ކުރީންވެސް ދަންނަވައިފައިވާ ފަދައިން بــايـــزيــد ގެ ޙަޔާތްޕުޅަކީ އަޅުގަނޑުމެން މުސްލިމުން އެތައްގޮތަކުން ނަސޭހަތާއިވަސޭހަތް ލިބިގަންނާންޖެހޭ ޙަޔާތްޕުޅެކެވެ. މުސްލިމު މުފައްކިރުންކުރެ ބައެއް ބޭކަލުންވަނީ އޭގެތެރެއިން އެކިއެކި ހާދިސާތައް ޢިބްރަތުގެގޮތުން ފާހަގަކުރައްވައިފައެވެ. އެގޮތުން مـــولانــا وحــيـد الــدّيـــن خــــان ފާހަގަކުރެއްވި އެއްކަމަކީ އަންގޯރާ ހަނގުރާމައިގެ ހާދިސާއެވެ. 2003 ގައި އަޅުގަނޑު ވަނީ އެވާހަކަ ތަރުޖަމާކޮށް ޝާއިޢުކޮށްފައެވެ.
سلطـــان بــايـــزيــد ޔިލްދިރިމް ޢުޘްމާނީ ތާޖާއި ތަޚުތުގެ ވާރިސަކަށް ވެވަޑައިގެންނެވީ އޭނާގެ ބައްޕާފުޅު سلطـــان مــــــراد ޝަހީދުވުމުންނެވެ. ކޮސޯވޯގެ ހަނގުރާމައިގެ މައިދާނުގައެވެ. سلطـــان بــايـــزيــد އަކީވެސް އޭނާގެ ބައްޕާފުޅު ފަދައިން ނުހަނު ކެރިވަޑައިގަންނަވާ ހިތްވަރުފުޅުގަދަ ބަހާދަރެކެވެ. ކޮސޯވޯގެ ފަތަޙައިގައި އޭނާގެ ޙިއްސާ ވަރަށްބޮޑެވެ. އެދުވަހު އޭނާ މުސްލިމުންނަށް ގެއްލެމުންދިޔަ ބާޒީ ކާމިޔާބީއަކަށް ބަދަލުކޮށްދެއްވީ އިންތިހާދަރަޖައިގެ ބުޠޫލަތްތެރިކަމާއެކު ޖިހާދުކުރައްވައިގެންނެވެ. މުސްލިމު ތުރުކިއޭ ލަޝްކަރުގެ ފައިތިލަތައް މައިދާނުން އުފުރެމުންދާތަން އޭނާއަށް ފެނިވަޑައިގެންނެވުމުން ވަގުތުން އެހީފޮނުއްވިއެވެ. އެއަށްފަހު ޚުދު އޭނާ ވަރަށް ވަރުގަދަ ޙަމަލަތަކެއް ދެއްވައިގެން މުސްލިމުންގެ ފައިތިލަތައް އަލުން ސާބިތުކޮށްދެއްވިއެވެ. އޭނާ ވަރުގަދަ ދަގަނޑު ގުރުޒެއް ހިއްޕަވައިގެން ދުޝްމިނުންގެ ސަފުތަކުގެ ތެރެއަށް ވެދެވަޑައިގެން ޖިހާދަށް ފެއްޓެވިއެވެ. ކްރޭޒީއާއި ލޭންޕޫލް ވިދާޅުވާގޮތުގައި އޭނާގެ ކުރިފުޅުމައްޗަށްއައި އެއްވެސް އެއްޗެއް ކޮޅަށްހުއްޓަނުދެއްވައި ބިންމަތިކޮށްލެއްވިއެވެ. ތިމަންމެންނަށް ފަތަޙަ ލިބޭނެކަން ޔަޤީންކޮށްގެންތިބި ޢީސާއީ ފަހުލަވާނުންތައް މައިދާން ދޫކޮށްފައި ފިލައިގެންދާން މަޖްބޫރު ކުރެއްވިއެވެ. سلطـــان بــايـــزيــد އަށް އޭނާގެ ބައްޕާފުޅު "ޔިލްދިރިމްގެ" ޚިޠާބުދެއްވީ ކޮސޯވޯ ހަނގުރާމައިގެ ގާތްގަނޑަކަށް ތިންއަހަރު ކުރީންނެވެ. އޭޝިޔާކޫޗަކުގައި ތުރުކުމާނުންނާ ކުރެވުނު ހަނގުރާމައެއްގައި بــايـــزيــد ދެއްކެވި ހިތްވަރުފުޅާއި ސާބިތުކަމުގެ ސަބަބުންނެވެ. އިދިކޮޅު ބާރުތައް ކަފާސްކުރައްވައި މުގުރައި ސުންނާފަތިކުރެއްވުމުގައި އޭނާގެ ޙަރަކާތް އަވަސްކަމުގެ ސަބަބުންނެވެ. އެދުވަހުއްސުރެ ފެށިގެން އޭނާ ވަނީ بــايـــزيــد خــــان ޔިލްދިރިމްގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައެވެ.
سلطـــان بــايـــزيــد، سلطـــان مــــــراد ބުރުސާގައި ފަސްދާނުލެއްވުމަށްފަހު ހިނދުކޮޅަކުވެސް މަޑުކޮށެއްނުލައްވައެވެ. ވަޑައިގެންނެވީ ޔޫރަޕަށެވެ. އޭނާ ޢީސާއީންގެ ވަރަށްގިނަ ސަރަޙައްދުތައް ފަތަޙަކުރެއްވިއެވެ. ސާވިޔާގެ ރަސްގެފާނު بــايـــزيــد އަށް ޖިޒީދެއްވާ ރަސްކަލަކަށް ހެއްދެވިއެވެ. ސާވިޔާގެ ރަސްގެފާނު އޭނާގެ ކޮއްކޯފުޅު بــايـــزيــد ގެ ޙަރަމްސަރާއަށް ފޮނުއްވިއެވެ.
"ދައުލަތެ ޢުޘްމާނިއްޔާ" ގެ މުއައްލިފު ލިޔުއްވައިފައިވެއެވެ. "އިއްތިހާދީ ލަޝްކަރު ބަލިވުމަށްފަހުވެސް ސާވިޔާއިން ދުވަސްކޮޅަކު ހަނގުރާމަ ދެމެހެއްޓިއެވެ. ނަމަވެސް އެންމެފަހުން بــايـــزيــد އާ ޞުލްޙަވާން އެބައިމީހުންނަށް މަޖްބޫރުވެއްޖެއެވެ. بــايـــزيــد ސާވިޔާގެ އަމިއްލަ މިނިވަންކަން އެބައިމީހުންނަށް ދެއްވިއެވެ. ހަމައެކަނި ޖިޒީ ނެންގެވުމުގެ މައްޗަށް ފުއްދައިލެއްވިއެވެ. ލަޒާރޫސުގެ ޤާއިމްމަޤާމު ޝާހު ސްޓެފަން އަހަރުން އަހަރަށް ވާރުޚަރާޖު ދެއްވުމުގެ އިތުރަށް سلطـــان بــايـــزيــد ގެ އަރިހުގައި ހަނގުރާމަކުރާނެ ފަސްހާސް ސިފައިންގެ ލަޝްކަރެއް އަބަދުވެސް ތައްޔާރަށް ބާއްވަވަން ވަޢުދުވެވަޑައިގެންނެވިއެވެ. އޭނާގެ ކޮއްކޯފުޅު ޝެހެޒާދީ ޑެސްޕީނާ (Despina) އާ بــايـــزيــد އާ ކާވެނިކޮށްދެއްވިއެވެ. بــايـــزيــد ކުރައްވާ ހުރިހައި ހަނގުރާމަތަކެއްގައި އޭނާގެ ލަޝްކަރު ގޮވައިގެން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާނެކަމަށްވެސް ވަޢުދުވެވަޑައިގެންނެވިއެވެ. ސްޓެފަން އޭނާގެ ވަޢުދަށް އެންމެފަހު ވަގުތާ ހަމަޔަށްވެސް ވަފާތެރިވެވަޑައިގެންނެވިއެވެ. ނައިކޯޕޯލިސްގެ ހަނގުރާމައާއި އަންގޯރާގެ ހަނގުރާމަފަދަ ވަރުގަދަ މައުރިކާތަކުގައިވެސް بــايـــزيــد ގެ ކޮނޑުފުޅާ ކޮނޑުފުޅު ޖައްސަވައިގެން ހުންނަވައި ހަނގުރާމަ ކުރެއްވިއެވެ. ސާވީ ލަޝްކަރުގެ ޚިދުމަތް ހިމެނިފައިވަނީ ނުހަނު ބޭނުންތެރި އަދި ނަތީޖާ ނެރެވޭ ޚިދުމަތެއް ކަމުގައެވެ.
