ބާރަށް ތަރައްގީ ކުރިއަށްދިޔަ ޒަމާނެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ތާރީހުގައި ލިޔަމުންދާނެ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު, ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ, މި ސަރުކާރުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

އޭގެ ސަބަބަކީ ތަފާތުކުރުންތައް ނެތުމާއި މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ރާއްޖޭގައި މަސައްކަތްތައް ފެތުރިފައިވުމުގެ އިތުރުން ރާއްޖޭގައި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ފަހިވެފައި އޮތުން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ, ގައުމެއް ކުރިއަރައިގެން ދިއުން ބިނާވެފައި އޮންނަނީ ގައުމެއްގައި އޭރު ވެރިކަންކުރަން ތިބޭ ބައެއްގެ ސިޔާސަތާއި ވިސްނުމާއި ތަރައްގީގެ ކަންކަން ރާވާ ގޮތަކުން ކަމަށެވެ.

އެގޮތުން އަތޮޅުތަކާ ދޭތެރޭ ވިސްނައި ކޮންމެ ރަށަކީވެސް ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލައި އެ ރަށްތަކުގައި ހުންނަ ހިދުމަތްތައް އެއްރަށުން އަނެއް ރަށަށް ލިބޭނެ ގޮތް ހެދުމަށް ވިސްނައި އެ ތަރުތީބު ކުރާނެ ފިކުރު މި ސަރުކާރުގައި އެބަހުރި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ސޯލިހުގެ ވެރިކަން މުސްތަގުބަލުގައި ރާއްޖޭގެ ތާރީހުގައި ލިޔާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ރާއްޖޭގައި ކިޔައި އުޅޭނެ އަސާސީ ތައުލީމުގެ ޒަމާން. މިވެރިކަމުގައިދާނެ ހަމަ ޔަގީނުންވެސް ސާފުތާހިރު ދިރިއުޅުމަކަށް މަގުފަހިކޮށްދިން ޒަމާން. ނަޖިސްވަޅުގަނޑު ސާފުކުރަން ނުޖެހުނު ޒަމާން. ބޯފެން ކަށަވަރުކޮށްދިން ޒަމާން. އެއްރަށުން އަނެއް ރަށަށް ގުޅުވައިދިން ޒަމާން. މުޅި ރާއްޖެ ލާމެހިފައިވާ ތަނަކަށް ހައިދިން ޒަމާން. ބާރަށް ތަރައްގީ ކުރިއަށްދިޔަ ޒަމާނެއްގެ ގޮތުގައި މި ދުވަސްވަރު ހަމަ ޔަގީނުންވެސް ތާރީހުގައި ލިޔަމުންދާނެ," އަސްލަމް ވިދާޅުވިއެވެ.