ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އަޒާދު އައްޔަންކުރައްވައިފިއެވެ.

އަޒާދަކީ ސައިންސް އިން ފައިނޭންސްއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވެސް ފުރިހަމަ ކުރައްވައިފައެވެ. އަޒާދަކީ ސީއެފްއޭ ޗާޓާ ހޮލްޑާއެކެވެ.

އަޒާދު ވަނީ ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރީފޯމް ކޮންސަލްޓެންޓުގެ މަގާމާއި އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓެންޓުގެ މަގާމު ފުރުއްވައިފައެވެ. އަދި ހަޒާނާ މޯލްޑިވްސް ކުންފުނީގެ ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭސްގެ މަގާމުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހެޑް އޮފް އިންޓެލިޖެންސް ޑިޕާޓުމެންގެ މަގާމު ވެސް އަދާކުރައްވައިފައެވެ. މީގެ އިތުރުން އަޒާދަކީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބޯޑު މެމްބަރަކެވެ.

ފައިނޭންސް ކޮންޓްރޯލާގެ މަގާމަށް އަޒާދު އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމަކީ މާލިއްޔަތު ގާނޫނުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމްއާން ވަހީދު "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ ރަޒީނާ އިސްތިއުފާ ދެއްވީ ހުސްވި ހަފުތާގެ ތެރޭގައި ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވީ ޕީއެޗްޑީ ހާސިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ދައުލަތަަށް ހިދުމަތް ކުރުމުގައި 25 އަހަރު ހޭދަކުރައްވާފައިވާ ރަޒީނާ ފިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގަތީ 2007 ވަނަ އަހަރެވެ. ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމަށް އޭނާ އައްޔަންކުރެއްވީ 2016 ވަނަ އަހަރެވެ.

ރަޒީނާ ވަނީ 1997 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް އެޑިއުކޭޝަން މިނިސްޓްރީގައިވެސް މަސައްކަތް ކުރައްވައިފައެވެ.