ނަމަވެސް ޝެހެޒާދީ ޑެސްޕީނާއާއި سلطـــان بــايـــزيــد ގެ ކާވެނިފުޅަކީ އަޚްލާޤީގޮތުން ބަލާއިރު ފައިދާހުރި ކާވެނިފުޅަކަށެއް ނުވިއެވެ. އެހެނީ ހުޅަނގުގެ މުއައްރިޚުން ވިދާޅުވާގޮތުގައި ޝެހެޒާދީ ޑެސްޕީނާ ވަނީ بــايـــزيــد ގެ ހިތްޕުޅަށާއި ސިކުނޑިފުޅަށް މުޅީން ވެރިވެވަޑައިގެންފައެވެ. އެކަމަނާ بــايـــزيــد އަށް ރާފޮދު ހިއްޕަވަން ދަސްފުޅުކޮށްދެއްވިއެވެ. މަޖާކުރެއްވުމާއި ކުޅިވަރު ކުޅުއްވުން އާދަކޮށްދެއްވިއެވެ. ނޮލްސް ވިދާޅުވާގޮތުގައި بــايـــزيــد އެހެންހުރިހައި އަނބިއަނބިކަނބަލުންނަށްވުރެ ބޮޑަށް ޑެސްޕީނާދެކެ ލޯބިފުޅުވެއެވެ. بــايـــزيــد އެކަމަނާއަށްޓަކައި އެކަމަނާގެ ބޭބޭފުޅު ސްޓެފެނަށް ސާވިޔާގެ ސަމަންދަރިޔާއާއި ކޮލަމްބީރިޔަމްއާ ދެރަށާއި އެދެރަށާ ގުޅިފައިވާ ކިއްލާތައް އަނބުރައި ރައްދުކުރެއްވިއެވެ. އެކަމަނާ بــايـــزيــد ރާފޮދު ހިއްޕެވުމުގެ ފަރާތަށް ލެންބެވިއެވެ. އެއީ ތުރުކިއޭއީންގެ ޤާނޫނުގައި މަނާކަމެކެވެ. މުއްސަނދި ބޮޑެތި ވަލީމާތައް ބާއްވަވަން ޝައުޤުވެރިކުރެއްވިއެވެ. އެއީ بــايـــزيــد ގެ ކާބަފައިކަލުން އެއްވެސްވަރަކަށް ކުރައްވައި އުޅުއްވިކަމެއް ނޫނެވެ." (ނޮލްސު: 143، ލޭންޕޫލް 37)
سلطـــان بــايـــزيــد خــــان ސާވިޔާއާއެކު ޞުލްޙައިގެ އެއްބަސްވެވަޑައިގެންނެވުމަކަށްފަހު ޤުސްޠަންޠީނިއްޔާގެ ޝަހެންޝާހަށް އައު ޞުލްޙަނާމާއަކަށް މަޖްބޫރު ކުރެއްވިއެވެ. އެ ޞުލްޙަނާމާގެ ސަބަބުންވަނީ ބައިޒެންޓެއިން ރަސްކަމުގައި އެހައިތަނަށްހުރި ޙައިސިއްޔަތުވެސް ގެއްލިފައެވެ. ޝަރަފާއި ކަރާމާތް ވެއްޔާ މޮޑެވިފައެވެ. ޤުސްޠަންޠީނިއްޔާއިން އެއްބަސްވީ بــايـــزيــد އަށް އަހަރަކު ތިރީސްހާސް ރިހި ރުފިޔާ ޖިޒީގެގޮތުން ދެމުންގެންދިޔުމަށާއި ބާރަހާސް ސިފައިންގެ ލަޝްކަރެއް بــايـــزيــد ގެ ޚިދުމަތަށް އަބަދުވެސް ތައްޔާރީ ޙާލަތުގައި ބޭއްވުމަށެވެ. އޭޝިޔާކޫޗަކުގައި ބައިޒެންޓައިން ދައުލަތުގެ ބާރުގެ ދަށުގައި އޭރުހުރީ އެންމެ ކިއްލާއެކެވެ. ފްލެޑެލްފިޔާއެވެ. އެކިއްލާވެސް بــايـــزيــد އާ ޙަވާލުކުރާން ޢަހްދުނާމާގައިވަނީ އެއްބަސްވެފައެވެ.
އެކިއްލާއާ ބެހޭގޮތުންވެސްވަނީ ވަރަށް ޢިބްރަތްތެރި ހާދިސާއެއް ހިނގައިފައެވެ. އެކިއްލާ ހުސްކޮށްފައި بــايـــزيــد އާ ޙަވާލުކުރާން ޝަހެންޝާހު އެންގެވުމުންވެސް އެކިއްލާ އޮފިސަރ އެ އަމުރުފުޅަކަށް ބޮލެއް ނުލެނބިއެވެ. بــايـــزيــد މަޖްބޫރު ކުރެއްވުމުން ޝަހެންޝާހަށް ޖެހިވަޑައިގެންނެވީ ޚުދު އޭނާގެ ލަޝްކަރު ފޮނުއްވައިގެން އެކިއްލާ ހުސްކުރައްވައިފައި سلطـــان بــايـــزيــد އާ ޙަވާލުކުރައްވާށެވެ. (ދައުލަތެ ޢުޘްމާނިއްޔާ، ޞަފުޙާ: 54) މިއީ އާރާއި ބާރުހުރި ވަރުގަދަ ރޯމަން އެމްޕަޔަރ މުސްލިމުންގެ ކުރިމަތީގައި ކަމީނާވެ އާރެއްބާރެއް ނެތިފައިވާ މިންވަރެވެ.
ޤުސްޠަންޠީނިއްޔާއާއެކު ކުރެއްވި އައު މުޢާހަދާއަށްފަހު بــايـــزيــد ވަޑައިގެންނެވީ އޭޝިޔާކޫޗަކަށެވެ. އޭނާ އޭޝިޔާގެ ބައެއް ދައުލަތްތައް އޭނާގެ ބާރުފުޅުގެދަށަށް ގެންނެވިއެވެ. އެ ރިޔާސަތުތައް ފަތަޙަކުރެއްވުމުން ތުރުކިއޭއިންނަށްވަނީ އޭޖިއަން ކަނޑުގެ އައްސޭރިޔަށް ނުކުމެވިފައެވެ. މުއައްރިޚަކު ލިޔުއްވައިފައިވެއެވެ. "އައިދީނާއި އިމްތީޝާއާއި ޞާރޫޚާން ފަތަޙަކުރެއްވުމުގެ ނަތީޖާއަކީ ތުރުކިއޭއިންނަށް އޭޖިއަން ކަނޑުގެ އައްސޭރިޔަށް ނުކުމެވުމެވެ. ޢުޘްމާނީ ކަނޑުގެ ބާރު ފެށެނީ އެހައިތަނުންނެވެ. އެކަމަކު بــايـــزيــد އަކަށް ޢުޘްމާނީންގެ ކަނޑުގެ ބާރު ތަރައްޤީކުރައްވާނެ ފުރުޞަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. ޢުޘްމާނީންގެ ފަސްދޮޅަސް ނަވުގެ މައްޗަށް އެކުލެވޭ ކަނޑުގެ ލަޝްކަރުގެ އެންމެފުރަތަމަ އަރުމާދު ކިއުސްއަށް ޙަމަލަދިނީ 792ހ./1390މ. ގައެވެ. (ދައުލަތެ ޢުޘްމާނިއްޔާ، ޙަވާލާ ގިބޯންސު: ޞަފުޙާ: 56)
