މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެންޖެހެނީ އަމިއްލަ ތާރީހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން ކަމަށާއި ދިވެހިންގެ އުޅުމާއި، ގުޅުމާއި، އިސްކުރާ ކަންކަމާއި، ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ގައުމިއްޔަތުގެ ތަރުތީބު ކަމަށެވެ. އަދި ބޮޑުތަކުރުފާނު ވެވަޑައިގެންނެވި އެންމެބޮޑު ގުރުބާނީއަކީ ދިވެހިންގެ ގައުމިއްޔަތު ދިފާއުކޮށްދެއްވުން ކަން ރައީސް ފާހަނގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު ކުރައްސަވައިދެއްވި ގައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހްމާނުންނަށް ކަމޭހިތާ، އިހުތިރާމްކޮށް އޯގާތެރިވުން ކަމަށެވެ. އަދި ރާއްޖެއަށް ލާބަހުރި ކޮންމެ ކަމެއްގައި، އެ ތަކުރުފާނު އިސްކުރެއްވި ހާރިޖީ ސިޔާސަތަކީ ގައުމިއްޔަތުގެ ބައެއް ކަމަށާއި އެ ގައުމިއްޔަތުގެ ސިފަތައް ދެމެހެއްޓުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާންތަކުން އާރުލާ އަހްލާގާއި، ރިވެތި އުޅުމާއި ސުލޫކު ކަމަށާއި އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ގައުމިއްޔަތު. ގައުމިއްޔަތަކީ ގައުމުދެކެވާ ލޯބި. ވަށައިގެންވާ މާހައުލުގައިވާ ކޮންމެ އެއްޗަކާއި ދިރުމަކަށްޓަކައި ހިތުގައި އޮންނަ ކުލުނު. ބޮޑުތަކުރުފާނުގެ މުޅި ހަޔާތްޕުޅުން ފެނިގެންދިޔަ އެންމެ މުހިންމު ސިފަޔަކީ، ދިވެހިންގެ ގައުމިއްޔަތަށް އޮތް ލޯބި" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެންޖެހެނީ އަމިއްލަ ތާރީހު ކަމަށާއި ތިމާމެންނަކީ ކޮންތާކު، ކިހިނެއް ދިރިއުޅުނު ކޮންބައެއްކަން އެނގެންޖެހޭނެ ކަމަށެވެ.
ތާރީހާއި ސަގާފަތާއި އާސާރުތައް ދަމަހައްޓަންޖެހޭ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ތާރީހީ އާސާރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ރާއްޖެއަށްޓަކައި ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ވަކި ސިޔާސަތަކާއެކު ސަރުކާރުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.