ދުނިޔެ

ރާނީ އަވަހާރަވީމާ އެކަމަނާގެ ދެވަނަ ދަރިކަލުން ޕްރިންސް އެންޑްރޫ މަގުމަތިވަނީ!

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން އެކަމަނާގެ ދެވަނަ ދަރިކަލުން ޕްރިންސް އެންޑްރޫ މަގުމަތިވުމުގެ ބިރު ބޮޑުވެއްޖެއެވެ. ޕްރިންސް އެންޑްރޫއަކީ އޭނާގެ ދިރިއުޅުއްވުމުގެ އާޖުފާޖު ހުންނަގޮތުން ވަރަށް ބޮޑަށް އަގުވެއްޓި ޝާހީ މަސްއޫލިއްޔަތުތަކުން ވަކިކުރެވި ގިނަ ލަގަބުތަކާއި ޝަރަފުވެރިކަންވެސް ނިގުޅައިގަނެވިފައިވާ ބޭފުޅެކެވެ.

އުމުރުފުޅުން މިހާރު 62 އަހަރުވީ ޕްރިންސް އެންޑްރޫ ދިރިއުޅުއްވަނީ ވިންސާރ ޕާކޭ ކިޔުނު ބިޔަ ޕާރކުގައި ހުންނަ 31 ކޮޓަރީގެ ރޯޔަލް ލޮޖޭ ކިޔުނު ގަނޑުވަރެއްގައެވެ. އެ ގަނޑުވަރުގައި ދެން ތިއްބަވަނީ ޕްރިންސް އެންޑްރޫގެ ދެ ދަރިކަނބަލުންނާއި އޭނާގެ ކުރީގެ އަނބިކަނބަލުން ސާރާ ފާގަސަންއެވެ. އިނގިރޭސި ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އެގަނޑުވަރުން ނިކުމެވަޑައިގަތުމަށް ބަކިންހަމް ޕެލަސްއިން ޕްރިންސް އެންޑްރޫއަށް ދަންނަވާނެއެވެ. މިކަމަކީ އައު ރަސްގެފާނު އަދި ޕްރިންސް އެންޑްރޫގެ ބޭބޭފުޅު ޗާލްސްގެ ނިންމެވުމެއް ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

ރޯޔަލް ލޮޖަކީ ޝާހީ ގަނޑުވަރަކަށް ވިޔަސް އެއީ ޝާހީ އާއިލާގެ ޕްރައިވެޓް ގެދޮރު ކަމުގައި ނުހިމެނޭ ތަނެކެވެ. އެގަނޑުވަރުގެ މިލްކުވެރިކަން އޮތީ ދައުލަތަށެވެ. ދައުލަތުގެ ފަރާތުން އެކަހަލަ ގަނޑުވަރުތައް ބަލަހައްޓައި މެނޭޖްކުރަނީ ޝާހީ ވަގުފު ކޮމިޓީއަކުންނެވެ. އެކަމަކު އެތަންތަނުގައި ދިރިއުޅޭނޭ ބަޔަކާއި އެބަޔަކު އުޅޭނޭ އުސޫލުތައް ނިންމަވަނީ ތަޚުތުގައި އިންނަވާ ބޭފުޅެކެވެ. ރޯޔަލް ލޮޖުގައި ކުރިން ދިރިއުޅުއްވީ ރާނީގެ މައިކަނބަލުންނެވެ. އެކަމަނާ އަވަހާރަވީމާ ދެން ޕްރިންސް އެންޑްރޫއެވެ. އެންޑްރޫއަށް އެ ގަނޑުވަރު ދޫކޮށްފައިވަނީ އެތަން އަމިއްލަފުޅު ޚަރަދުގައި މަރާމާތު ކުރައްވައި ބަލަހައްޓަވާ ގޮތަށް 75 އަހަރުގެ މުއްދަތަށެވެ. އެ ނިންމެވުން ނިންމެވީ ރާނީ އެލިޒަބަތެވެ. އެކަމަނާ އަވަހާރަވީމާ އައު ރަސްގެފާނު ޗާލްސް މިހާރު ބޭނުންފުޅުވަނީ ޕްރިންސް އެންޑްރޫ އެތަނުން ނެރެލެއްވުމަށެވެ.

ރޯޔަލް ލޮޖު ދޫކުރުމުގެ އެއްބަސްވުން ބުނާގޮތުން ޝާހީ އާއިލާއިން ބޭނުންވެގެން ޕްރިންސް އެންޑްރޫ ނެރެލާނަމަ އޭނާއަށް ބަދަލު ދޭންވާނެއެވެ. އެއީ ގާތްގަޑަކަށް ހަތް މިލިޔަން ޕައުންޑުގެ ބަދަލެކެވެ. ރޯޔަލް ލޮޖް ދޫކުރައްވަން ޖެހިވަޑައިގެންފިނަމަ ޕްރިންސް އެންޑްރޫ ދެން ވަޑައިގަންނަވާނެ ތަނެއް އަދި ސާފެއް ނޫނެވެ. އެކަަމަކު ނޫސްތަކުން ލަފާކުރަނީ ދެން ބަދަލުވެވަޑައިގަންނަވާނީ ލަންޑަނުގެ މޭފެއާރއޭ ކިޔުނު ހިސާބުގައިވާ ސާރާ ފާގަސަންގެ 5 މިލިޔަން ޕައުންޑުގެ އަމިއްލަފުޅު ގެޔަކަށް ކަމުގައެވެ.