އިސްވެދެންނެވި ފުތޫޙާތުތަކުގެ ތެރެއިން އެންމެބޮޑު ބައެއް ޙާޞިލުކުރެއްވުނީ ހަނގުރާމައަކާ ނުލައެވެ. سلطـــان بــايـــزيــد خــــان އެހައިތަނުން އަނެއްކާވެސް ދަރުދާނިޔާލް ހުރަސްކުރައްވައިފައި ވަޑައިގެންނެވީ އުދުރުނާއަށެވެ. بــايـــزيــد އުދުރުނާއަށް ވަޑައިގެންނެވިތާ ދުވަސްކޮޅެއްގެ ތެރޭގައި ޝަހެންޝާހު ޖޯން އަވަހާރަވެއްޖެއެވެ. ޝަހެންޝާހުގެ ދަރިކަލުން މަނޫއީލް بــايـــزيــد ގެ ދަރުބާރުގައި އުޅުއްވާތާ އޭރުވަނީ ދުވަސްތަކެއް ފާއިތުވެފައެވެ. ޖޯން އަވަހާރަވުމާއެކު މަނޫއީލް ފިލައިވަޑައިގެން ޤުސްޠަންޠީނިއްޔާއަށް ވަޑައިގެން ބައްޕާފުޅުގެ ޤާއިމްމަޤާމެއްގެ ހައިސިއްޔަތުން ރަސްކަމާ ޙަވާލުވެވަޑައިގެންފިއެވެ.
"ދައުލަތެ ޢުޘްމާނިއްޔާ" ގައިވާގޮތުން މަނޫއީލް ކަންތައްކުރެއްވި ގޮތާމެދު سلطـــان بــايـــزيــد ވަރަށްބޮޑަށް ނުގަބޫލުފުޅުވިއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ޤުސްޠަންޠީނިއްޔާ ޙިޞާރުކުރައްވައިފިއެވެ. ހަތްމަސްދުވަސް ވަންދެން އެޙިޞާރު ދެމެހެއްޓެވިއެވެ. އެކަމަކު ހަންގޭރީގެ ރަސްގެފާނު ސިގަސްމަންޑު ބަލްގޭރިޔާއަށް ދެއްވާ ވަރުގަދަ ޙަމަލަތައް ދިފާޢުކުރެއްވުމަށްޓަކައި بــايـــزيــد އަށް ސިފައިން ބޭނުންފުޅުވެއެވެ. އެހެންކަމުން سلطـــان بــايـــزيــد ވަރުގަދަ ޝަރުޠުތަކެއްގެމަތީން ޤުސްޠަންޠީނިއްޔާގެ ޙިޞާރު ދޫކޮށްލެއްވިއެވެ. ދިހައަހަރުގެ ޞުލްޙައިގެ މުޢާހަދާއެއްގައި ޤުސްޠަންޠީނިއްޔާއިން ސޮއިކުރުމުންނެވެ. އެ މުޢާހަދާގެ ދަށުން ޤުސްޠަންޠީނިއްޔާގައި ޝަރުޢީ ފަނޑިޔާރުގެއެއް ޤާއިމުކުރުމުގެ ހުއްދަ މުސްލިމުންނަށް ލިބުނެވެ. سلطـــان بــايـــزيــد އެފަނޑިޔާރުގެއަށް ޢައްޔަންކުރެއްވީ ތުރުކިއޭ ފަނޑިޔާރެކެވެ. އަދި އޭގެއިތުރަށް ޤުސްޠަންޠީނިއްޔާގައި މިސްކިތެއް ބިނާކުރުމުގެ ހުއްދަވެސް ލިބުނެވެ. ކްރިސްޓިއަން ޗާޗުގެ އިރުމަތީގެ މަރުކަޒުގައި ބިނާކުރެވުނު ރީތި ބޮޑު މިސްކިތުގެ މުންނާރުތަކުން ތަޢުހީދުގެ ކަލިމަފުޅުތައް ދުވާލަކު ފަސްފަހަރު އިޢުލާންކުރެވޭން ފެށިއެވެ." (ޙަވާލާ: ގިބޯން، ޖިލްދު: 4، ޞަފުޙާ: 392)
