ގދ. ފިޔޯރީ ސްކޫލުގެ ދެ ޓީޗަރެއްގެ ދެމެދުގައި ޒުވާބެއް ހިނގައި އެކަކަށް ސިއްހީ މަރުކަޒުގައި ފަރުވާދީފިއެވެ.
ފިޔޯރީން "ވަން" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ސްކޫލުގައި އަބަދުވެސް ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅޭ ކަމަށެވެ. މިއަދު ޒުވާބު ހިނގީވެސް މިފަދަ މައްސަލައެއްގައި އެ ސްކޫލުގެ އިސްލާމް ޓީޗަރަކާއި ޕްރައިމަރީ ޓިޗަރަކާ ދެމެދު ކަމަށެވެ.
އޭނާ ބުނީ ޒުވާބު ފެށިގެން ދިޔައީ އިއްޔެ ގައުމީ ދުވަސް ފާހަގަކުރިއިރު ސްޓޫޑެންޓު އެސޯސިއޭޝަންގެ ދަރިވަރަކު ބާކީކުރުމުން އެކަމާ ޕްރައިމަރީ ޓީޗަރު ވާހަކަ ދެއްކުމުން ކަމަށެވެ. އެ ޕްރައިމަރީ ޓީޗަރަކީ އަބަދުވެސް ކުދިންގެ މެދުގައި ތަފާތު ކުރާތީ އެކަމާ ވާހަކަ ދައްކާ މީހެއް ކަމަށެވެ.
"ވަރަށް ރޯޔަލް ވެގެން އުޅޭ ޓީޗަރުންތަކެއް ފިޔޯރީ ސްކޫލުގައި ތިބޭނެ. އެ ޓީޗަރުން ވަރަށް ތަފާތުކުރާނެ. އެމީހުންގެ ފެވަރިޓު ކުދިން ހޮވާފަ ތިބޭނީ. އެވާހަކަ ދެއްކީމަ އެހެން މީހުން ގޯސްވަނީ. މިއަދުވެސް ޒުވާބުކުރަން ފެށީ ތަފާތުކުރުންތައް ގެންގުޅޭ ވާހަކަ ބުނީމަ. ވަރަށް ހަޑިކޮށް ޕްރައިމަރީ ޓީޗަރާ ވާހަކަ ދެއްކީ. ހެއްދެވި ނެހެއްދެވިއަށް ގޮވީ." އޭނާ ބުންޏެވެ.
އެމީހާ ބުނީ ޕްރައިމަރީ ޓީޗަރަކީ ވަރަށް ބޮޑަށް ނޭވާ ހާސްވެ ކަންކަން ވާ މީހެއް ކަމަށާއި މި ޒުވާބުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އުނދަގޫވެ ނޭވާ ހާސްވުމުގެ ސަބަބުން ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށެވެ.
އެމީހާ އިތުރަށް ބުނީ ފިޔޯރީ ސްކޫލުގައި ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅޭތީ މިހާރު ބެލެނިވެރިން ސްކޫލުގައި ތަޅުއަޅުވަން ނިކުތް ކަމަށެވެ. ނަމަވެސް އިސްލާމް ޓީޗަރުގެ ފިރިމީހާ ފުލުހުން ގެނެސް އެކަން ހުއްޓުވާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ފިޔޯރީ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނޫރުލް އިސްލާމް "ވަން" އަށް މިއަދު ވިދާޅުވީ މިފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި އެސެމްބްލީއަށް ތައްޔާރުވަނިކޮށް ދެ ޓީޗަރަކު ޒުވާބުކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި ވަގުތުން އެތަނަށް ވަޑައިގެން އެކަން ހުއްޓުވި ކަމަށެވެ.
މުހައްމަދު ވިދާޅުވީ އޭގެ ފަހުން އެސެމްބްލީ ނިންމާފައި ކައުންސިލް އިދާރާގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން ހުންނަވަނިކޮށް ޒުވާބު ކުރި ދެ ޓީޗަރުންގެ ތެތރެއިން އެކަކަށް ފަރުވާދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ. އެ ޓީޗަރުގެ ހާލު ގާތުން ބެއްލެވި ކަމަށާއި މިހާރު ހާލު ރަނގަޅު ކަމަށެވެ.
މުހައްމަދު އިތުރަށް ވިދާޅުވީ މިއީ ކޮންމެ ސްކޫލެއްގައިވެސް ހިނގާ ކަމެއް ކަމަށާއި ތަފާތުކުރުން ނުގެންގުޅުމަށް އަބަދުވެސް ނަސޭހަތްތެރިވެ އެކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ތަފާތު ކުރުންތައް ފިޔޯރީ ސްކޫލުގައި އޮވޭތޯ ސުވާލު ކުރުމުން މުހައްމަދު ވިދާޅުވީ އެކަން އޮންނަ ކަމުގެ ޝަކުވާ ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުންވެސް އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު