ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފިއެވެ.
ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުއަތުލުން ބާއްވާފައިވަނީ ރޭ ސްޓެލްކޯގައެވެ.
ސްޓެލްކޯގެ ފްލެޓްތަކުން މިހާތަނަށް ނުވިކި ހުރީ، ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (2+1) އެޕާޓްމެންޓްގެ 16 ޔުނިޓާއި، އެއް ބެޑްރޫމްގެ 16 ޔުނިޓެވެ. ނަމަވެސް، އެއް ބެޑްރޫމްގެ އެޕާޓްމަންޓެއް ލިބުނު މުވައްޒަފަކު އެ އެެޕާޓުމަންޓް ދޫކޮށްލުމުން، އެ އެޕާޓްމަންޓްގެ ގުރުވެސް ވަނީ އަލުން ނަގައިފައެވެ.
މި ޔުނިޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (2+1) އެޕާޓްމަންޓްތަކަށް ޝަރުތުހަމަވަނީ 235 މުވައްޒަފުންނެވެ. އަދި އެއް ބެޑްރޫމްގެ އެޕާޓްމަންޓްތަކަށް ޝަރުތުހަމަވަނީ 75 މުވައްޒަފުންނެވެ.
ސްޓެލްކޯއިން ބުނީ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ޝަރުތު ހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދީގެން، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެމުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް އަޅައިގެން ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަންކޮޅުތައް ފޮއްޓަށް ލާފައިވަނީ ހައުސިން ކޮމެޓީންނެވެ.
ނުވިކި ހުރި ޔުނިޓްތަކަށް ގުރުއަތު ނަގާފައިވާއިރު، ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 މުވައްޒަފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ނަގާފައިވެއެވެ.
ސްޓެލްކޯގެ "ބްލޫ ރިޖް"ގައި ދެ ޓަވަރުގައި ޖުމުލަ 360 އެޕާޓްމަންޓް ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 5،622 ރުފިޔާއާއި މެއިންޓަނަންސް ފީ އަށް މަހަކު 1،000 ރުފިޔާ ނެގުމަށް ނިންމާފައިވާ އިރު, ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 10،652 ރުފިޔާ އާއި މެއިންޓަނަންސް ފީ އަށް 1،300 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ފްލެޓްތަކަށް ކުލި ނަގަން ފަށާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުންނެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