سلطـــان بــايـــزيــد ދެން ވަޑައިގެންނެވީ ވިލާޗިޔާއަށެވެ. (ވިލާޗިޔާއަކީ މިހާރު ރޫމޭނިޔާގެ ބައެކެވެ.) بــايـــزيــد ވަޑައިގެން ވިލާޗިޔާއަކީ ޢުޘްމާނީ ދައުލަތަށް ޖިޒީދޭ ދައުލަތަކަށް ހަމަޖެއްސެވިއެވެ. ލޭންޕޫލް ވިދާޅުވާގޮތުގައި بــايـــزيــد ވިލާޗިޔާއަށް ޙަމަލަދެއްވާން ފެއްޓެވީ ސާވިޔާއާ ޞުލްޙަވެވަޑައިގެންނެވިތާ ދެވަނަޔަށްވީ އަހަރުއެވެ. ހިޖުރައިން 795 ވަނަ އަހަރު (މީލާދީން 1393 ވަނައަހަރު) سلطـــان بــايـــزيــد އޭނާގެ ދޮށީ ދަރިކަލުން سـليمـان ޕާޝާ ބަލްގޭރިޔާ ފަތަޙަކުރައްވާން ފޮނުއްވިއެވެ. ބަލްގޭރިޔާގެ ދެކުނު ސަރަޙައްދު އޮތީ سلطـــان مــــــراد أوّل ގެ ރަސްކަމުގެ ދުވަސްވަރުން ފެށިގެން ޢުޘްމާނީ ރަސްކަމުގެ ބައެއްކަމުގައި ހަމަޖެހިފައެވެ. بــايـــزيــد ބޭނުންފުޅުވީ ބަލްގޭރިޔާގެ އުތުރު ސަރަޙައްދުވެސް ފަތަޙަކުރައްވާށެވެ. އެކަމަކު ބަލްގޭރިޔާގެ ރަސްގެފާނު ސިސްވަން ވަރަށް ސާބިތުކަމާއެކު މުސްލިމުންނާ ކުރިމަތިލެއްވިއެވެ. ނަމަވެސް މުސްލިމު ތުރުކިއޭއިންގެ ކުރިމަތީގައި މާގިނަދުވަހަކު ހިފަހައްޓަވައެއް ނުލެއްވެވުނެވެ. ތިންހަފުތާގެ ޙިޞާރުކުރުމަކަށްފަހު ތުރުކިއޭއިން އެތާނގެ ވެރިރަށް ހިފައިފިއެވެ. މުޅި ބަލްގޭރިޔާ ޢުޘްމާނީ ދައުލަތުގެ ވެރިކަމުގެ ދަށަށް އަތުވެއްޖެއެވެ. ބަލްގޭރިޔާގެ އަހްލުވެރީންކުރެ އިސްލާމްދީން ޤަބޫލުކުރި މީހުންގެ ބިންތައް އެބައިމީހުންނަށް ދެއްވިއެވެ. ބާކީހުރި އާބާދުނުވާ ބިންތަކާއި ސަރުކާރުގެ ބިންތައް، ޖާގީރުގެ ގޮތުގައި ތުރުކިއޭއީންނަށް ދެއްވިއެވެ. ބަލްގޭރިޔާއަކީ ޢުޘްމާނީ ދައުލަތުގެ ޕްރޮވިންސެއްކަމުގައި ހަމަޖެހި ބަރާބަރު ފަސްސަތޭކަ އަހަރުވަންދެން ބަލްގޭރިޔާ އޮތީ ޢުޘްމާނީ ދައުލަތުގެ ޕްރޮވިންސެއްގެ ގޮތުގައެވެ. އެކަން ނިމުމަކަށްއައީ 1878 ގައެވެ. (ދައުލަތެ ޢުޘްމާނިއްޔާ: 58)
