ވޯލްޑްކަޕާއި ޔޫރޯފަދަ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތައް ކުރިއަށްދާއިރު ސަޕޯޓަރުންގެ ފޯރިނެގުމުގެ ހަރަކާތްތަކަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް ރޭވިގެން ވަރަށް ބޮޑަށް އިންތިޒާމްކުރެވިގެން ކުރިއަށް ގެންދެވޭ ހަރަކާތްތަކެކެވެ. ކޮންމެ ގައުމަކުންވެސް ސަޕޯޓަރުންގެ އެތައް ހާސްބަޔަކު މުބާރާތް ބަލަންދާނެއެވެ. އެމީހުން އާއްމުގޮތެއްގައި ތިބޭނީ ގައުމީ ޓީމުގެ ކުލައިން ހެދުން އަޅައިގެންނެވެ. އެހެންނޫނީ ސަގާފީ ކޮންމެވެސް ހެދުމެއްގައެވެ. ގައުމުތަކުގެ ސަޕޯޓަރުންނަށް ޚާއްސަ ނަންނަންވެސް ހުރެއެވެ. މިސާލަކަށް ހޮލެންޑުގެ ސަޕޯޓަރުން ނުވަތަ ފޭން ކްލަބް މަޝްހޫރުވެފައި އޮންނަނީ ހެޓް އޮރާންޔެ ލީޖަންގެ ނަމުންނެވެ. މާނަޔަކީ އޮރެންޖް ލަޝްކަރެވެ. މިއީ ހޮލެންޑުގެ ގައުމީ ޖޯޒީގެ ކުލަޔާއި ސަޕޯޓަރުންގެ ހެދުމުގެ ކުލަޔަށް ނިސްބަތްކޮށްފައި ކިޔާ ނަމެކެވެ.

ސަޕޯޓަރުންގެ ފޯރިނެގުމަށް ބަލާއިރު ބްރެޒިލްގެ ސަޕޯޓަރުންނަކީ އަބަދުވެސް އެންމެ ފާހަގަކުރެވޭ މީހުންނެވެ. ބްރެޒިލް ކުޅޭ މެޗުތަކުގައި ސްޓޭޑިއަމް ފެންނާނީ މުޅިން ރީނދޫ ކުލައިގައެވެ. ބްރެޒިލްގެ ސަޕޯޓަރުންވެސް ތިބޭނީ ރީނދޫ ހެދުމުގައެވެ. ބްރެޒިލްގެ ރީނދޫ ޖޯޒީއަށް އެމީހުން ކިޔަނީ ކެނެރީނިއޯއެވެ. މާނަޔަކީ ކެނެރީ ޖޯޒީއެވެ. މިދެންނެވި ކެނެރީނިއޯއަކީ ޒަމާނުއްސުރެ ބްރެޒިލްގެ ފުޓްބޯޅައިގެ ކުލައެވެ. ސަޕޯޓަރުންގެ ލެޔާއި ގުޅިފައިވާ ކުލައެވެ. ގައުމީ ފަޚުރާއި ނަސީބާއި ކާމިޔާބު ކަމަށް އެމީހުން ގަބޫލުކުރާ ކުލައެވެ. އެހެންނަމަވެސް އެކަން ވަރަށް ބޮޑު ސަބަބަކާ ލައިގެން މިހާރު ބަދަލުވެއްޖެއެވެ. ނުވަތަ ބަދަލުވާން ފަށައިފިއެވެ. ކެނެރީނިއޯއަކީ މިހާރު ބްރެޒިލްގެ ވަރަށް ގިނަބަޔަކު މޭނުބައިކުރާ ޖޯޒީއަކަށް ވެއްޖެއެވެ. ގާތްވާން ބޭނުންނުވާ ކުލައަކަށްވެސް ވެއްޖެއެވެ.

ކެނެރީނިއޯއަކީ ބްރެޒިލްގެ ފުޓްބޯޅަޔާއި ގައުމީ އެއްބައިވަންތަކަމާއި ފަޚުރު ރަމްޒުކޮށްދޭ ކުލަކަމަށް ވެފައިވަނިކޮށް އެތާގެ ހައްދުފަހަނަޅާފައިވާ ސިޔާސީ ބައިގަނޑަކުން ވަނީ އެކުލަ ފޭރިގެންފައެވެ. ބްރެޒިލްގެ ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ރައީސް ޖައިރު ބޮލްސޮނާރޯ އާއި އޭނާގެ ޕާޓީން ވަނީ ކެނެރީނިއޯ އަމިއްލަކޮށްފައެވެ. ހައިޖެކްކޮށްފައެވެ. ރައީސް ބޮލްސޮނާރޯއަށް ތާއީދުކުރާ އެންމެންގެ ކުލައަކީ މިހާރު ރީނދޫ ކުލައެވެ. އެކި އެއްވުންތަކުގައި އެމީހުން ލައިގެން ތިބެނީ ކެނެރީނިއޯއެވެ. މި ޖޯޒީ ލައިގެން ހުންނަ ކޮންމެ މީހަކުވެސް މިހާރު ބެލެވެނީ ނުވަތަ ބަލަނީ ރައީސް ބޮލްސޮނާރޯގެ ސަޕޯޓަރެއް ކަމުގައެވެ. އޭނާގެ ސިޔާސަތަށް ތާއީދުކުރާ މީހެއްކަމުގައެވެ. އެގޮތުން ކެނެރީނިއޯ މިހާރުވަނީ ސިޔާސީ ޖޯޒީއަކަށް ވެފައެވެ. ސިޔާސީ ކުލައަކަށްވެސް ވެފައެވެ.

ރައީސް ބޮލްސޮނާރޯއަކީ ކޮވިޑެއް، ސައިންސެއް، ހަމަޔެއް، އުސޫލެއް ގަބޫލުކުރައްވާ ވެރިއެއް ނޫނެވެ. މުޅި ބްރެޒިލް އޭނާ ވަނީ ގަޑުބަޑު ކުރައްވައިފައެވެ. އެހެންވީމާ ބްރެޒިލްގެ ވަރަށް ގިނަ ބަޔަކު އޭނާއަށް މިހާރު ނަފުރަތު ކުރެއެވެ. އޭނާގެ ސިޔާސީ ފިކުރަށްވެސް ނަފުރަތު ކުރެއެވެ. އެ ފިކުރު ރަމްޒުކޮށްދޭ ހުރިހާ އެއްޗަކަށްވެސް ނަފުރަތު ކުރެއެވެ. ގައުމީ ޓީމަށް ސަޕޯޓްކުރުމުގެ ގޮތުން ވިޔަސް ކެނެރީނިއޯ ލައިފިއްޔާ އެއީ ބޮލްސޮނާރޯގެ ސަޕޯޓަރެއް ކަމަށް ފެނިދާނެތީ ވަރަށް ގިނަ ބަޔަކު ކެނެރީނިއޯ އެއްލާލައިފިއެވެ. އެޔާއި ގާތްނުވާން ނިންމައިފިއެވެ. ބޮލްސޮނާރޯގެ މީހެއް ކަމަށް ހީވުމަށްވުރެ ބޮޑު ގައުމީ ލަދެއް، ދެރައެއް ނޯންނާނެ ކަމަށް ވަރަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ. އެހެންވީމާ މިފަހަރު ގަތަރުގައި ބްރެޒިލް ކުޅޭ މެޗުތަކުގައި ސަޕޯޓަރުންގެ ތެރެއިން ކެނެރީނިއޯ ފެނުން މަދުވާނެއެވެ.

ބްރެޒިލްގެ ސަޕޯޓަރުންގެ ތެރޭގައި ބޮލްސޮނާރޯއަށް މަރުދޭ މީހުންވެސް ހިމެނެއެވެ. ސިޔާސީ ވަކި ފިކުރަކަށް ތާއީދު ނުކުރާ މީހުންވެސް ހިމެނެއެވެ. ކޮންމެ ގޮތެއްވެސް ހެޔޮ މީހުން ހިމެނެއެވެ. އެހެންވީމާ ސްޓޭޑިއަމަށް ވަދެ ތިބޭ ސަޕޯޓަރުންގެ ތެރެއިން ކެނެރީނިއޯ ދެންވެސް ފެންނާނެއެވެ. އެކަމަކު ކުރީގެ ވޯލްޑްކަޕް ތަކަށްވުރެ މަދުންނެވެ. މާމަދުންނެވެ. މިފަހަރުގެ ވޯލްޑްކަޕް މި ކުޅެވެނީ ބްރެޒިލްގައި 2024 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުވެސް ފެށިފައި ވަނިކޮށެވެ. މި އިންތިޚާބުގައި ވާދަކުރައްވާ އިސް ދެ ބޭފުޅުންނަކީ ބޮލްސޮނާރޯ އާއި ކުރީގެ ރައީސް ލޫލާއެވެ. ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި ލޫލާ އުޅުއްވަނީ ބޮޑުތަނުން ކުރީގައެވެ. މިހާރުވެސް ބޮލްސޮނާރޯ އެބަވިދާޅުވެއެވެ. ލޫލާއަށް ކާމިޔާބު ލިބިގެން ނިމޭ އިންތިޚާބެއްގެ ނަތީޖާ ގަބޫލުކުރުމެއް ނެތެވެ.

ބޮލްސޮނާރޯގެ ބަސްމަގު މިބީދައިން ހުރިއިރު އޭނާއަށް މަރުދޭ ސަޕޯޓަރުންނަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހުންކަމަށްވެސް ބުނެވެއެވެ. އެމީހުން ތިބެނީ ކުރިންވެސް ދެންނެވި ފަދައިން ކެނެރީނިއޯ ލައިގެންނެވެ. ވޯލްޑްކަޕް ތެރޭގައި ފުޓްބޯޅަޔަށް ލޯބިން ކެނެރީނިއޯއެއް ލިޔަސް އެއީ އެއްކަލަ ގްރޫޕް ފަދައިން ކުޅަނދު ހަމަނުވާ މީހެއްކަމުގެ ސިއްކަ ޖެހިދާނެތީ ކެނެރީނިއޯ ނުލާނަމޭ ބުނެ މީސްމީޑިއާގައި ޚިޔާލުފާޅުކުރާ މީހުން މިހާރު ވަރަށްވެސް ގިނައެވެ. ގައުމީ ފުޓްބޯޅަ ޓީމަށް އޮންނަ ލޯބި، ސިޔާސީ މަންފާއަކަށްޓަކައި ބޭނުންކުރަން އުޅުމަކީ ބްރެޒިލްގައި އައު ކަމެއް ނޫނެވެ. ބްރެޒީލުން 1970 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރީމާ އޭރުގެ އަސްކަރީ ސަރުކާރުންވެސް ކެނެރީނިއޯ ބޭނުންކޮށްގެން ސިޔާސީ ކެމްޕޭނެއް ހިންގާފައިވެއެވެ.