ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައި ޖެހި އާހިރަތް ހަނދުމަ ނެތިކުރާ ބަޔަކަށް ނުވުމަށް މިއަދުގެ ހުކުރި ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ދުނިޔޭގެ ޒީނަތްތެރިކަމުގެ އަވާގައި ޖެހި އާހިރަތް ހަނދުމަ ނެތިކުރާ ބަޔަކަށް އަދި ލޯތަކަށް ފެންނާން އޮތް އެންމެ ބޮޑު ހަގީގަތް ކަމުގައިވާ މަރާމެދު ގާފިލުވާ ބަޔަކު ކަމުގައި އިންސާނުން ވެގެން ނުވާނެ ކަމަށެވެ.

ހުތުބާގައި ބުނީ، މާތްﷲ ވަނީ އެކަލާނގެ އަޅުތަކުންގެ އަޖަލު ކަނޑައަޅުއްވައި އައްލައުހުލް މަހްފޫޒުގައި ލިޔުއްވާފައި ކަމަށެވެ. އެ ލިޔުއްވާފައިވާ ގޮތާ ކުޑަކޮށްވެސް ތަފާތެއް ނެތި އަދި ލަސްވުމެއް، އަވަސްވުމެއް ނެތި އެ މީހެއްގެ އަޖަލު އެ މީހަކާ ބައްދަލުކުރާނެ ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ކާފަރުންނާއި ފާރިޖުންް މުއުމިނުންނަށް ވުރެ ބޮޑަށް މަރުގެ ވޭނުގައި އުޅޭނެ ކަމަށެވެ. އަދި މަލާއިކަތުން މުއުމިނު އަޅާގެ ގާތަށް ވަޑައިގެން މާތް ﷲ ދެއްވާފައިވާ އުފާވެރިކަމުގެ ހަބަރު ދެއްވުމުން އެ އަޅާގެ ކިބައިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ސިފަތައް ފާޅުވާނެ ކަމަށާއި ހަމަ އެފަދައިން، ކާފިރު ފާޖިރު މީހާއަށް ހުރި އަޒާބުގެ ވާހަކަ އިވުމުން އޭނާގެ ކިބައިން ހިތާމަވެރިކަމާއި ވަރުބަލިކަމާއި ހިތްދަތިކަމުގެ އަސަރު ފާޅުވާނެ ކަމަށް ބުންޏެވެ.

"އިންސާނާ މަރަށް ހާޒިރުވާ ވަގުތު ސައިތާނާ އޭނާގެ އަތްދަށުން އެ އިންސާނާ ވީއްލިގެންދިޔަ ނުދޭން މަސައްކަތްކުރާނެއެވެ. އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި، އިންސާނާ އެންމެ ކަންބޮޑުވެ ހާސްވާ ވަގުތު ސައިތާނާ އެމީހެއްގެ ގާތް މީހެއްގެ ސިފައިގައި އޭނާގެ ކައިރިއަށް އަންނާނެއެވެ. އަދި އިސްލާމްދީން ނޫން އެހެން ދީނަކަށް ތަބާވުމަށް ހިތްވަރުދޭނެއެވެ. މާތްﷲ އެމީހަކަށް އަބާއްޖަވެރިކަން ލިޔުއްވާފައިވާ މީހާ ޝައިތާނާގެ ވަސްވާހަށް ހެއްލޭނެއެވެ" ހުތުބާގައި ބުންޏެވެ.

ހުތުބާ ނިންމާލަމުން ވަނީ އާހިރަތަށްޓަކައި މަސައްކަތް ކުރުމަށް ވަސިއްޔަތްކޮށް، ހެޔޮ އަމަލުތައް ގިނަކުރަން ވަސިއްޔަތްކޮށްފައެވެ.