ޚަބަރު

ހަނިމާދޫ އެއާޕޯޓު ނުލައި ހދ އަތޮޅަށް މިހާތަނަށް 970 މިލިއަން ރުފިޔާ ހަރަދުކުރެވިއްޖެ: ރައީސް

ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުގެ މަސައްކަތް ނުހިމަނައި މިހާތަނަށް ހދ އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކަށް 970 މިލިއަން ރުފިޔާ ހަރަދުކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހދ. ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރުކުރީ ނައިވާދޫ ބަނދަރު ސަރަހައްދުގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހދ. އަތޮޅުގައި ތަރައްގީގެ އެކި ބާވަތްބާވަތުގެ 199 މަޝްރޫއެއް ސަރުކާރުން ހިންގަމުން އެބަގެންދާ ކަމަށެވެ. މުޅިއެކު ގާތްގަނޑަކަށް މިހާތަނަށް 970 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ހަމައެކަނި ހދ އަތޮޅަށް. ކުރިއަށް ހުރި މަޝްރޫއުތައް ނިމިގެންދާއިރު މި އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ. މިއީ ހަނިމާދޫގެ އެއަރޕޯޓުގެ މަޝްރޫއު ނުލައި އެކިއެކި ޕްރޮޖެކްޓްތަކަށް ކުރެވިފައި ހުރި ހަރަދުތައް." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ނައިވާދޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމުގައިވާ ފެނުގެ ދަތިކަން، އަލަށް ގާއިމުކުރި ފެނުގެ ނިޒާމާއެކު ހައްލު ކުރެވިއްޖެ ކަމަށެވެ. ނައިވާދޫގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައި އޮތް ސާފު ބޯފެނުގެ ދަތިކަމުގެ މައްސަލައަކީ އެކަމުގެ ހައްލަކަށް ރައްޔިތުން އެދިއެދި ތިބި ކަމަކަށް ވާއިރު، މިއަދު އެ ހިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް އޮތުމަކީ، އެއީ އަސާސީ ހައްގެއް ކަމަށާއި، އެއީ ވައުދެއްގެ ގޮތުގައި ހަމައެކަނި މެނިފެސްޓޯގައި ހިމަނަން ޖެހޭ ވަރަށްވުރެ ވެސް މާ މުހިއްމު ކަމެއްކަމަށެވެ. މީގެ އިތުރުން، ނައިވާދޫގެ ބަނދަރު ކުޑަވެ ޖާގައިގެ ދަތިކަން ދިމާވެފައިވާތީ، ނައިވާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފަށައި އެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ނައިވާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިމި، ފެނަކައިން އެ ރަށުގައި ހިދުމަތްދޭން ފަށާފައި ވަނީ، ހުސްވި އޮގަސްޓް މަހުގެ 07 ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތުން ނައިވާދޫގެ 4.5 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް އަޅައި 174 ގޭބިސީއަކަށް މިހާރު ވަނީ ފެން ގުޅައިދީފައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ.