ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި ހިންގި ކަމަށް ތުހުމަތު ކުރާ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައާ ބެހޭ މައުލޫމާތު، އެ ކުންފުނީގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިސަސް ކޮމިޓީ (އެސްއޮއީ) ކޮމިޓީއާ މިއަދު ހިއްސާ ކުރައްވައިފިއެވެ.
ޕީއެސްއެމްގެ 100 މިލިޔަން ރުފިޔާގެ ހިޔާނާތް ފޮރުވުމަށާއި އެ ހިޔާނާތާ ގުޅޭ 30 މައްސަލައެއް ނުބަލައި އެކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްކަންޓް އުވާލާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ މަޖިލީހަށް ހުށަހެޅުއްވައިފައެވެ.
އެ މައްސަލައާ ގުޅިގެން ބޭއްވި އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ފަޒީލް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ޕީއެސްއެމްގައި ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓެއް އުފައްދައި، 2017 އާއި 2018 ގެ އިތުރުން 2019 ވަނަ އަހަރު އެތަނުގައި ހިންގާފައިވާ ބޮޑެތި މައްސަލަތަކެއް ބެލުމަށް، މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ހަވާލު ކުރެއްވި ކަމަށެވެ.
އޭރު ޕީއެސްއެމްގެ އިސް ފަރާތްތަކުން އެ މައްސަލަތައް ބެލުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވި ކަމަށާއި އެކަމުގެ ސަބަބުން މިދިޔަ އަހަރުގެ ނޮވެމްބަރާ ހަމައަށް 30 މައްސަލައެއް ނިންމާލެވުނު ކަމަށްވެސް ވިދާޅުވިއެވެ.
"އޭގެ ތެރޭގައި 100 މިލިޔަނަށް ވުރެ ގިނަ ކޮރަޕްޝަން ހިމެނޭ. އޭގެ ތެރޭގައި ހިމެނޭ ފައިސާގެ މުއާމަލާތްތައް ހިންގާފައި ހުރި ޕްރޮޖެކްޓްތަކާއި ފައިސާގެ މުއާމަލާތްތައް ނުކުރެވޭ މައްސަލަތައް. ނަމަވެސް އުސޫލުން ބޭރުން ޕްރޮޖެކްޓްތައް ދީފަހުރި މައްސަލަތައްވެސް،" ފަޒީލް ވިދާޅުވިއެވެ.
އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމެއްގެ ގޮތުގައި ފަޒީލް ފާހަގަ ކުރެއްވީ، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އިބްރާހިމް ހަލީލް އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި މުހައްމަދު އިކްރާމް ތިއްބެވި ދުވަސްވަރު އަޑިޕާކުގައި ހުރި އެންޓެނާތައް ތިލަފުއްޓަށް ބަދަލު ކުރުމަށް ހިންގި 44 މިލިޔަން ރުފިޔާގެ "މީޑިއަމް ވޭވް" ޕްރޮޖެކްޓެވެ. މައްސަލަތައް ބެލުމަށް އެ ކުންފުނީގެ އެމްޑީގެ އެއްބާރުލުން ނުލިބި، މައްސަލަ ބެލުމުގައި ބޮޑެތި ދަތިކަމެއް ކުމަތިވާން ފެށީ އެހިސާބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެމްޑީ އާއި މެނޭޖުމެންޓްގެ ފަރާތުން ނޮވެމްބަރާ ހަމައަށް ސަޕޯޓު ލިބެމުން އައި އެހެންވެ އެހާ އަވަސް ސްޕީޑްގައި މައްސަލަތައް ބެލެމުން އައީ. ނަމަވެސް ޓާނިން ޕޮއިންޓަކީ އަޅުގަނޑުމެންނަށް މައްސަލަތައް ދިމާވަންފެށީ، އަދި މައްސަލަތަކުގެ މަންޒަރު ބަދަލުވެގެން ދިޔައީ، އަޑި ޕާކުގައި ހުރި އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރަންވެގެން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދަން އުޅުނު ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓަށް ކިޔަނީ މީޑިއަމްވޭވް ޕްރޮޖެކްޓް، އެހިސާބުން ވަރަށްބޮޑެތި ދަތިތަކެއް ކުރިމަތިވި،"
ފަޒީލް ވިދާޅުވީ އެ ޕްރޮޖެކްޓަށް ދެ ބުރަކަށް އިއުލާންކުރި ކަމަށެވެ. ފުރަތަމަ ބުރުގައި އެ ޕްރޮޖެކްޓަށް ކުރިމަތިލީ އެމެރިކާގެ ގޭޓްސްއެއާ ކުންފުންޏާއި ލަންކާގެ ތާންތުރީ ކުންފުނި ކަމަށެ. އޭގެ ތެރެއިން އެމެރިކާގެ ކުންފުންޏަކީ އެ ދާއިރާއިން 99 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެއް ކަމަށާއި ލަންކާ ކުންފުންޏަކީ ހެވީވެހިކަލްގެ ކުރީބައި ތައްޔާރުކުރާ ކުންފުންޏެއް ކަމަށްވެސް ވިދާޅުވިއެވެ.
