އޯގަސްޓު މަހުގެ ނިޔަލަށް 4.6 ބިލިއަން ރުފިޔާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ހަރަދު ކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، އޮގަސްޓް މަހުގެ ނިޔަލަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 477 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށް 718 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއެކު، އޯގަސްޓު މަހުގެ ނިޔަލަށް ޖުމްލަ 4.6 ބިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫއު ތަކަށް ހަރަދުކޮށްފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ހިންގާފައިވަނީ 3.1 ބިލިއަން ރުފިޔާގެ މަޝްރޫއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުން ވަނީ 24.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 17.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް 6.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޕީއެސްސައިޕީ މަޝްރޫއުތަކަށް 2.5 ބިލިއަން ހަރަދުކުރި އިރު، އަހަރުގެ މެދު ކުއާޓާގައި އަދި ފަހު ކުއާޓާގައި ވެސް އެ އަދަދާ އެއްވަރަށް ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަން ވަނީ ހިމަނައިފައެވެ.