އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކުރި ބ. ދަރަވަންދޫ ސިއްހީ މަރުކަރުގެ އަވަސް ފަރުވާދޭ ޔުނިޓް ހުޅުވައިފިއެވެ.
ދަރަވަންދޫގައި ސިއްހީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަވަސް ފަރުވާގެ ޔުނިޓް ހުޅުވައިދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު މުނޫ މަހާވަރުއެވެ.
ދަރަވަންދޫ ސިއްހީ މަރުކަޒުގެ އަވަސް ފަރުވާ ދޭ ޔުނިޓަކީ އިންޑިއާ ސަރުކާރުން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ދާއިރާއަށް އެހީވުމަށް 2019 ވަނަ އަހަރު ދިން އެހީގެ ދަށުން ގާއިމުކުރި ތަނެކެވެ. ނަމަވެސް މުޅި ތަނުގެ ހަރަދު ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރުގެ އެހީއާ ވެސް އެކުއެވެ. ދެބުރިއަށް ތަރައްގީކުރި އަވަސް ފަރުވާ ދޭ ޔުނިޓުގެ މަސައްކަތައް އިންޑިއާއިން ވަނީ 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ، ދިވެހި ސަރުކާރުން ހަރަދުކުރީ ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ ޔުނިޓުގައި އަވަސް ފަރުވާދޭ 10 އެނދުގެ ވޯޑަކާއި އޮފީސް ސެގްމެންޓަކާއި ނާސިން ސްޓޭޝަނެއް ގާއިމްކޮށްފައިވެއެވެ.
އަވަސް ފަރުވާދޭ ޔުނިޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، މާލެ އާއި ރަށްރަށުގެ މެދުގައިވާ ފަރަގު ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ސަރުކާރުން ކުރާ މަސައްކަތުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އައިސް ސިއްހީ ދާއިރާ ލާމަރުކަޒީ ވަމުންދާ ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ އަވަސް ފަރުވާދޭ ޔުނިޓު ގާއިމްކުރި، ދަރަވަންދޫ ސިއްހީ މަރުކަޒަކީ ސްޓްރެޖެޓިކަލީ ވަރަށް މުހިންމު ސަރަހައްދެއް ކަމަށާއި ބ. އަތޮޅަކީ ވަރަށް ގިނަ ރިސޯޓުތައް އޮންނަ ރަށަކަށްވުމުން ކުއްލި ހާލަތުގައި ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ދަރަވަންދޫއަކީ އެއާޕޯޓެއް ވެސް އޮންނަ ރަށަކަށްވުމުން ސިއްހީ އަވަސް ފަރުވާގެ ޒަމާނީ ހިދުމަތެއް ދަރަވަންދޫގައި ގާއިމުވެފައި އޮތުން މުހިންމު ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ސިއްހީ އެމެޖެންސީއެއްގައި ލިބެން ޖެހޭ އަވަސް ފަރުވާއަކީ އެ ފަރުވާ ދިނުމަށް ނަގާވަގުތު ފަޅި ސިކުންތެއްގެ ފަރަގުންވެސް މީހެއްގެ ފުރާނަ ސަލާމަތްވުމުގެ ނަތީޖާއަކަށް ވެދާނެ،" ނަސީމް ވިދާޅުވިއެވެ.
އެމަޖެންސީ މެޑިސިން ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށާއި އެކަމުގެ ނަތީޖާ ދަރަވަންދޫއިން މިހާރު ފެންނާނެ ކަމަށް ނާސިމް ވިދާޅުވިއެވެ.
އިންޑިއާގެ އެހީގައި ދަރަވަންދޫގައި އަވަސް ފަރުވާގެ ޔުނިޓެއް ގާއިމްވެގެން ދިޔުމަކީ އެމަޖެންސީ މެޑިސިން ކުރިއަރުވަން ކުރާ މަސައްކަތް ލިބުނު ކާމިޔާބީ އެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދަރަވަންދޫ ވެގެންދާނީ އެމަޖެންސީ މެޑިސިންގައި ފާހަގަކޮށްލެވޭ ރަށަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެންމެ ގިނައިން ދަތުރު ކުރަނީ ސިއްހީ ފަރުވާ ހޯދުމަށް ކަމަށެވެ. ބޮޑުތިލަދުންމަތީގައި އިއްޔެ އިފުތިތާހުކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް)ގެ ހިދުމަތުގެ ސަބަބުން ފަސޭހަކަމާ އެކު ހެޔޮ އަގުގައި ސިއްހީ ފަރުވާ ހޯދޭނެ ކަމަށް ނަސީމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު