ރާއްޖޭގައި ދައުރުކުރަމުން އަންނަ 50ރ ގެ ނޫޓު މަދުމުވުމުގެ ސަބަބުން އިތުރަށް ޗާޕުކޮށްފި އެވެ.

އެމްއެމްއޭއިން އިއްޔެ އިއުލާނުކުރި ގޮތުގައި ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 50 ރުފިޔާގެ ނޫޓު އަލުން ޗާޕުކޮށްގެން 25 ސެޕްޓެމްބަރު 2022 ގައި ރާއްޖެ ގެނެސް، ދައުލަތުގެ ހަޒާނާގައި ވަނީ ރައްކާކޮށްފައެވެ.

ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މީގެ ކުރިން ވަނީ ފަސް ރުފިޔާ އާއި ދިހަ ރުފިޔާ އަދި 20 ރުފިޔާގެ އިތުރުން 100 ރުފިޔާގެ ނޫޓު ވެސް އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފަ އެވެ. ނޫޓު ތަކުގެ އިތުރުން ވަކި ލާރި ވެސް އެމްއެމްއޭ އިން އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފައި ވެއެވެ.

މިހާރު ބޭނުން ކުރަމުން އަންނަ ރަން ދިހަފަހެއް ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރުނު ސީރީޒް އެކެވެ. ރަން ދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނެނީ 1000 ރުފިޔާގެ ނޫޓް، 500 ރުފިޔާގެ ނޫޓް 100 ރުފިޔާގެ ނޫޓް، 50 ރުފިޔާގެ ނޫޓް 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓުގެ އިތުރުން ފަސް ރުފިޔާގެ ނޫޓެވެ. މި ނޫޓްތައް ތައްޔާރުކޮށްފައި ވަނީ ޕޮލީމާ މެޓީރިއަލް އިންނެވެ.