ގދ. މަޑަވެލީ ޓީއެސް ލައިން ދޯނިން އެއް ދުވަސް ތެރޭގައި ރެކޯޑު އަދަދަކަށް މަސް ބާނައިގެން އާމްދަނީއަށް މިލިއަނެއްހާ ރުފިޔާ ހޯދައިފި އެވެ.
ޓީއެސް ލައިން ދޯނިން އިއްޔެ ބާނާފައިވަނީ 57.15 ޓަނުގެ މަހެވެ. މިއީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ ތާރީހުގައި މިހާތަނަށް ދޯންޏަކުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މަސްބޭނި އަދަދެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެ ދޯނިން އިއްޔެ ކިރުވި މަހުގެ އަގަށް ޖުމްލަ 971،584ރ ޖެހެއެވެ. އަދި އެ ދޯނިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މަސްބޭނުމުގެ ރެކޯޑު ހަދާފައިވާ އިރު މިދިޔަ އަހަރު މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސްކިރުވި ދޯންޏަކީވެސް މި ދޯނި ކަމަށް ފައުޒީ ވިދާޅުވިއެވެ. އެއީ 1،095.805 ޓަނުގެ މަހެވެ.
މިފްކޯ އިން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ އޮގަސްޓު މަހުން ފެށިގެން މިއަދާ ހަމަޔަށް މި ދޯނިން ވަނީ 302.93 ޓަނުގެ މަސް ކިރުވައި 5.07 މިިލިއަން ރުފިޔާގެ އާމްދަނީ އެއް ހޯދައިފައެވެ.
މަޑަވެލީގައި ދުއްވާ ޓީއެސް ލައިން ދޯންޏަކީ ދިގުމިނުގައި 102 ފޫޓު ހުންނަ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ދޯންޏެކެވެ. ޖުމުލަ 42 މީހުންނަށް އުޅެވޭ، މިދޯންޏަކީ ގަދަ ކަނޑުތަކުގައިވެސް ދުއްވޭ ގޮތަށް ބަނދެފައިވާ ދޯންޏެކެވެ.
މަޑަވެލީ ކައުންސިލުގެ ރައީސް 'ވަން' އަށް މިއަދު ވިދާޅުވި ގޮތުގައި ޓީއެސް ލައިން މަހަށް ނުކުތް އިރުވެސް ކަނޑު ގަދައެވެ. އަދި 57 ޓަނު މަހަކީ އެ ދޯނިން އިއްޔެ އެކަނި ބޭނި މަސްކަމަށް އޭނާ ވިދާޅުވި އެވެ.
މި ރެކޯޑު ކުރިންވެސް އޮންނަނީ ޓީއެސް ލައިން ދޯނީގަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި އެ ދޯނިން ވަނީ އެއް ދުވަސްމަތިން 49.9 ޓަނު މަސްބާނާފައެވެ. މިދިޔަ ނޮވެމްބަރު މަހު ހަފްތާއެއްހާ ދުވަސް ތެރޭގައި އެދޯނިން 105 ޓަނުގެ މަސް ބޭނިކަމަށް މައުލޫމާތު ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު