ޓޫރިޒަމް ސިނާއަތުގެ އަގުވަޒަންކޮށް އެ ސިނާއަތް ބަލައިގަތީ ހަމައެކަނި މި ސަރުކާރުން ކަމަށް ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރެއްވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔުނިވާސަލް އެންޓްޕަރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެއެވެ.
ކްރޮސްރޯޑުގައި ރޭ ބޭއްވި ޓޫރިޒަމް ގޯލްޑަން އިޔާ އެޕްރިސިއޭޝަން ރިސެޕްޝަންގައި ވާހަކަދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ވެސް ސަރުކާރުތަކެއް އޮތް ކަމަށާއި ނަމަވެސް އެ ސަރުކާރުތަކުން ޓޫރިޒަމް ދާއިރާގެ ކާމިޔާބުތައް ފާހަގަކުރަނީ ހަމައެކަނި އަނގައިން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ޓުރިޒަމް ދާއިރާގެ ބޭފުޅުން ބަލައިގަނެ އެ ދެމުންއަންނަ އަހަމިއްޔަތުކަން އެހެން އެއްވެސް ސަރުކާރަކުން ދީފައިނުވާ ކަމަށެވެ.
"ރާއްޖޭގެ ސަރުކާރުތައް އަތުވެއްޖެ، އައިސްފައި މި ރާއްޖޭގައި ހިނގައްޖެ ޓޫރިޒަމް ޑޭ ފާހަގަކުރަމުން. އެހެން ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މި ފަހަރު މި ދެއްވި ރިކޮގްނިޝަނެއް އަޅުގަނޑުމެންނަށް ފެނިފައެއް ނެތޭ،" އެމްޔޫ މަނިކު ވިދާޅުވިއެވެ.
އެމްޔޫ މަނިކު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ މެދު ފަހުރުވެރިވާން ޖެހޭ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ޓޫރިޒަމް ބާނީއެއް ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފެންތިއަށް ގެންދިއުމަކީ ލިބުނު އުފަލެއް ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އެއްވަނައަށް ގެންދިއުމަށްވުރެ ބޮޑަށް ދަތިވާނީ އެއްވަނައިގެ މަގާމު ދަމަހައްޓަން ކަމަށް އޭނާ ވިދާޅުވިއެވެ.
ޗަމްޕާ ވަނީ ރާއްޖޭގެ ޓޫރިޒަމް، އެއްވަނައިގެ މަގާމުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދެއްވުމަށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ ކިބައިން ވެސް އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ޓޫރިޒަމް ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ޓޫރިޒަމްގެ ބާނީ، ހެލްތު މިނިސްޓްރު އަހުމަދު ނަސީމް ވިދާޅުވީ މިހާރު ފެންނަން މިއޮތް ޓޫރިޒަމް އިންޑަސްޓްރީއަކީ އެތައް ބައެއްގެ ބުރަ މަސައްކަތް ކަމަށެވެ. ޓޫރިޒަމްގެ މަސައްކަތް ފެށިއިރު ރާއްޖޭގައި އެކަމަށް ބޭނުންވާ އެއްވެސް ވަސީލަތެއް ނެތް ކަމަށް ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު