އިޓަލީގައި މި ހަފުތާގެ އާދީއްތަ ދުވަހު ބޭއްވުނު އާއްމު އިންތިޚާބު، ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ލީޑަރު ޖޯޖިޔާ މެލޯނީގެ ޕާޓީއާއި އެ ޕާޓީއާ އިއްތިހާދުވެފައިވާ ކަނާތުފިޔައިގެ ޕާޓީތަކުން ވަނީ ކާމިޔާބުކޮށްފައެވެ. އިޓަލީގައި ދެން އައު ސަރުކާރެއް އެކުލަވައިލާނީ ބޮޑުވަޒީރަކަށް އުމުރުފުޅުން 45 އަހަރުވީ މެލޯނީ ހުންނަވައިގެންނެވެ. އިންތިޚާބުގެ ނަތީޖާއިން ފެންނަ ގޮތުގައި މެލޯނީގެ ބްރަދަރސް އޮފް އިޓަލީ ޕާޓީއަށް ވޯޓުގެ ސައްބީސް އިންސައްތަ ލިބިފައިވެއެވެ. އެ ޕާޓީއާ އިއްތިހާދުވެފައިވާ ފޯޒާ އިޓާލިޔާ އާއި ލީގު ޕާޓީ އެއްކޮށްލީމާ ވޯޓުގެ 44 އިންސައްތަ ހަމަވެއެވެ. އެހެންވީމާ ޖޯޖިއާ މެލޯނީއަށް ކިތަންމެ ރީއްޗަކަށްވެސް ސަރުކާރެއް އެކުލަވައިލެވޭނެއެވެ. ފޯޒާ އިޓާލިއާ ޕާޓީގެ ލީޑަރަކީ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ސިލްވިއޯ ބާލުސްކޯނީއެވެ. ލީގު ޕާޓީގެ ލީޑަރަކީ ކުރީގެ ޑެޕިއުޓީ ޕްރައިމިނިސްޓަރެއް ކަމުގައިވާ މަތެއޮ ސްލަވީނީއެވެ.

ޖޯޖިޔާ މެލޯނީ ފަދައިން ބާލުސްކޯނީ އާއި ސްލަވީނީއަކީވެސް ކަނާތުފިޔައިގެ ބޭފުޅުންނެވެ. މިބޭފުޅުން އިސްކޮށް ތިއްބަވައިގެން އުފައްދަވާ ސަރުކާރަކުން އިޓަލީ ކުރިއަށް ގެންދާނީ ކޮން މަގަކުން ބާވައެވެ. އެންމެންގެ ސުވާލަކީވެސް އެއީއެވެ. އެބޭފުޅުން ވަކާލާތު ކުރައްވާ ކަންކަން ތަންފީޒުކުރަން ދިމާކޮށްފިނަމަ ޔޫރަޕުގެ އިއްތިހާދު ބައިބައިވާނެއެވެ. ޔޫރަޕުގެ އެކުވެރިކަން ގެއްލޭނެއެވެ. މިޒަމާނުގެ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތައް ގުރުބާން ކުރެވޭނެއެވެ. އެހެންވީމާ އިޓަލީއާ ދޭތެރޭ ސީރިއަސް ކަންބޮޑުވުންތަކެއް މިހާރު ވަނީ އުފެދިފައެވެ. ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ މެލޯނީއަކީ ހަމަފާޅުގައި ފެސިސްޓެކެވެ. އިޓަލީގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ބެނީޓޯ މުސޮލިނީއަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އޭނާގެ ޝިއާރުތައް ނަކަލު ކުރައްވައިގެން އެމަގުން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅެކެވެ.

ބެނީޓޯ މުސޮލިނީއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިޓަލީގެ ވެރިޔާއެވެ. އޭނާގެ ވެރިކަން އިންގިލާބުކޮށް ހިފައި ހައްޔަރުކޮށް ދަންޖައްސައި މެރީ ރައްޔިތުންނެވެ. ޖޯޖިއާ މެލޯނީ އާއި އެކަމަނާގެ ޕާޓީގެ އަސާސްތައް އަތުރާލެވިފައިވަނީ މުސޮލިނީގެ ފޮތަށް ތަބާވެގެންނެވެ. މެލޯނީ ވިދާޅުވެއެވެ. އިޓަލީއަކީ ދޮންމީހުންގެ ވަޒަނެވެ. ނަސާރާއިންގެ ވަޒަނެވެ. އިޓަލީގައި އިސްކަން ދެވޭނީ އިޓަލީވަންތަ މީހުންނަށެވެ. ހިޖުރަވެރީންނަށް އިޓަލީގެ ބޯޑަރު ބަންދުކޮށް ހިޖުރަވެރީންގެ ބޯޓުތައް މެދުތެރޭ ކަނޑުގެ އަޑިއަށް ފައްތައިލުމަށް އެކަމަނާ ތާއީދު ކުރައްވައެވެ. ހަމައެޔާއެކު އިސްލާމްދީނާއި އިސްލާމުންނާ އަދާވާތްތެރިވެގަތުމަކީ މެލޯނީ ގަބޫލުކުރައްވާ ގޮތުގައި އިޓަލީވަންތަކަން ދިރުވުމަށް މުހިއްމު ކަމެކެވެ. ކުރިއަށް އޮތް މަގަކީ އެއީއެވެ.

ޔޫރަޕުގެ އިއްތިހާދަކީ 27 ގައުމު ހިމެނޭ ސިޔާސީ އަދި އިގްތިސާދީ ޖަމާއަތެކެވެ. އިޓަލީއަކީ އެ ޖަމާއަތުގެ އެންމެ މުހިއްމު އެއް ގައުމެވެ. އެންމެ ބޮޑު އެއް އިގްތިސާދެވެ. ޔޫރަޕުގެ އިއްތިހާދުގައި ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ މީހުން ވެރިކަންކުރާ އެހެން ގައުމެއްވެސް އެބައޮތެވެ. އެއީ ހަންގޭރީއެވެ. އެކަމަކު އިޓަލީއަކީ ހަންގޭރީއާ ތަފާތު ގައުމެކެވެ. ޖަރުމަންވިލާތާއި ފަރަންސޭސިވިލާތް ނަގައިފައި ދެން ޔޫރަޕުގެ އިއްތިހާދުގައި އޮތް އެންމެ ބޮޑު އެންމެ މުހިއްމު އިގްތިސާދަކީ އިޓަލީއެވެ. އެހެންވީމާ ކަނާތުފިޔައިގެ ފިކުރު ކުރިއަށް ނެރޭ ސަރުކާރެއް އިޓަލީގައި އޮތުމަކީ ވަރަށް ގިނަ ކަންކަމުގައި ޚިޔާލު އެއްގޮތްކޮށްގެން ކުރިއަށް ދިޔުމުގެ ސަގާފަތެއް އޮންނަ ޔޫރަޕުގެ އިއްތިހާދަށް ވަރަށް ބޮޑު ހުރަހެކެވެ. ވަރަށް ބޮޑު ގޮންޖެހުމެކެވެ. ވަރަށް ބޮޑު ބިރެކެވެ.

މުސޮލިނީގެ ފެސިސްޓް ޕާޓީން އިޓަލީގެ ވެރިރަށް ރޯމަށް އަރައި އިޓަލީގެ ތާރީޚު ބަދަލުކޮށްލި ހާދިސާއަށް ސަތޭކަ އަހަރު ވަނީ ވެފައެވެ. މިހާރު މިއޮތީ އެހެން ޒަމާނެކެވެ. މުސޮލިނީ ބޭނުންވީމާ ބޭނުންހާ ގޮތަކަށް އިޓަލީގެ ގާނޫނުތަކާއި ކުޅެވުނަސް ޖޯޖިޔާ މެލޯނީއަށް އެ ފުރުސަތެއް ނެތެވެ. އައު ސަރުކާރަށް އޮތީ ގާނޫނުއަސާސީ ހުއްދަކުރާ މަގެކެވެ. ހުއްދަކުރާ މައިދާނެކެވެ. އިޓަލީ އެއޮތީ ޔޫރަޕުގެ އިއްތިހާދުގައެވެ. އިޓަލީއަށް ހުރިހާ ގޮތަކުންވެސް ފައިދާ އޮތީ މި އިއްތިހާދުގައި ދެމިއޮވެގެންނެވެ. އިޓަލީގެ އިގްތިސާދީ ދުޅަހެޔޮކަން ހިފެހެއްޓުމަށް އޮތް މަގަކީވެސް އެއީއެވެ. އެހެންވީމާ ޖޯޖިއާ މެލޯނީ އަދި ކިތަންމެ ބޭނުންފުޅުވިޔަސް ނުކުރެއްވޭނެ ކަންކަން ހުންނާނެއެވެ. އިޓަލީގެ ޑިމޮކްރަސީ މުގުރާލައި ޚުދުމުޚުތާރު ފެސިސްޓް ވެރިޔަކަށް ނުވެވޭނެއެވެ. ޔޫރަޕުގެ އިއްތިހާދާއި ނޭޓޯއާ ދުރަކަށް ނުގެންދެވޭނެއެވެ.

އިޓަލީގެ ތާރީޚުގައި އަންހެނަކު އަދި ބޮޑުވަޒީރުކަމެއް ނުކުރައްވައެވެ. ޖޯޖިއާ މެލޯނީ ވެގެންދާނީ އަންހެން ފުރަތަމަ ބޮޑުވަޒީރު ކަމުގައެވެ. ބެނީޓޯ މުސޮލިނީއަށްފަހު އިޓަލީގެ ބޮޑުވަޒީރުކަން ފެސިސްޓް ފިކުރުގެ ބޭފުޅަކު ނުކުރައްވާތާ 80 އަހަރު ވަނީއެވެ. އެކަންވެސް ޖޯޖިއާ މެލޯނީ ނިމުމަކަށް ގެންނަވައިފިއެވެ. މިއީ ހަގީގަތުގައިވެސް ބިރުވެރި ބަދަލެކެވެ. މިއިން އެނގިގެންދަނީ ޔޫރަޕުގައި ނިދާފައި އޮތް ވަތަނީ ސާރިދޯޅު ހޭލައިފިކަމެވެ. މިކަމުގެ ހަގީގީ ބިރު ފެންނާނީ އަދިވެސް ތަންކޮޅެއް ފަހުންނެވެ. މުޅި ޔޫރަޕަށް މިހުން ފެތުރުނީމައެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޖޯޖިއާ މެލޯނީއަށް މި ފުރުސަތު ލިބިވަޑައިގަތީ ސިޔާސީ ނިޒާމާއިމެދު ރައްޔިތުން ފޫހިވެގެންނެވެ. އެންމެފަހުން ވެރިކަންކުރި ސަރުކާރުތަކާއި އިސްކޮށް ތިބި ޕާޓީތަކާމެދު ރައްޔިތުން މާޔޫސްވެގެންނެވެ. އައު ބަޔަކު ތަޖުރިބާކޮށް އަޖުމަ ބަލައިލުމުގެ ގޮތުންނެވެ.