سلطـــان بــايـــزيــد خــــان ބަލްގޭރިޔާ ފަތަޙަކުރެއްވުމަށްފަހު ވެޖީނާއި ސަލަސްޓަރވެސް ހިއްޕެވިއެވެ. ނައިކޯޕޯލިސް އޭގެކުރީންވަނީ ފަތަޙަވެފައެވެ. އެތިން ކިއްލާއަކީ ހަންގޭރީގެ ސަރަޙައްދުގައިހުރި ތިންކިއްލާއެވެ. سلطـــان بــايـــزيــد އެތިން ކިއްލާ ފަތަޙަކުރެއްވުމަށްފަހު ގެންދެވީ ހަންގޭރީ ފަތަޙަކުރައްވާން ތައްޔާރުކުރައްވަމުންނެވެ. ނަމަވެސް ކުއްލިޔަކަށް ޖެހިވަޑައިގެންނެވީ ޢޭޝިޔާއޭކޫޗަކާ ދިމާޔަށް އެނބުރިވަޑައިގަންނަވާށެވެ. ލޭންޕޫލް ވިދާޅުވާގޮތުގައި އޭގެ ސަބަބަކަށްވީ ކަރުމާނުގެ ސަރުކާރުން بــايـــزيــد ގެ އޭޝިޔާ ސަރަޙައްދަށް ޙަމަލަދިނުމެވެ.
أكــبــــــر شــاه خــــان ވިދާޅުވާގޮތުގައި ތުރުކުމާނީން އޭޝިޔާއޭކޫޗަކުގައިވާ بــايـــزيــد ގެ ޕްރޮވިންސްތަކަށް ޙަމަލަދެމުން ގެންދާންފެށީއެވެ. مــــولانــانجــيب آبــادى ވިދާޅުވާގޮތުގައި بــايـــزيــد خــــان ޔިލްދިރިމް ބޭނުންފުޅުނަމަ އީރާނާއި ޚުރާޞާނާއި އަދި އެނޫންވެސް އޭޝިޔާގެ ސަރަޙައްދުތައް ފަތަޙަކުރައްވައިގެން އޭނާގެ ރަސްކަމުގެ ސަރަޙައްދު ވަރަށްބޮޑަށް ތަނަވަސްކުރެއްވުނީހެވެ. އެކަމަކު عـثمــان خــــان އާއި އޭނާގެ ބޭފުޅުންގެ ކިބައިގައި ދީންވެރިކަން ވަރަށްބޮޑަށް ހުއްޓެވެ. އެހެންކަމުން މުސްލިމުންގެ ސަރަޙައްދުތަކަށް ޙަމަލަދެއްވައި މުސްލިމުންނާ ހަނގުރާމަކުރައްވައިގެން މުސްލިމުންގެ ބާރުގެދަށުގައިހުރި ސަރަޙައްދުތައް ފަތަޙަކުރައްވާކަށެއް އެބޭފުޅުން ބޭނުންފުޅެއް ނުވިއެވެ. ފެށުނީއްސުރެ ޢުޘްމާނީ ދައުލަތުގެ ޙިކުމަތެޢަމަލީއަކީ ޢީސާއީންނާ ދެކޮޅަށް ޖިހާދުކުރެއްވުމެވެ. އެކަށީގެންވީ މިންވަރަކުން ޢީސާއީ ދައުލަތްތަކުގެ ބިންތައް ފަތަޙަކުރެއްވުމެވެ. އިސްލާމީ ތަހްޒީބާއި އިސްލާމްދީން ޢީސާއީންނަށް ތަޢާރުފުކޮށްދެއްވަމުން ގެންދެވުމެވެ. ޢީސާއީ ދައުލަތްތައް އޭރުވެފައިވަނީ މުސްލިމުންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައަކަށެވެ. ޞަލީބީ ހަނގުރާމަތަކާއި އަދި އެނޫންވެސް އެތައްގޮތަކުންނެވެ. އެހެންކަމުން بــايـــزيــد خــــان ޔިލްދިރިމްވެސް ގެންދެވީ އޭނާގެ ކާބަފައިކަލުންގެ އުޞޫލުގައި ވަރުގަދަޔަކަށް ހިފަހައްޓަވަމުންނެވެ. މުސްލިމުންނާ ހަނގުރާމަކުރައްވާކަށެއް އޭނާގެ ހިތްޕުޅުގައި ކުޑަވެސް ޝައުޤުވެރިކަމެއް ނުހުރެއެވެ. ނަމަވެސް ތުރުކުމާނީން ޢުޘްމާނީ ސަރަޙައްދަށް ޙަމަލަދީ ބުރުސާއާއި އަންގޯރާއާ ދެމެދުގައި އޮންނަ بــايـــزيــد ގެ ލަޝްކަރު ސުންނާފަތިކޮށް މާސިންގާ ފިތުނައެއް އުފައްދައިލުމުން بــايـــزيــد خــــان އަށް މަޖްބޫރުވެވަޑައިގެންނެވީ އޭޝިޔާއާ ދިމާޔަށް އެނބުރިވަޑައިގަންނަވާށެވެ. ޔޫރަޕުގެ ޢީސާއީންނާއި ސިގަސްމަންޑުގެ މައްސަލަ ފަހަށް ބާއްވަވައިފައެވެ. ލޭންޕޫލުގެ ޢިބާރާތުން ދަންނަވާނަމަ އޭނާ ނަގޫރޯޅިޔެއް ފަދައިން އޭޝިޔާއޭކޫޗަކަށް އަރައިވަޑައިގެންނެވިއެވެ. (ޞަފުޙާ: 38) بــايـــزيــد خــــان އޭޝިޔާއަށް ވަޑައިގެންނެވުމާއެކު ދުޝްމިނުންތައް ބަލިކުރައްވައި ހައްޔަރުކުރައްވައި އެއްބަޔަކު ޤަތުލުކުރައްވައިފިއެވެ. މި ފިތުނައިގެ ކޮޅިގަނޑު ނެގީ އޭޝިޔާކޫޗަކުގެ ހުޅަނގުދެކުނު ފަރާތުންނެވެ. އެހެންކަމުން سلطـــان بــايـــزيــد އެ ސަރަޙައްދުގެ ހުރިހައި ދައުލަތްތަކެއް ފަތަޙަކުރައްވައި އޭނާގެ ރަސްކަމާ އެއްކޮށްލެއްވިއެވެ. ފުރިހަމައަށް އަމަންއަމާންކަން ޤާއިމުކުރައްވައިފިއެވެ. (ތާރީޚެ އިސްލާމް)
ޖަނަރަލް ގަލްބު ލިޔުއްވާގޮތުގައި سلطـــان بــايـــزيــد خــــان 1393މ. ގައި މުޅި އޭޝިޔާއޭކޫޗަކު އޭނާގެ ބާރުފުޅުގެ ދަށަށް ގެންނަވައިފިއެވެ. ޑައިނޫބު ކޯރުން ފެށިގެން ޠޫރަސް (Tauras) ގެ ފަރުބަދަތަކާ ހަމަޔަށް ފެތުރިފައިވާ މުސްލިމު އެމްޕަޔަރެއް ވުޖޫދަށް ގެންނަވައިފިއެވެ. (ޢަރަބްއަޤްވާމް، ޞަފުޙާ: 222)
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު