ލުއި ޚަބަރު

ޓްރިވެންޑްރަމްގެ އޮޓޯ ޑްރައިވަރަކު ނަސީބު ނަމްބަރު ދިމާކޮށްގެން 250 މިލިޔަން ރުޕީސް ހޯދައިފި

އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ކެރެލާގެ އޮޓޯ ޑްރައިވަރަކު އެތާގެ ލޮޓަރީއެއްގެ ނަސީބު ނަމްބަރު ދިމާކޮށްގެން ހުސްވި ހަފުތާގައި 250 މިލިޔަން ރުޕީސް ހޯދައިފިއެވެ. އޭނާ ކާމިޔާބުކުރި ލޮޓަރީއަކީ ކެރެލާގެ އެންމެ ބޮޑު އެއް ލޮޓަރީއެވެ.

ޓްރިވެންޑްރަމްގައި ރިކްޝާ ދުއްވައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން އަންނަ އަނޫޕް ކުއްލިއަކަށް މިލިއަނަރަކަށްވީ މެލޭޝިޔާގެ ރެސްޓޯރަންޓެއްގައި ވަޒީފާއަދާކުރަން އެގައުމަށް ދިޔުމަށް ނިންމާފައި ވަނިކޮށެވެ. އޭނާ އެދުނު ތިންލައްކަ ރުޕީސްގެ ލޯނެއް އެޕްރޫވް ކުރިކަން ބޭންކުންވެސް އެންގި ދުވަހުއެވެ.

ކެރެލާގެ މީޑިއާއަށް ދިން އިންޓަރވިޔުގައި އަނޫޕް ބުނެފައިވަނީ އެކިއެކި ލޮޓަރީތަކުން ޓިކެޓް ގަތުމަކީ ފާއިތުވީ 22 އަހަރުގެ ތެރޭގައި އޭނާ ކުރަމުން އައި ކަމެއް ކަމަށާއި ސަތޭކަ ރުޕީސްއާއި ފަސްހާސް ރުޕީސްއާ ދެމެދުގެ އަދަދުތަކުން ބައެއް ފަހަރު ނަސީބު ދިމާވެފައިވާ ކަމަށެވެ. މިފަހަރު އޭނާއަށް ނަސީބު ލައްވާލި ޓިކެޓް ގަތީވެސް އިއުލާންކުރުމުގެ އެއްދުވަސް ކުރިން ކަމަށް އަނޫޕް ބުންޏެވެ.

ކުއްލިއަކަށް ލިބުނު ބައިވަރު ފައިސާއިން ކުރަން ގަސްތުކުރަނީ ކޮންކަމެއްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި އަނޫޕް ބުނެފައިވަނީ އެންމެ ފުރަތަމަވެސް ގެއެއް އަޅާނީ ކަމަށާއި ދެން އޭނާގެ ދަރަނިތައް ޚަލާސްކުރާނީ ކަމުގައެވެ. އެއަށްފަހު އާއިލާގެ އެހެން މީހުންނަށްވެސް އެތިއެތިކޮޅުދީ ކުޑަވަރެއްގެ ހޮޓަލެއް ގަނެގެން ވިޔަފާރީގެ ތެރެއަށް ވަންނާނީ ކަމަށް ބުންޏެވެ. ބޭންކުން އެޕްރޫވްކުރި ލޯން ދެން ބޭނުން ނުވާކަމަށްވެސް ބުންޏެވެ.