ޚަބަރު

ފިގުހު އެކަޑަމީ އުފެދެންދެން ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް އެބަކުރަން: މިނިސްޓަރު

އިބްރާހިމް ޒަކީ

ދީނީ ހިލާފު އުފެދޭ ކަންތައްތަކުގައި ފަތުވާ ނެރުމަށްޓަކައި، ބޭނުންވާ ފިގުހު އެކަޑަމީ އުފެއްދެންދެން، މިހާރު އޮތް ފަތުވާ މަޖިލިސް އަލުން އެކުލަވައިލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ބަލަމުން ގެންދާ، ޔޯގާ ހަމަނުޖެހުމާ މައްސަލައާގުޅޭގޮތުން ކޮމިޓީއަށް އިއްޔެ ހާޒިރުކޮށް އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފިގުހު އެކަޑަކީ އުފެއްދުމަށްޓަގައި ގާނޫނަށް ގެންނަޖެހޭ ބަދުތައް ގެނައުމުގެ މަސައްކަތް، އެ މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާ އޮފީސް ގުޅިގެން ކުރަމުންގެންދާ ކަމަށެވެ.

މިހާރު އޮތް ފަތުވާ މަޖިލިސް މިދިޔަ ފެބްރުއަރީ މަހާ ހަމައަށް ހުސްވެފައިވާ ކަމަށާއި، އެ މަޖިލީހުގައި ހުންނެވީ ހަމައެކަނި އެމަޖިލީހުގެ ރައީސް ކަމަށްވެސް ވިދާޅުވިއެވެ. ރައީސްގެ ދައުރުވެސް ކުރިއަށް އެބައޮތް ކަމަށާއި، އެ މަޖިލީހަށް ކަންކަމުގައި ގޮތް ކަނޑަނޭޅެނީ ކޯރަމް ހަމަނުވާތީކަމުން އެ މަޖިލީހަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފިގުހު އެކަޑަމީ އާއި ފަތުވާ މަޖިލީހުގެ ތަފާތު ކިޔުއްވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަތުވާ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އެންމެ ފަސް މެންބަރުން ކަމަށާއި، ފިގުހު އެކަޑަމީގައި 17، ނުވަތަ 19 މެންބަރުން ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. އިލްމީ އެކިއެކި ޔުނިވަސިޓީތަކުން ގްރޭޖުއޭޓް ވެފައި ތިއްބަވާ ގިނަ އިލްމުވެރިންތަކެއް ފިގުހު އެކަޑަމީގައި ތިއްބެވުމުން، ތަފާތު ވިސްނުންފުޅުތަކާއި، ހިޔާލުތައް ހުށަހެޅި ރަނގަޅު ބަހުސްތަކަށްފަހު ރަނގަޅު ނިންމުންތަކެއް ނިންމެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ފިގުހު އެކަޑަމީ އުފައްދާއިރު، އެ އެކަޑަމީގެ މެންބަރުން ކުރައްވާ ރިސާޗުތަކަށް އެހީތެރިވުމަށް، އިތުރު ރިސާޗު ބޭފުޅުން ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ފިގުހު އެކަޑަމީގައި ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވާތީ، ތަފާތު ވިސްނުންފުޅުތަކާއި ހިލާފުތައް ހުންނާނެ. އެހެންކަމުން ރަނގަޅު ބަހުސްތަކަށްފަހު ރަނގަޅު ނިންމުންތަކަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމާ ގުޅިގެން ވެސް ގިނަ ބަޔެއްގެ ފާޑުކިއުން އިސްލާމިކް މިނިސްޓްރީއަށް ރައްދު ކުރިއެވެ. އެއީ ޔޯގާ މައްސަލައަކީ ދީނީގޮތުން ހިޔާލު ފަފާތުވުން އުފެދިފައިވާ މައްސަލައަކަށް ވާތީ، އެ މައްސަލައިގައި މިނިސްޓްރީން ފަތުވާއެއް ނެރެފައި ނުވާތީއެވެ.

މިނިސްޓަރު ވިދާޅުވީ، ދީނީގޮތުން ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލަތަކުގައި މިހާތަނަށް އެއްވެސް އިރެއްގައި ވަކި ގޮތަކަށް ކަނޑައަޅާއި އެ މިނިސްޓްރީން ފަތުވާ ނެރެފައިނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެ މިނިސްޓްރީން ރައްޔިތުންނަށް ހާމަކޮށްދެނީ ދީނީ އިލްމުވެރިންގެ ރައުޔުތައް ބަޔާންކޮށް އެކަމެއްގައި އޮންނަ ގޮތްތައް ކަމަށެވެ.

އިލްމީ ގޮތުން ބަހުސް ކުރެވޭ ބޮޑެތި މައްސަލަތަކުގައި މިނިސްޓްރީއަށްވުރެން ބޮޑަށް ގޮތެއް ކަނޑައެޅޭނީ ފިގުހު އެކަޑަމީ އާއި ފަތުވާ މަޖިލިސް ފަދަ ބޮޑެތި މުއައްސަސާތަކަށް ކަމަށްވެސް ވިދާޅުވިއެވެ.