ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން، 27 ހޯދުމަށް ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ގެންދިޔުމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.
އަޒްހަނާ ގުޅޭގޮތުން ފުލުހުން އެންމެފަހުން މައުލޫމާތު ދީފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާންމު ރައްޔިތެއްގެ ފަރާތުން އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ބެލިބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު އެ ތަނުން ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށެވެ.
އަދި އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެންމެ ފަހުން އަޒުހާން ފެނިފައިވަނީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަޒްހާން ނުފެނި ގިނަ ދުވަސް ވަމުންދާނީ އެމްއާރްއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަޒްހާން ފެނިފައިނުވާތީ އާއި އޭނާ ހޯދުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބިފައިނުވާތީ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.
"އެހެންކަމުން އަޒްހާން ނުފެނި ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމުގައިވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުރިހަމަކޮށް ކުރިއަށް ގެންްގޮސްދެއްވުމަށް މި ޕާޓީގެ ފަރާތުން ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ،" އެމްއާރްއެމުން ބުންޏެވެ.
އަޒްހާން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ 7:00 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.
އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަމްބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު