މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަހެވެ. ގައުމީ ދުވަހަކީ ހިޖުރީ ކަލަންޑަރުން ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ. މިދުވަސް ނިސްބަތްވަނީ ދިވެހިރާއްޖެ ދުށް އެންމެ ކުޅަދާނަ، އެންމެ ކީރިތި މޫރިތި އެންމެ ބޮޑު ގައުމީ ބަތަލް އުތީމު ބޮޑު ތަކުރުފާނާއި އެ ތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ގައުމީ ޖިހާދާއި އެ ޖިހާދުން ހާސިލްކުރެއްވި ނަސްރާއި ނަސީބަށެވެ. ކޮންމެ އަހަރެއްގައިވެސް ގައުމީ ދުވަސް އައީމާ ވަރަށް ގިނަ ދިވެހީން ކުރާ ސުވާލެކެވެ. މިއަދަކީ ކިތައްވަނަ ގައުމީ ދުވަސް ބާވަައެވެ. މުހިންމީ އަދަދެއް ނަމްބަރެއް ނޫނެވެ. މުހިއްމީ ގައުމިއްޔަތުގެ ރޫހާއި ޖޯޝެވެ. ކިތައްވަނަ ގައުމީ ދުވަސްތޯ އާއި ގައުމިއްޔަތަށް ފުރުނީ ކިތައް އަހަރުތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި އެކި ދިރާސާތަކަށް ފެންނާނީ އެކި އަދަދުތަކެވެ.
ދިވެހި ގައުމިއްޔަތުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ބަލައިފިއްޔާ އެ ގައުމިއްޔަތުގެ ބިންގާ އެޅުނު ދުވަހަކީ ދިވެހީން އިސްލާމީ ހިދާޔަތުގެ ނޫރުން ހިތްތައް އަލިކޮށް ދެ ދުނިޔޭގެ ބާއްޖަވެރިކަން އިޚުތިޔާރުކުރި ދުވަސްކަމަށް ނިންމިދާނެއެވެ. ދިވެހި ގައުމާއި ދިވެހީންގެ ސިޔާދަތާއި ދިވެހީންގެ އަމިއްލަ ވެރިކަމަށް އެތައްހާސް އަހަރެއް ފާއިތުވެގެން ހިނގާއްޖެއެވެ. އެކަމާދޭތެރޭ ޝައްކެއްވެސް ނެތެވެ. އެކަމަކު މިދެންނެވި އެވޭލާ ޒަމާނުގެ ބޮޑުބައެއް ހޭދަވެގެން ދިޔައީ ޣައިރު ދީނެއް ނުވަތަ ދީންތަކެއްގައި ތިއްބައެވެ. އެކަންކަމުގެ ތާރީޚު އެހާ ސައުފެއް ނޫނެވެ. އެހެންނަމަވެސް ދިވެހީން މާތްވެގެންވާ އިސްލާމްދީން އިޚުތިޔާރުކުރި އަހަރު އެބައެނގެއެވެ. އެކަން ވަރަށް ސައުފެވެ. އިސްލާމީ ދިވެހި ގައުމިއްޔަތަށް މިހާރު 896 އަހަރު ފުރިއްޖެއެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުން ފެށިގެންނެވެ.
ދިވެހީންގެ ދިގުވެގެންވާ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ދިވެހީންގެ މިނިވަންކަން ގެއްލި އަޅުވެތިކަމުގެ ކަސްތޮޅުން ބަނދެވި ވޭނާއި ތުރާލުގައި ތިބޭންޖެހުނީ ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަން މިގައުމުގައި ފެތުރިފައިއޮތް ދުވަސްވަރުގަައެވެ. ގާތްގަޑަކަށް ސަތާރަ އަހަރަށެވެ. އެ އަނިޔާވެރިކަމާއި، އެބިރުވެރިކަމާއި، އެތުރާލުން ދިވެހި ގައުމާއި ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވީ އުތީމު ބޮޑު ތަކުރުފާނެވެ. ބޮޑުތަކުރުފާނު އިސްވެ ހުންނަވައިގެން ޕޯޗުގީޒުންގެ އިސްތިއުމާރުން އިސްލާމް ދިވެހި ގައުމިއްޔަތު ސަލާމަތްކޮށްދެއްވައި ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި ދުވަހަކީ ދިވެހި ގައުމިއްޔަތުގެ ބިންގާ އެޅުނު ދުވަސްކަމަށް ބަލަންޏާ އެ ތާރީޚަކީ 1 ރަބީއުލްއައްވަލު 981 އެވެ. އޭގެފަހުން މިހާތަނަށް މިވީ 463 އަހަރެވެ.
ގައުމިއްޔަތުގެ ބިންގަލަކީ ކޮންމެވެސް ހާދިސާއަކަށް ނިސްބަތްކޮށްފައި ކޮންމެވެސް އެއްދުވަހެއް އިޚުތިޔާރުކޮށް، އެދުވަހަކީ ގައުމީ ދުވަސްކަމަށް ކަނޑައަޅައި، ޖަލްސާއެއް ބާއްވަން ފެށުން ކަމަށްވަނީވިއްޔާ އެކަމެއް ފެށިފައިއޮތީ އަތިރީގޭ މުހައްމަދު އަމީނު ދޮށިމޭނާކިލެގެފާނު ދިވެހި ގައުމު ހިންގެވި ދުވަސްވަރު 1 ރަބީއުލްއައްވަލު 1365 ގައެވެ. މީލާދީގޮތުން އެއީ 4 ފެބުރުއަރީ 1946 އެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގައުމީ ދުވަހެއް ފާހަގަކުރެވުނީ އެ ތާރީޚުގައެވެ. އޭގެފަހުން މިވީ 79 އަހަރެވެ. އެއީ ދިވެހިރާއްޖޭގެ ގައުމީސަލާމް އެންމެ ފުރަތަަމަ ތައާރަފުވި ރަސްމިއްޔާތުވެސް މެއެވެ. އެކަމެއް ހިނގިތާ ހިޖުރީގޮތުން 79 އަހަރުވީއެވެ. ގައުމިއްޔަތުގެ ބިންގަލަކީ ދުސްތޫރުގައި ވަކިދުވަހެއް ބަޔާންކޮށް އެދުވަހު ވަކި ކަންތައްތަކެއް ކުރުން ލާޒިމުކުރުން ކަމަށް ވަނީވިއްޔާ ދެން ސޮއްސައިލާން ޖެހެނީ އެއަށްވުރެވެސް ފަހުގެ ތާރީޚަކަށެވެ.
މަތީގައި ބަޔާން ކުރެވުނު ކަންކަން އެބީދައިން ހިނގާފައި އޮތީމާ ގައުމިއްޔަތަށް ވަކި އަހަރެއް، ވަކި ނަމްބަރެއް ނުވަތަ ވަކި އަދަދެއް ދިނުން ފަސޭހައެއް ނޫނެވެ. ނުވެސް ދެވޭނެއެވެ. ގައުމިއްޔަތަކީ ދިވެހިވަންތަކަމެވެ. އެކަމަށް މިވީ ކިތައް އަހަރުތޯ އަހައި ސުވާލުކޮށް ފޮތިގަނޑެއްގައި ވަކި އަދަދެއް ޖަހައިގެން ތިބުމަށްވުރެ ހެޔޮކަން ބޮޑީ ގައުމީ ލޯބި އައުކުރުމާއި ގައުމީ އެކި ހާދިސާތަކުން ފިލާވަޅު ލިބިގަތުމެވެ. ދިވެހިރާއްޖެ ކިތަންމެ ކުޑަޔަސް، ދިވެހީންގެ އަދަދު ކިތަންމެ މަދަސް، އައުކުރަންޖެހޭ ގައުމީ ހަނދާންތައް މަދެއް ނޫނެވެ. ލިބިގަންނަންވީ ފިލާވަޅުތައް މަދެއް ނޫންމެއެވެ. ރާއްޖޭގައި މީސްތަކުން އާބާދުވެ، ރާއްޖޭގެ ސަރަހައްދު ކަނޑައެޅި ވަކި ވެރިކަމެއް ގާއިމުވެ ގައުމެއްގެ ގޮތުގައި ގަރާރުވިތާ މަދުވެގެން ހާސް އަހަރުވީއިރު ލައްކަ ގިނަ ފިލާވަޅު ހުންނާނީ ލިބިފައެވެ.
ކުރިންވެސް ބަޔާންކުރެވުނު ފަދައިން ގައުމީ ދުވަސް ފާހަގަކުރަމުން މިދަނީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހުއެވެ. ބޮޑު ތަކުރުފާނުގެ ގައުމީ ޖިހާދުގެ ފޮނި މޭވާ ދިވެހީންނަށް ލިބުނު ދުވަހުއެވެ. ބޮޑު ތަކުރުފާނުގެ ޖިހާދަކީ އިސްލާމީ ދިވެހި ގައުމިއްޔަތު ވެއްޔާއި މޮޑެވި ނެތެމުން ދަނިކޮށް އެ ގައުމިއްޔަތު ސަލާމަތްކޮށްދެއްވައި ގައުމިއްޔަތެއްގައި ހުންނަންވީ އެންމެ އަސާސީ ޝަރުތުތައް ފުރިހަމަކުރައްވައި އެކަންކަން ވަކި މަގަކުން ވަކި ހަމަޔަކުން ތަރުތީބު ކުރައްވައި ގަރާރު ކުރެއްވި ޖިހާދެވެ. އެހެންވީމާ މިދުވަހު މިދެންނެވި ޖިހާދުގެ ފިލާވަޅުތަކަށް ނަޒަރު ސީދާކޮށް މިގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ އަޒުމް އައުކުރާން ޖެހޭނެއެވެ. ދިހުންގަދަ ހެދުމެއް އަޅައިފައި ގައުމީއޭ ކިޔާލައިފައި ނިންމައިލިއަކަސް އަދި ނުނިމޭނެއެވެ. މަގްސަދު ފުރިހަމަވީ ކަމަކަށް ނުވާނެއެވެ.