ޚަބަރު

ޖަޒީރާ ތަސައްވުރަށް އަމަލީ ސިފަ ގެނައުމަށް އެމްޓީސީސީން ކުރަނީ އިތުބާރުހުރި މަސައްކަތެއް: ރައީސް

ޖަޒީރާ ރާއްޖެ ތަސައްވުރަށް އަމަލީ ސިފަ ގެނައުމުގައި ޓީމް އެމްޓީސީސީން ކުރައްވަމުން ގެންދަވަނީ ބުރަ އެކަމަކު އިތުބާރު ހުރި މަސައްކަތްތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ޒޯން 1 ގައި ރަސްމީކޮށް އިފުތިތާހުކުރުމަށް ރޭ ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ, އާރުޓީއެލްއަކީ ރަށްރަށުގެ މެދުގައި ކުރިން އޮތް ދުރުކަމާއި ހުސްކަމާއި ފޫހިކަން މަޑުމަޑުން ނައްތާލާނެ ވަސީލަތެއް ކަމަށެވެ.

އާރުޓީއެލް ގެނެސްދިން ބޮޑު ބަދަލާއި ފަސޭހަޔާއެކު ލިބުނު މާބޮޑު އިތުބާރަކާއި ޔަގީންކަމެއް އެބަ އޮތް ކަމަށާއި އެއީ އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏަކަށް ވާނެ ކަމާއި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެކަން ކުރައްވާނެކަމުގެ ޔަގީންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖެ ތަސައްވުރަށް އަމަލީ ސިފަ ގެނައުމުގައި ޓީމް އެމްޓީސީސީން ކުރައްވަމުން އެ ގެންދަވަނީ ބުރަ، އެކަމަކު އިތުބާރު ހުރި މަސައްކަތްތަކެއް. ބަނދަރު ހެދުމާއި ފަޅު ފުންކުރުމާއި މަގު ހެދުމާއި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުން. މިހެންގޮސް ދިގު ލިސްޓެއް އަޅުގަނޑަށް ކިޔިދާނެ، އެމްޓީސީސީން ކުރާ މަސައްކަތްތަކުގެ. އިތުބާރާއެކު މަސައްކަތްކޮށް، ނިންމަމުން އެބަ ގެންދޭ," ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ, އެމްޓީސީސީ ޓީމުގެ ބުރަ އަދި އިހުލާސްތެރި މަސައްކަތް ނުވި ނަމަ, ބޮޑުތިލަދުންމަތީގެ ފެރީގެ ނިޒާމު އިފުތިތާހު ކުރުމަށް ބާއްވަ ޖަލްސާ ބޭއްވުމަށް އަދި އިތުތު ހަ މަސްދުވަސް ބޭނުންވާނެ ކަމަށެވެ.