެ ކުންފުނީގެ ހިދުމަތުގެ ލިސްޓް ދިގެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ޓެލެފޯންގެ ހިދުމަތް ދިނުމަށް 90ގެ އަހަރުތަކުގެ ކުރީކޮޅުގައި ދިރާގުން ފެށި 'ނެޝަނަލް ޓެލެފޯން ނެޓްވޯކް ރޯލްއައުޓް' ޕްރޮގްރާމަކީ ގައުމުގެ ތަރައްގީއަށް އެޅި މުހިއްމު ބިންގަލެކެވެ. 1995ގައި އެ ޕްރޮގްރާމުގެ އަމަލީ މަސައްކަތް ފަށައިގެން 1999 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ހުރިހާ ރަށަކަށް ޓެލެފޯނު ހިދުމަތް ތައާރަފުކުރިއެވެ. މި ދައްކަނީ ޓެލެފޯނު ބޫތު ޒަމާނުގެ ވާހަކައެވެ. އެ ހިދުމަތާއެކު ދިރާގުން ދެން ފެށީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ތައާރަފު ކުރުމަށެވެ. އެކަންވެސް 1996 ވަނަ އަހަރު ހާސިލުކޮށް ރާއްޖެއަށް އަލަށް އިންޓަނެޓް ހިދުމަތް ތައާރަފުކުރުމުގެ ޝަރަފު ދިރާގުން ހޯދިއެވެ. "ދިވެހިނެޓު" ނަމުގައި ދިރާގުން ތައާރަފުކުރި އިންޓަނެޓާއެކު އިގްތިސޯދީގޮތުން ދިވެހިންނަށް އެތައް ކަމެއްގެ ފެށުން ގެނުވިއެވެ. އެއީ ދުނިޔެ ރާއްޖެއާ ގާތް ކޮށްދިނުމުގެ ފެށުމެވެ.
ކުރިއަރަމުން އައި ޓެކްނޮލޮޖީ އާ އެއްވަރަކަށް ދިވެހި އިގްތިސޯދު ކުރިއެރުވުމަށް ދިރާގުން އައީ މެދު ނުކެނޑި އެ ކުންފުނީގެ ހިދުމަތްތައް އިތުރުކޮށް ފުޅާވެސް ކުރަމުންނެވެ. ލޭންޑްލައިނުން ފެށި ޓެލެފޯނުގެ ހިދުމަތް މިއަދު 5ޖީ ނެޓްވޯކުގައި އަންނަނީ ފޯރުކޮށްދެމުންނެވެ. 2018 ވަނަ އަހަރު ރާއްޖެއަށް 5ޖީގެ ހިދުމަތް ފުރަތަމަ ތައާރަފުކުރީވެސް ދިރާގުންނެވެ.
ޑައަލްއަޕް އިންޓަނެޓު މިއަދު ފޯރުކޮށްދެމުން އަންނަނީ ފައިބަރު އޮޕްޓިކްސް ކޭބަލުގެ ޒަރިއްޔާއިންނެވެ. އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓުތައް އިތުރުކޮށް، ޑޭޓާއަށް އޮތް ޑިމާންޑާ އެއްވަރަށް ކަސްޓަމަރުންގެ ހިދުމަތުގެ ތަޖުރިބާއަށް ބުރޫ ނާރާނެހެން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ކޮށްފަ އެވެ.
ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، އިތުރު 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލަކުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅު އެންމެ ފުރަތަމަ ގުޅުވާލީވެސް ދިރާގުންނެވެ. މި ކޭބަލް އެޅުމާއެކު މުއާސަލާތީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް އެތައް ހިދުމަތެއް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.
ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށްފަ އެވެ. މީގެ އިތުރުން އެންމެފަހުގެ ޓެކްނޮލޮޖީއާއެކު ފައިބަރު ޓު ދަ ހޯމް އިންޓަނެޓްގެ ހިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ހިދުމަތް މިހާރު އާބާދީގެ 85 ޕަސެންޓަށް ލިބޭ އިރު އޭގެ ތެރޭގައި 96 ރަށެއް ހިމެނެއެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތް ވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ އާބާދީގެ 85 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
މުއާސަލާތީ ރޮނގުން މުޅި އޭޝިއާ ސަރަހައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތައާރަފުކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ހިދުމަތްތައް ވެސް ދިރާގުން ރާއްޖެއަށް ފޯރުކޮށްދިނުމެވެ. އެ އިރެއްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދިރާގުން އަންނަނީ ރާއްޖެއަށް އަބަދުވެސް ފޯރުކޮށްދެމުންނެވެ.
ދިރާގުގެ ހިދުމަތްތައް ދިވެހިންނަށް ފެންނަނީ ހަމައެކަނި ޓެލެކޮމިއުނިކޭޝަން ދާއިރާއިން އެކަންޏެއް ނޫނެވެ. ވޭތުވެދިޔަ 34 އަހަރު ތެރޭގައި ރާއްޖޭގައި ހިނގައިދިޔަ ކުދި ބޮޑު ހުރިހާ ކަމެއްގައި އެކި ގޮތްގޮތުން ހިދުމަތް ފޯރުކޮށްދެމުން އައި މައި އެއް ކުންފުންޏަކީވެސް ދިރާގޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އިގުތިސޯދީ، އިޖުތިމާއީ ތަރައްގީގައި ރާއްޖެ ކުރިޔަށް އެޅި ކޮންމެ ފިޔަވަޅެއްގައި ދިރާގުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ.
އެގޮތުން، ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި ވެސް ދިރާގުން ދައްކައިދިން ނަމޫނާ ފާހަގަކޮށްލެވެ އެވެ. މުޖުތަމައަށް ފޯރުކޮށްދިން ގިނަގުނަ އެހީތެރިކަމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި ކިޔަވާ ކުދިންނާއި އަދި ކަސްޓަމަރުންނަށް ޑޭޓާގެ ލުއި ފަސޭހަތައް ދިޔައީ ފޯރުކޮށްދެމުންނެވެ.
ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް ވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކުންފުންޏެވެ. އެގޮތުން ދިރާގުގެ އިޖުތިމާއީ ޒިންމާ ނުވަތަ "ސީއެސްއާރް"ގެ ދަށުން އަންނަނީ ކުޑަކުދީންނާއި ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހަމައެހެންމެ، ދިރާގުން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތަކަށް ބަދަލު ގެނެސް، ހިދުމަތްތައް ފަރުމާކުރަމުންނެވެ. އެގޮތުން ދިރާގުން ފެށި ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށާއި ޕްރީޕެއިޑް ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ހަރަދަކުން ގިނަ ފައިދާ ލިބޭގޮތަށް ޕެކޭޖްތައް ގެނެސްފައި އެވެ.
ދިރާގުގެ 34 އަހަރުގެ ހަޔާތުގައި ކަސްޓަމަރުންނާ ގާތް ގުޅުމެއް ދެމެހެއްޓުމުގެ ސަބަބުން، ކަސްޓަމަރުންނާއި ދިވެހިންގެ އިތުބާރާއި ލޯބި އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.
ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. އެގޮތުން 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދެވެ. 1988 ވަނަ އަހަރުން ފެށިގެން އެތައް ސަތޭކަ ދިވެހީންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުމުގެ މަގު ތަނަވަސްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެމުން ދިރާގަކީ ކޮންމެ ދިވެއްސެއްގެވެސް ލެއާއި ގުޅިފައިވާ ދިވެހި ކުންފުންޏެކެވެ. އެއީ މުއާސަލާތީ ހިދުމަތުގައި މިދިޔަ 34 އަހަރު ދިވެހީންގެ އެންމެ ގާތް އެންމެ ހިދުމަތްތެރި ބައިވެރިޔާއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް