ޚަބަރު

ނަޝީދު ޖަލުގައި މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަން ފަށައިފި

އަލީ ޔާމިން

2

ޝަރީއަތް ނިމެންދެން މާފުށި ޖަލުގައި ބަންދުކޮށްފައި ހުއްޓައި، މ. މުލި، ހުދުފިނިފެންމާގޭ، މުހައްމަދު ނަޝީދު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

ނަޝީދު، 43އ، މަރުވީ އޭނާ ނޭވާ ނުލާކަން ގޮޅީގައި ތިބި އެހެން ގައިދީންތަކެއް އެންގުމުން އިތުރު ފަރުވާ ދެމުން އަންނަނިކޮށް މިމަހުގެ 15 ވަނަ ދުވަހުއެވެ.

ނަޝީދުގެ މަރާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދިން ކަމަށެވެ. ސީޕީއާރްއަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު، އެދުވަހުގެ (މިމަހުގެ 15 ވަނަ ދުވަހު)ގެ 17:26 ހާއިރު އޭނާ މަރުވި ކަމަށް ކަނޑައެޅި ކަމަށެވެ.

ނަޝީދު މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. ނަމަވެސް ކަރެކްޝަންސްއިން އެކަން ދޮގުކުރެއެވެ.

ނަޝީދުގެ މަރާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ މީޑިއާ އޮފިސަރު އަމީރާ އަބޫބަކުރު މިއަދު ވިދާޅުވީ، ނަޝީދުގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ނަޝީދަކީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