ސަރުކާރުގެ އަމާޒަކީ އާރުޓީއެލް ފެރީގެ ހިދުމަތް ނުވަ މަސް ދުވަހުގެ ތެރޭގައި ނުވަ އަތޮޅަކަށް ފަށައި 24 މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެ މި ލިންކުން ގުޅާލުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްްޖެއެވެ.

އާރުޓީއެލް ފެރީގެ ހިދުމަށް ރަސްމީކޮށް އިފުތިތާހުކުރުމަށް ހއ. ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ "ޑްރީމް" ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ނިމޭއިރު މުޅި ރާއްޖެއަށް އާރުޓީއެލްގެ ހިދުމަތް ދެވި ޒަމާނީ ފެރީގެ ހިދުމަތް ދޭނެ 82 އުޅަނދެއް އޮންނާނެ ކަމަށެވެ.

އޭގެއިތުރުން 188 ފެރީ ޓާމިނަލާއި މި އުޅަނދުތަކަށް ހިދުމަތްދޭނެ ބޯޓުޔާޑު ތިން ސަރަހައްދެއްގައި ގާއިމުކުރެވިފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 24 މަސް ތެރޭގައި މުޅި ރާއްޖެ ގުޅާލާނަން. އަދި މި ހިނދުން ފެށިގެން ކުރިއަށް އޮތް ނުވަ މަހެއްހާ ދުވަހުގެ ތެރޭގައި ނުވަ އަތޮޅެއްގައި މި ހިދުމަތް ތައާރަފުކުރުމަށް މިގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން." އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މުޅި ރާއްޖެއަށް މި ހިދުމަތް ތައާރަފުވެގެންދާއިރު ފަޅުވެރިންނާއި ސަޕޯޓު ސްޓާފުންގެ ގޮތުގައި ހާހެއްހާ މީހުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށެވެ. އަދި މި މީހުންނަކީ ކޮންމެ މަހެއްގެ އެވްރެޖު މުސާރައަށް ބަލާނަމަ ގާތްގަނޑަކަށް 10،000 އާއި 18،000 އާ ދެމެދުގެ މުސާރައެއް ގެންދާނެ މީހުން ކަމަށާއި އަދި މި އެންމެންނަކީ ވަރަށް ގާބިލު ބަޔަކަށް ހެދުމަށްޓަކައި ފުރިހަމަ ތަމްރީނު ދެވިފައިވާނޭ ބައެއް ކަމަށްވެސް ވިދާޅުވިއެވެ.

"މި ލިންކުން މުޅި ރާއްޖެ ގުޅާލެވޭނެ ދުވަސް ވެގެންދާނީ ދުރުގައި ތިބި އާއިލާތަކާއި ރައްޓެހި ރަހުމަތްތެރިން މި ލިންކުން ގުޅާލަދޭ ދުވަހަށް. ދިވެހި ރާއްޖޭގެ އުދަރެހުން ފެންނަން އޮތް އުފާވެރި އިގުތިސާދީ މަންޒަރަށް ބަލާއިރު އެ ދުވަސް ވެގެންދާނީ ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް މި ހިދުމަތުން ގެނެސްދޭނެ ދުވަހަކަށް." އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މުޅި ރާއްޖެއަށް އާރުޓީއެލްގެ ހިދުމަތް ފެށުމުން ގެސްޓުހައުސްތަކަށް އަންނަން ބޭނުންވާ ކޮންމެ ފަތުރުވެރިއަކަށް މި ހިދުމަތް އޭރު ފަހިވެފައި އޮންނާނެ ކަމަށެވެ. އަދި ދަތުރުވެރިޔާ އަންނަ އެއާޕޯޓަކުން ދާން ބޭނުންވާ ރަށަށް އާރުޓިއެލްގެ ލިންކު މެދުވެރިކޮށް އެޑްވާންސްކޮށް ޓިކެޓު ބުކްކޮށްގެން ދަތުރުކުރެވޭނެ ކަމަށާއި އެއީ ދަތުރުވެރިޔާގެ ޖީބަށްވެސް ލުއި އަދި ގެސްޓުހައުސް ހިންގާ ފަރާތްތަކަށްވެސް ލިބިގެންދާނެ ވަރަށް ފަހި ދުވަހެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު އެ ހިދުމަތް ފަށާފައިވާ ޒޯން އެކެއްގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ކަމަށާއި މިއީ ރައްޔިތުންގެ ޖީބަށް ބޮޑުލުޔެއް އައި ހިދުމަތެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިއީ ރައީސް ސޯލިހު ރައްޔިތުންނާއި ދޭތެރޭ ގެންގުޅުއްވާ ގާތްކަމާ އޯގާތެރިކަމުގެ ހެއްކެއް ކަމަށާއި މިކަމަށްޓަކާ ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ އެ ބޮޑު މަޝްރޫއު އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ އަގަކީ 567 މިލިއަން ރުފިޔާއެވެ.

އެ މަޝްރޫއުގެ ފޭސް އެކެއްގެ ދަށުން، ޒޯން އެކެއްގެ ހއ، ހދ އަދި ށ. އަތޮޅަށް މިހާރު ވަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފަށައިފައެވެ. އަދި ފޭސް ދޭއް އަދި ފޭސް ތިނެއްގެ ދަށުން ބާކީ 17 އަތޮޅަށް ހިދުމަތް ދޭން ފަށައި މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅައިލުމަށް ވަނީ ނިންމައިފައެވެ.