"ވަކި ހިސާބަކުން ކޮންސަލްޓެންޓް ރިޕޯޓެއް ލިޔެފަ އޮންނަނީ، އެ ކޮންސަލްޓެންޓަކީ ލަންކާގެ ކޮންސަލްޓަންޓެއް. އެ ރިޕޯޓުގެ ސަބަބުން ޕީއެސްއެމުން އަންނަނީ އޭސީސީއަށް ލެޓައެއް ލިޔެފަ އެ ކަމުގައި މައްސަލަތައް ހުރިކަމަށް އެހެންކަމުން އެ ޕްރޮޖެކްޓް އަލުން އިއުލާން ކުރަން، ދެން އޭސީސީން ބުނީ މައްސަލަތައް ހުރިއްޔާ އިއުލާންކުރިއަސް އެންމެ ރަނގަޅޭ، ދެވަނަ ފަހަރަށް އިއުލާންކުރީ އެހިސާބުން،" ކަމަށް ވެސް ފަޒީލް ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓް ދެވަނަ ބުރަށް އިއުލާން ކުރީ އެމެރިކާގެ ކުންފުނި ކަޓުވާލުމަށް ގިނަ ކަންތައްތަކެއް ކުރުމަށްފަހުގައި ކަމަށާއި އެ މަސައްތަކަށް ޕްރޮޕޯސަލް ހުށަހަޅަން އެ ފަހަރު ދީފައި ވަނީ، އެންމެ ހަތަރު ދުވަސް ކަމަށެވެ. އަދި އެފަހަރު ރާއްޖޭގެ ކުދި ކުދި ކުންފުނިތައްވެސް ކުރިމަތިލި ކަމަށްވެސް ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ ބުރުގައި، ވަގުތު އޮވެގެން، ޕްރޮޕޯސަލް ލީއިރުވެސް ކޮންމެ ކުންފުންޏަކުން އަށްވަރަކަށް ބޮކްސްފައިލްގެ ޑޮކިއުމެންޓް ހުށަހެޅި. ދެވަނަ ބުރުގައި އިއުލާންކުރީ މުޅިން އާ ޑޮކިއުމެންޓް ހުށަހަޅަން. އެހެންވީމަ ވިސްނައިލިޔަސް އެނގޭނެ އެ މުއްދަތުގައި އާ ޑޮކިއުމެންޓް ސަބްމިޓް ނުކުރެވޭނެ ކަންވެސް. ދެން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ދެވަނަ ބުރުގައި ޕްރޮޕޯސަލް ނަގާފައިވާ ރާއްޖޭގެ ވަރަށްކުދި ކުދި ކުންފުނިތައްވެސް. ދެވަނަ ބުރުގައި ލަންކާގެ ކުންފުނިން ހުށަހެޅީ ޕްރޮޕޯސަލެއް އަޅުގަނޑެއް ނުދެކެން. ނަމަވެސް ޕްރޮޖެކްޓް ދީފައިވަނީ ޕްރޮޕޯސަލް ހުށަނާޅާ އަދި އެއްވެސް ގޮތަކުން އެ މަސައްކަތާ ގުޅުންނެތް އަދި އެކަމުގެ ކަމުގެ ތަޖުރިބާ ނެތް މާލީ ގާބިލުކަންވެސް ނެތް ލަންކާގެ ތާންތުރީ ކުންފުންޏާ،"
ލަންކާ ކުންފުނިން އެ ޕްރޮޖެކްޓް ފެށި ނަމަވެސް ގާބިލުކަން ނެތުމުގެ ސަބަބުން ޕްރިޖެކްޓް ކުރިއަށް ގެންދަން އުދަގޫވެ، އެ ކުންފުނިން ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ޕީއެސްއެމުން ދައްކާފައިވާ ކަމަށްވެސް ފަޒީލު ވިދާޅުވިއެވެ.
ނަމަވެސް އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައިވާ ގޮތުން، އެ މަސައްކަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ކަމަށެވެ. އެކަމަކު އެމަސައްކަތަށް ރާއްޖެ ގެނައި ތަކެތީގެ ޑިއުޓީގެ ގޮތުގަ އާއި ސައިޓަށް ކަރަންޓް ލުމާއި އެކި ކަންކަމަށް ޕީއެސްއެމުން 1.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ފައިސާގެ މައްސަލަތައް ދިމާވެގެން ކަމަށްބުނެ ވަކިސާބަކުން އެ ޕްރޮޖެކްޓްގެ މަސައްކަތް ލަންކާ ކުންފުނިން ހުއްޓައިލި ކަމަށް ބުނި ނަމަވެސް ދިމާވި އެއްވެސް ސަބަބެއް އެއްވެސް ޑޮކިއުމެންޓަކުން ފެންނަން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެއަށްފަހު އެ ޕްރޮޖެކްޓްގެ އެއްބަސްވުން ބާތިލުވިތާ އެއް އަހަރު ފަހުން، ޕީއެސްއެމްގެ މިހާރުގެ އެމްޑީ، އެ ޕްރޮޖެކްޓްގެ މުއްދަތު ލަންކާ ކުންފުންޏަށް އިތުރު ކޮށްދީފައިވާ ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތުދިން ޕީއެސްއެމްގެ އިސް ފަރާތަކުން ބުނެފައިވަނީ، ޕީއެސްއެމްގެ މިހާރުގެ އެމްޑީ (އަލީ ހާލިދު) ތާންތޫރީގެ މެނޭޖިން ޑީރެކްޓަރާ ބައްދަލު ކުރިއޭ 2019 ވަނަ އަހަރު އަޅުގަނޑު ހަނދާންވަނީ ޖެނުއަރީ ފެބްރުއަރީ އެހިސާބުގައި އެ ބޭފުޅާއާ ބައްދަލުކޮށްފަ، ޕީއެސްއެމުން ކޮންޓްރެކްޓް އާކޮށްފަ އިންނަނީ،"
ފަޒީލް ވިދާޅުވީ ބިޑް އުސޫލުން ބޭރުން އެއްވެސް ފަރާތެއްގެ ހުއްދައެއް ހޯދުމަކާ ނުލައި ޕީއެސްއެމްގެ އެމްޑީ އަމިއްލައަށް ސޮއިކުރައްވައިގެން ބާތިލު އެގްރީމެންޓަކަށް އަލުން އެ ކުންފުންޏާ ހަވާލުކުރި، އެ މަސައްކަތުގެ ސަބަބުން ދައުލަތަށް 18 މިލިޔަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ.
ދެވަނައަށް އެންމެ ކޮރަޕްޝަން ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ފަޒީލް ފާހަގަ ކުރެއްވީ، ޕީއެސްއެމްގެ އާކައިވް ޒަމާނީ ކުރުމުގެ ޕްރޮޖެކްޓެވެ. ތިން މިލިޔަން ރުފިޔާގެ އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ އޮރިއެންޓަލް ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކާ ކަމަށާއި އެއީ އެޒާތުގެ މަސައްކަތް އެއްވެސް ވަރަކަށް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށެވެ. އަދި އެއީ ނިއުސްޕޭޕާ ތައްޔާރުކުރާ ކުންޏެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެ ޕްރޮޖެކްޓްގައި އެއްވެސް ވަރަކަށް ޕްރޮކިއުމެންޓް ޕްރޮސެސްއެއް ހިންގާފައެއް ނެތް، ޕްރޮކިއުމެންޓް ޑިޕާޓްމަންޓުން ބުނީ އެއީ އެއްވެސް ވަރަކަށް މީހުންނަށް އެނގޭ ޕްރޮޖެކްޓެއް ނޫން ކަމަށް،" ފަޒީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުފައްދާފައިނުވާ އަދި ވުޖޫދުގައި ނެތް ކުންފުނިތަކަށްވެސް ޕީއެސްއެމުން ޕްރޮޖެކްޓްތައް ހަވާލުކުރިކަން އެނގެން އެބަހުރި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު